Roadha Mihaaru
އެމްއެފްއޭ އިން މާދަމާ މަހަށް؛ ފައިސާ ފަލަސްތީނަށް

ފިލްމު އެސޯސިއޭޝަނުން 50 ޓީމާ އެކު މާދަމާ މަހަށް؛ ހުރިހާ ފައިސާއެއް ފަލަސްތީން ފަންޑަށް

02 ނޮވެމްބަރ 2023

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދާ "އިންސާނިއްޔަތަށްޓަކާ" ފަންޑްރެއިޒިން ހަރަކާތުގެ ތެރެއިން މާދަމާ މަސް ދަތުރެއް ބާއްވަން ނިންމައިފި އެވެ.

އެ އެސޯސިއޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، މާލެ އާއި އެކި ރަށްރަށުން ޓީމުތައް ބައިވެރިވާ ހަރަކާތް ކުރިއަށް ގެންދަނީ ފިލްމު އެސޯސިއޭޝަނާއި ރާއްޖެ އަންނަ ޓޫރިސްޓުންނަށް މަސް ބޭނުމުގެ ކަންކަން އިންތިޒާމުކޮށް ދޭ ސްޕޯޓްސް ފިޝިން މޯލްޑިވްސްއާ ގުޅިގެންނެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިންޒާމުކޮށްގެން ބާއްވާ މަސް ދަތުރުގައި ލިބޭ ފައިސާ ހަދިޔާކުރަނީ ފަލަސްތީން ފަންޑަށް.-- ފޮޓޯ: ފިލްމު އެސޯސިއޭޝަން

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިންޒާމުކޮށްގެން ބާއްވާ މަސް ދަތުރުގައި ލިބޭ ފައިސާ ހަދިޔާކުރަނީ ފަލަސްތީން ފަންޑަށް.-- ފޮޓޯ: ފިލްމު އެސޯސިއޭޝަން

މާލެއިން މަހަށް ފުރާ ޓީމުތައް މާދަމާ މެންދުރު ފަހު 2:00 ގައި ފުރާނީ މަސްވެރިންގެ ޕާކު ކުރިމަތިންނެވެ. އެ ޓީމުތަކާއި މާލެ ކައިރި ބައެއް ރަށްރަށުން މަހަށް ނުކުންނަ ޓީމުތައް މަސް ބާނާ ނިންމައިގެން މާލެ އަށް ލަފާނީ ޓީ-ޖެޓީ ސަރަހައްދަށް މާދަމާ ރޭ 9:00 ގަ އެވެ.

އޮފިޝަލް ވިދާޅުވީ އެންމެ ގިނައިން މަސް ބާނާ ޓީމަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ ކަމަށާއި އެ ފައިސާ ހަދިޔާކުރާނީ ފަލަސްތީން ފަންޑަށް ކަމަށެވެ. އަދި އެންމެ ފުލުގައި އޮންނަ ޓީމަށް ޖެހޭނީ އެ ފަންޑަށް 2،000ރ. ހަދިޔާކުރަން ކަމަށެވެ.

"ހުރިހާ ޓީމަކުން ބާނާ މަސް، މާލެ މެރީބްރައުން ކުރިމަތީ، ތޮށިގަނޑު މަތީގައި ވިއްކާނީ. އެ ހުރިހާ މަހެއް ވިއްކައިގެން ލިބޭ ފައިސާ ވެސް ފަލަސްތީން ފަންޑަށް ހަދިޔާކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިންޒާމުކޮށްގެން ބާއްވާ މަސް ދަތުރުގައި ލިބޭ އިނާމުތައް: މި ފައިސާ ހަދިޔާކުރަނީ ފަލަސްތީން ފަންޑަށް.-- ފޮޓޯ: ފިލްމު އެސޯސިއޭޝަން

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިންޒާމުކޮށްގެން ބާއްވާ މަސް ދަތުރުގައި ލިބޭ އިނާމުތައް: މި ފައިސާ ހަދިޔާކުރަނީ ފަލަސްތީން ފަންޑަށް.-- ފޮޓޯ: ފިލްމު އެސޯސިއޭޝަން

މި މަސް ދަތުރުގައި އެންމެ ބޮޑު މަހެއް ބާނާ މީހަކަށް ދޮއްޓެއް ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ފަލަސްތީން ފަންޑަށް ފައިސާ އެއްކުރުމަށް ފިލްމު އެސޯސިއޭޝަނުން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. މިދިޔަ ހަފުތާ ބަންދުގައި ފިލްމު ފެސްޓިވަލަކާއި ކުޑަކުދިންގެ ހަވީރަކާއި ޖަމްބަލް ސޭލްއެއް ބޭއްވި އެވެ. އެ އެސޯސިއޭޝަނުން ވަނީ މިދިޔަ ދުވަސްތަކުގައި މާލެ އަތޮޅު ބައެއް ރަށްރަށުގައި ވެސް ފަންޑްރެއިޒިން އިވެންޓުތައް ބާއްވައިފަ އެވެ.