Roadha Mihaaru
ޖަލްސާ ފޫހި، މަޖުބޫރު، އެންމެ ފަހުން ނުކުތީ!

ޖަލްސާ ފޫހި، މަޖުބޫރު، އެންމެ ފަހުން ނުކުތީ!

29 ނޮވެމްބަރ 2016

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާ އިން ގިނަ ބަޔަކު ނުކުމެގެން ދިއުމުން އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއިން ދައްކައިދެނީ ގިނަ ބައެއްގެ ހިތުގައި ސަރުކާރަށް ތާއީދު ނެތް ކަމެވެ. އަނެއް ބަޔަކު ބުނަނީ ޖަލްސާ އެހާ ފޫހި ކަމަށެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާ އިން ގިނަ ބަޔަކު ނުކުމެގެން ދިއުމުން އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއިން ދައްކައިދެނީ ގިނަ ބައެއްގެ ހިތުގައި ސަރުކާރަށް ތާއީދު ނެތް ކަމެވެ. އަނެއް ބަޔަކު ބުނަނީ ޖަލްސާ އެހާ ފޫހި ކަމަށެވެ.

އެކަމަކު ސަަރުކާރުގެ އިސް ބައެއް ވެރިން ވިދާޅުވާ ގޮތުގައި ރޭގެ ޖަލްސާ ކާމިޔާބެވެ. ގޮނޑިތައް ހުސްވީ ޖަލްސާ ރޭވިފައި އޮތް ގޮތުންނެވެ.

ޖަލްސާގެ ކުރިން ވެސް ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވިކަމުގެ ވާހަކަ އޮތީ އާންމުވެފަ އެވެ.

އެކަމަކު ޖަލްސާ ފެށިއިރު، ހުރިހާ ގޮނޑިއެއްހެން އޮތީ ފުރިފަ އެވެ. ގޮނޑިތައް ހުސްވެ، ގިނަ މީހުން ނުކުމެގެން ދިޔައީ ވަކި ހިސާބަކުންނެވެ.

"ހަބޭސް ތިނެއް" ގެ ޖަލްސާ ނިމެން ގާތްވެފައި ވަނިކޮށް، ޖަލްސާގެ ފަހަތް ފެންނަ ގޮތް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

"ހަބޭސް ތިނެއް" ގެ ޖަލްސާ ނިމެން ގާތްވެފައި ވަނިކޮށް، ޖަލްސާގެ ފަހަތް ފެންނަ ގޮތް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސިވިލް ސާވިސް މުވައްޒަފަކު ބުނީ އެ މިނިސްޓްރީގެ ހުރިހާ ސެކްޝަނެއްގެ މުވައްޒަފުންނާ ވެސް ޕާމަނަންޓް ސެކްރެޓަރީ ވަކިވަކިން ބައްދަލުކުރައްވާ، ޖަލްސާ އަށް ދައުވަތު ދެއްވި ކަމަށެވެ. އަދި ޖަލްސާ އަށް ނުދާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާޒިރީ ބަލާނެ ވާހަކަ އާއި އެހެން ފިޔަވަޅެއް އަޅަން ޖެހިއްޖެއްޔާ އެކަން ވެސް ކުރަން ފަސްނުޖެހޭނެ ކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި،" އެ މުވައްޒަފު ބުންޏެވެ.

ޖަލްސާގައި ބައިވެރިވި އެހެން މުވައްޒަފަކު ބުނީ އޭނާ ދިޔައީ އުންމީދީ ވާހަކަތަކެއް އިވޭނެ ކަމުގެ އުފަލުގައި ކަމަށެވެ. ނަމަވެސް ހީކުރިވަރުގެ ވާހަކަތަކެއް މިނިސްޓަރުން ވެސް ނުދައްކަވާ ކަމަށް އޭނާ ބުންޏެވެ.

