Roadha Mihaaru

އޮސްކާ އެވޯޑް ހަފުލާ 2029 އިން ފެށިގެން ޔޫޓިއުބުން ސްޓްރީމްކުރަނީ

އޮސްކާ އެވޯޑަށް ގަރުނެއް ފުރުމާ ދިމާކޮށް އެ ހަފުލާ 2029 އިން ފެށިގެން ޔޫޓިއުބުން ލައިވް ސްޓްރީމް ކުރަން ނިންމައިފި އެވެ.

އޮސްކާ އެވޯޑް ހަފުލާ 2029 އިން ފެށިގެން ޔޫޓިއުބަށް

އޮސްކާ އެވޯޑަށް ގަރުނެއް ފުރުމާ ދިމާކޮށް އެ ހަފުލާ 2029 އިން ފެށިގެން ޔޫޓިއުބުން ލައިވް ސްޓްރީމް ކުރަން ނިންމައިފި އެވެ.

އެ އެވޯޑް އިންތިޒާމުކުރާ އެކެޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސެސް އިން އިއްޔެ އިއުލާންކުރި ގޮތުގައި 2029 ވަނަ އަހަރުން ފެށިގެން އޮސްކާ އެވޯޑް ހަފުލާ ލައިވް ސްޓްރީމް ކުރާނީ ޔޫޓިއުބުންނެވެ.

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން އެ ހަފުލާ ސްޓްރީމް ކުރަން ނިންމީ، ވީހާ ވެސް ގިނަ ބަޔަކަަށް އެ ހަފުލާ ބެލޭނެ، ބޮޑު އޯޑިއެންސެއް އޮތް ޕްލެޓްފޯމަކުން ހަފުލާ ގެނެސްދިނުމުގެ މަގުސަދުގައި ކަމަށް އެކެޑަމީން ބުންޏެވެ.

އެ ހަފުލާ ޔޫޓިއުބުން ލައިވް ސްޓްރީމް ކުރަން ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.

އޮސްކާ އެވޯޑް ހަފުލާ މިހާރު ގެނެސްދެނީ ޑިޒްނީގެ ދަށުން ހިންގާ އެމެރިކާގެ ބްރޮޑްކާސްޓަރެއް ކަމަށްވާ އޭބީސީންނެވެ. އެ ހަފުލާ 1971-1975 އަށް އެންބީސީން ވެސް ގެނެސްދިނެވެ. ނަމަވެސް، އެހެން ހުރިހާ އަހަރަކު ގެނެސްދިނީ އޭބީސީންނެވެ.

އެކެޑަމީން އޭބީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރު ހަމަވާނެ އެވެ. އެ އަހަރު ބާއްވާނީ އޮސްކާގެ 100 ވަނަ އެވޯޑް ހަފުލާ އެވެ.

އެހެންކަމުން، 101 ވަނަ އޮސްކާ އެވޯޑް ހަފުލާއިން ފެށިގެން އެ ހަފުލާ ދެން ގެނެސްދެނީ ޔޫޓިއުބުންނެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ ބާއްވަނީ މާޗު 15 ގަ އެވެ.