Roadha Mihaaru
"އުޅުންހުރި ޖީލެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް"

އުޅުންހުރި ޖީލެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް

10 މެއި 2024

ދިވެހިވަންތަ ކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއް ބިނާކުރުމަކީ ހުރިހާ ދިވެހިންގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ދިވެހިވަންތަ ކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއް ބިނާކުރުމަކީ ހުރިހާ ދިވެހިންގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވެވި ހިތޯބުގައި ވިދާޅުވީ، ކުޑަކުދީންނަށް ހިމާޔަތާއި، ދިރިއުޅުމުގެ ފަހި ފުރުސަތުތަކަށްޓަކައި ބޭނުންވާނެ ގާނޫނުތައް ހަދައި، އިދާރާތައް އުފައްދައި، ނިޒާމުތައް ގާއިމުކުރުމުގައި ވެސް ބޮޑެތި އަދި މުހިންމު އެތައް މަސައްކަތެއް ރާއްޖޭގައި ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ސަރުކާރުން މިކަން އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހުރިހާ ކަމަކާއެކު ދިވެހި ހުރިހާ ބޮޑު މީހެއްގެ މައްޗަށް ވަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ކުޑަކުދީންނަށް ރައްކާތެރިކަން ދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެ ކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކު ވެސް ދެމިހުރުން ކަމަށެވެ.

"ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރަންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގަ އެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖޭގެ އެކި ރަށްރަށުން އެ ރަށްތަކުގައި ކުޑަކުދިންގެ ޕާކު ހަދަން އެދޭ ކަން ފާހަގަކުރައްވައި އެފަދަ ތަންތަން ބިނާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުހާނާތައް ބިނާކުރާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

މީގެ އިތުރުން މިފަދަ ދުވަހެއް ފާހަގަކުރާއިރު އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ބިކަ ހާލުގައި އުޅެން ޖެހިފައިވާ އެތައް ހާސް ފަލަސްތީނު ކުދިންގެ ތަކުލީފުތަކުން ހިތަށް ހިތާމަވެރިކަން ކުރުވާ ކަމަށް ވެސް ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވިއެވެ.

"އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެ ވެސް ދަރީންނެވެ." ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10 ވަނަ ދުވަހު އެކިކަންކޮޅުތަކުގައި ކުލަގަދަކޮށް މި ދުވަސް ފާހަގަކުރެ އެވެ.