"ހަބޭސް ތިނެއް" ގައި ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ހަބޭސް ތިނެއް" ގައި ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ސިވިލް ސާވިސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް ވާނެ ކަމަށް އުންމީދުކުރީ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައި އޮތްއިރު، ޖީބަށް ލިބޭ ފައިސާ އިތުރުވާނެ ކަހަލަ އުފާވެރި ހަބަރެއް ދޭނެ ކަމަށް ހީކުރިން. އެކަމަކު ޖަލްސާއިން އިވުނީ އަބަދުވެސް ދައްކާ ވާހަކަތައް،" އޭނާ ބުންޏެވެ.

އިދިކޮޅު އެމްޑީޕީން ބުނި ގޮތުގައި މަޖުބޫރުނުކުރާ ނަމަ ޖަލްސާ އަށް އެހާ ގިނަ މުވައްޒަފުން ނުދިޔައީހެވެ.

"މުނިފޫހިފިލުވުން ނުވަތަ މަޖާ އައިޓަމްތަކެއް ބާއްވާ، ރައީސް ދެތިން ވާހަކަފުޅެއް ދައްކަވާލީމާ އެ ނިމުނީ. އެ ހިސާބުން ދެން ޖެހޭނީ ޖަލްސާ ނިންމާލަން،"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މުވައްޒަފުންގެ ހާޒިރީ ބެލުމާ އެކު ގިނަ މުވައްޒަފުން ޖަލްސާ ދޫކޮށް ދިއުމުން އެކަން ސާފުކޮށް އެނގޭ ކަމަށެވެ.

"ހާޒިރީ ބަލާނެކަން އަންގާފައި އޮތީމަ ގިނަ ބަޔަކު މަޖުބޫރީ ހާލަތުގައި ޖަލްސާއަށް ދިޔައީ. މަޖުބޫރީ ހާލަތުގައި މީހުން ގެންގޮސްގެން ސަރުކާރަށް ތާއީދު ނެތްކަން ޖަލްސާއިން ހާމަވީ،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ޖަލްސާއަށް ދިޔައީ ވަޒީފާގެ ބިރަށެވެ. ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތައް އަޑު އަހަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކު ގަބޫލެއްނުކުރޭ ރައީސް ޔާމީންގެ ތިން އަހަރަކީ ހަބޭސް ތިން އަހަރު ކަމަކަށް. ޖަލްސާއިން ވަރަށް ސާފުކޮށް އެނގިއްޖެ، ރައީސް ޔާމީނަށް ރައްޔިތުންގެ ލޯތްބާއި ތާއީދު ނެތްކަން،" އޭނާ ވިދާޅުވި އެވެ.

"ހަބޭސް ތިނެއް" ގައި މުއިއްޒު ވާހަކަ ދައްކަވަނީ: ގިނަ ބަޔަކު ޖަލްސާ ދޫކޮށް ދިޔައީ ޒަރޫރީ ބޭނުންތަކެއް ހުރުމުން ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ހަބޭސް ތިނެއް" ގައި މުއިއްޒު ވާހަކަ ދައްކަވަނީ: ގިނަ ބަޔަކު ޖަލްސާ ދޫކޮށް ދިޔައީ ޒަރޫރީ ބޭނުންތަކެއް ހުރުމުން ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

އެމްޑީޕީންނާއި ބައެއް މުވައްޒަފުންގެ ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ހަބޭސް ޖަލްސާ" ވަރަށް ކާމިޔާބު ކަމަށެވެ. އަދި ޖަލްސާގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ބޭއްވި ޖަލްސާގައި ވަރަށް ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރެވުނު، އަޅުގަނޑަށް ފާހަގަކުރެވުނީ ވަރަށް ރަނގަޅު ޖަލްސާއެއް ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުން ޖަލްސާއަށް ދިޔައީ މަޖުބޫރީ ހާލަތުގައި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ. އެއްވެސް މުވައްޒަފަކު މަޖުބޫރީ ހާލަތުގައި ޖަލްސާއަށް ގޮސްފައި ނުވާނެ ކަމަށާއި އެފަދަ ހާލަތެއްގައި މީހަކު ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަބޫލެއް ނުކުރަން މަޖުބޫރީ ހާލަތުގައި ދިޔަ ކަމަކަށް. އެއްވެސް މުވައްޒަފަކު މަޖުބޫރު ކަމެއް އޮވެގެނެއް ނޫން ޖަލްސާގައި ބައިވެރިވީ،" އޭނާ ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖަލްސާ ފެށި އިރު ހުރިހާ ގޮނޑިއެއް ފުރުނު ނަމަވެސް ލަސްވި ވަރަކަށް މީހުން ނުކުތީ "ޒަރޫރީ ބޭނުންތައް" ފުރިހަމަކުރަން ބޭނުންވެގެން ކަމަށެވެ.

