Roadha Mihaaru
ހޮލީވުޑްގެ ފިލްމެއްގައި ދިވެހި އާޓިސްޓެއްގެ ޕޯސްޓަރެއް

ހޮލީވުޑްގެ ފިލްމެއްގައި ދިވެހި އާޓިސްޓް ޝިމްހާގްގެ ޕޯސްޓަރެއް

12 މެއި 2024

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" އަށް ދިވެހި ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް ތައްޔާރުކޮށްފައިވާ ޕޯސްޓަރު އާންމުކޮށްފި އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" އަށް ދިވެހި ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް ތައްޔާރުކޮށްފައިވާ ޕޯސްޓަރު އާންމުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" އަކީ ޓުވެންޓިއެތު ސެންޗުރީ ސްޓޫޑިއޯސް އިން އުފައްދާފައިވާ ސައިންސް ފިކްޝަން އެކްޝަން ފިލްމެކެވެ. މަޝްހޫރު "މޭޒް ރަނާ"ގެ ފިލްމުތައް ގެނެސްދިން، ވެސް ބޯލް ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ މަޝްހޫރު އެކްޓަރުން ކަމަށްވާ ފްރެޔާ އެލަން އާއި ލިޑިއާ ޕެކްހަމް އަދި އޮވެން ޓީގް އެވެ.

ޝިމްހާގް އަކީ އެމެރިކާގެ ކްރިއޭޓިވް އެޖެންސީއެއް ކަމަށްވާ "ޕޯސްޓާ ޕޯސް" އަށް މަސައްކަތްކުރާ އާޓިސްޓެކެވެ. އެ އެޖެންސީ އަކީ ޓުވެޓިއެތު ސެންޗުރީ އާއި ޔުނިވާސަލް އާއި ލެޖެންޑަރީ އަދި ލަޔަންސް ގޭޓް ކަހަލަ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯތަކަށް ޕޯސްޓަރުތައް ތައްޔާރުކޮށްދޭ ބައެކެވެ.

"މީގެ ކުރިން ވެސް އެމީހުންނާ އެކު މަސައްކަތް ކުރިން. އެއީ ޔުނިވާސަލްގެ 'ރެންފީލްޑް' ފިލްމުގެ ޕޯސްޓަރާއި ބެތެސްޑާ ސްޓޫޑިއޯސްގެ "ސްޓާފީލްޑް" ގޭމް އަދި "ދަ ލާސްޓް އޮފް އަސް" ގޭމްގެ 10 ވަނަ އަހަރީ ދުވަހަށް ޕްލޭސްޓޭޝަން އާއި ނޯޓީ ޑޮގްއާ އެކު ޕޯސްޓަރުގެ މަސައްކަތް ކުރެވުނު،" ޝިމްހާގް ބުންޏެވެ.

ޝިމްހާގް ބުނި ގޮތުގައި، ފިލްމުތަކަށް ޕޯސްޓަރު ޑިޒައިންކުރާނެ އާޓިސްޓަކު ކަނޑައަޅަނީ ސްޓޫޑިއޯތަކުން އެމީހުންނަށް ކަމުދާ އާޓިސްޓުންގެ ޕޯޓްފޯލިއޯ އަށް ބެލުމަށް ފަހުގަ އެވެ. އަދި އެއަށް ފަހު އާޓިސްޓުންނަށް ފުރުސަތު ދީ، ނޮން ޑިސްކްލޯސާ އެގްރީމަންޓްގައި ސޮއިކުރުމަށް ފަހު މަސައްކަތް ފަށަ އެވެ.

"ދެން އަޅުގަނޑުމެން އެކި ސްޓޭޖުތަކަށް ބަހާލައިގެން ޕޯސްޓަރު ތައްޔާރުކުރަމުން ދަނީ، އެމީހުން ކަނޑައަޅާފައިވާ މުއްދަތަށް ފައިނަލް ޕްރޮޑަކްޓް ޑެލިވަރީ ކުރުމަށް،" އޭނާ ބުންޏެވެ.

"ފިލްމުތަކަށް ޕޯސްޓަރު ހަދާއިރު، އާންމުކޮށް ފިލްމު ރިލީޒްކުރުމުގެ 3-4 ހަފުތާ ކުރިން ފަށަން. ދެން ނިންމާލަނީ ފިލްމު ރިލީޒްކުރުމާ ކައިރީގައި، ފިލްމުގެ މާކެޓިން އަށް ބޭނުންކުރެވޭ ގޮތަށް. އަޅުގަނޑު ޕޯސްޓަރު ވެސް އެގޮތަށް މި އާންމުކުރީ."

ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް.

ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް.

ޑިޖިޓަލް އާޓްގައި ޝިމްހާގް އަކީ މިހާރު އެންމެ ފާހަގަކޮށްލެވޭ ދިވެހި އާޓިސްޓެވެ. އޭނާގެ މަސައްކަތްތަކަށް މީގެ ކުރިން ވެސް ދުނިޔޭގެ ސަމާލުކަން ލިބިފައިވެ އެވެ.

އޭގެ ތެރޭގައި، އޭނާގެ ޑިޖިޓަލް އާޓްސް ކަލެކްޝަންގައިި ހިމެނޭ ސިންގާއެއްގެ މޫނު ސިފަކޮށްދޭ "ކޮސްމިކް ލަޔަން"ގެ ކުރެހުން ހިމެނެ އެވެ. އެ ކުރެހުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނީ އެމެރިކާގެ މިއުޒީޝަނެއް އެރަން ކާޓާ އެ ކުރެހުން ވަގަށް ނަގައިގެން އޭނާގެ އަމިއްލަ ވިޔަފާރިއަށް ބޭނުންކުރިކަން ފަޅާއެރުމުންނެވެ. އެ މައްސަލާގައި އާރޮންއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާކޮށް ޝިމްހާގް ވަނީ ކާމިޔާބުކޮށްފަ އެވެ.

ޝިމްހާގްގެ ގާނޫނީ ވަކީލުން އެރަންއާ ދެކޮޅަށް ހުށަހެޅީ އެމެރިކާގެ ކޮޕީރައިޓްސް ގާނޫނުގެ ދަށުން މާލީ ބަދަލު ހޯދުމަށެވެ.