Roadha Mihaaru
ފިލްމު އެސޯސިއޭޝަންގެ ޗެއާއަކަށް މުއާ

ފިލްމު އެސޯސިއޭޝަންގެ ޗެއާޕާސަން ކަމަށް މުއާ

08 މެއި 2024

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑުން ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު 30 ގަ އެވެ.

ސުންގަޑި ހަމަވި އިރު، މުއާ ފިޔަވާ އިތުރު މީހަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ، އިންތިހާބެއް ނުބާއްވަން އެމްއެފްއޭގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މުއާ ވަނީ 2015 އިން 2016 އާ ހަމަ އަށް އެފްއެމްއޭގެ ވައިސް ޗެއާޕާސަންކަން ވެސް ކޮށްފަ އެވެ.

މި މަގާމަށް ހޮވުމާ ގުޅިގެން މުއާ މިއަދު "މިހާރު" އަށް ބުނީ އޭނާ ބޮޑަށް ބޭނުންވަނީ ދާއިރާގެ ކަންކަން ރަނގަޅުކުރަން ކަމަށެވެ.

"އަމިއްލަ ނޮލެޖު ބޭނުން ކޮށްގެން އަމިއްލަ ގޮތަކަށް ކަންކަން ކުރިއަރުވަން. ދާއިރާ އަށް އިތުރު ކުރިއެރުމެއް ހޯދުމަށް މަސައްކަތް ކުރަން،" މުއާ ބުންޏެވެ.

މުއާ ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ މަގާމު ވެސް ކުރިން އަދާކޮށްފަ އެވެ. އަދި ދިވެހި ފިލްމީ ދާއިރާގެ އެކި ކަންކަމުގައި އޭނާ އިސްކޮށް އުޅުނެވެ.

އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމަށް މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިންތިހާބުވި މުހައްމަދު ނަޝީދު (ބޭބީ) އޭގެ ދެ ދުވަސް ފަހުން ނިޔާވުމާ ގުޅިގެންނެވެ.