"އަޅުގަނޑުމެން މުވައްޒަފުން މި ތަނުގައި ބެހިން 12،000 ބެޖު. އެ ބެޖުތައް ހުސްވެގެން ދިޔައީ. އެ ބެޖު ހުސްވެގެން އަޅުގަނޑުމެން ކައިރިއަށް ގިނަ ބަޔަކު އައި. އެހެންކަމުން އެއީ މިތަނަށް އައި މީހުންގެ އަދަދު ރަމްޒުކޮށްދޭ އެއް ކަންތައް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވުމުން އެނގެނީ ރައީސް ޔާމީނާ އެކު ތިބިކަމެވެ. ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އަތުކުރި އޮޅާލައިގެން ތިބީ ޕީޕީއެމް ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލްސާގެ ވަކި ހިސާބަކުން ގިނަ ބަޔަކު ވަނީ ނުކުމެގެން ގޮސްފައި- – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ޖަލްސާގެ ވަކި ހިސާބަކުން ގިނަ ބަޔަކު ވަނީ ނުކުމެގެން ގޮސްފައި- – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ބައެއް މީހުން ބުނި ގޮތުގައި ޖަލްސާގެ ފޫހިކަން ވަރަށް ބޮޑެވެ. ހުރިހާ ބޭފުޅުން ދެއްކެވީ ސަރުކާރުގެ ވެރިން އަބަދު ދައްކަމުން، ޓީވީއެމުން ހަތަރު ދަމުން މިހާރު ފޮނުވަމުން އަންނަ ވާހަކަތައް ކަމަށް އެމީހުން ބުނެ އެވެ.

ރައީސް ޔާމީން ފެކްޝަންގެ އިސް ވެރިޔަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އެހާ ގިނަ ބަޔަކު ބައިވެރިވި ޖަލްސާއެއްގައި ބަލަން ޖެހޭނީ ފޫހިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށް، ޖަލްސާ ކުރުކުރަން ކަމަށެވެ.

"މުނިފޫހިފިލުވުން ނުވަތަ މަޖާ އައިޓަމްތަކެއް ބާއްވާ، ރައީސް ދެތިން ވާހަކަފުޅެއް ދައްކަވާލީމާ އެ ނިމުނީ. އެ ހިސާބުން ދެން ޖެހޭނީ ޖަލްސާ ނިންމާލަން،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. ޖަލްސާ އަށް ވަޑައިގެންނެވި ގޮތަށް ސްޓޭޖަށް އަރައިވަޑައިގެން، އެންމެންނަށް އަތްޕުޅުން އިޝާރަތްކުރެއްވުމަށް ފަހު އިށީދެވަޑައިގަތީ އެވެ.

ޖަލްސާގައި ފެނުނު ފޫހި ކަންކަމުގެ ތެރޭގައި ބައެއް ބޭފުޅުންގެ ވާހަކަތަކާއި ސަރުކާރުން ހާސިލްކުރި ކާމިޔާބީތަކާ ބެހޭ ގޮތުން ދެއްކި ދިގު ޕްރެޒަންޓޭޝަންތައް ހިމެނޭ ކަމަށް، ބައެއް މީހުން ބުނެ އެވެ.