Roadha Mihaaru

ހޮލީވުޑްގެ ޑައިރެކްޓަރަކާ އެކު ސައުދީން ޚާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ފިލްމެއް ހަދަނީ

ހޮލީވުޑްގެ ޑައިރެކްޓަރަކާ އެކު ސައުދީ އަރަބިއްޔާ އިން މާތްﷲގެ ކަނޑިކޮޅުގެ ލަގަބު ލިބިވަޑައިގެންފައިވާ ހާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ޚާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ފިލްމެއް ހަދަނީ

ހޮލީވުޑްގެ ޑައިރެކްޓަރަކާ އެކު ސައުދީ އަރަބިއްޔާ އިން މާތްﷲގެ ކަނޑިކޮޅުގެ ލަގަބު ލިބިވަޑައިގެންފައިވާ ހާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޑެޑްލައިން"ގެ ރިޕޯޓެއްގައި ބުނީ "އަންބްރޯކެން ސްވޯޑް"ގެ ނަން ދީފައިވާ އެ ފިލްމު ޑައިރެކްޓު ކުރަނީ އެޗްބީއޯގެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ ޑައިރެކްޓަރެއް ކަމަށްވާ އުޒުބެކިސްތާނުގެ އާލިކް ސަހަރޯވް އެވެ.

ސަހަރޯވް ވަނީ މަޝްހޫރު ސީރީޒްތައް ކަމަށްވާ "ހައުސް އޮފް ކާޑްސް" އާއި "އޮޒާކް" އަދި "މާކޯ ޕޯލޯ"ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

"އަންބްރޯކެން ސްވޯޑް"ގެ ޕްރޮޑިއުސަރުންގެ ތެރޭގައި "ހައުސް އޮފް ދަ ޑްރެގަން" އާއި "މާކޯ ޕޯލޯ" އަދި "ދަ ލޯޑް އޮފް ދަ ރިންގްސް"ގައި މަސައްކަތްކުރި ރިޗާޑް ޝާކީ ހިމެނޭ ކަމަށް ވެސް ޑެޑްލައިން އިން ބުންޏެވެ.

މި ފިލްމުގެ މަސައްކަތްތައް ކުރަނީ ސައުދީގައި ގިއްދިޔާ ސިޓީގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު، ވަރަށް ފަހުން ހުޅުވި މުޅިން އާ ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ "ޕްލޭމޭކާ ސްޓޫޑިއޯސް"ގަ އެވެ. އެ ސްޓޫޑިއޯއަކީ ވެރިރަށް ރިޔާދުގެ ބޭރުގައި ހިންގާ އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާ އާއި ޓޫރިޒަމް ދާއިރާގެ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށް ރިޕޯޓްތައް ބުންޏެވެ.

"ޕްލޭމޭކާ ސްޓޫޑިއޯސް"އަކީ މެދުއިރުމަތީގެ މުނިފޫހިފިލުވުމުގެ ދާއިރާ ބަދަލުކޮށްލައި، އެ ދާއިރާގައި ސައުދީގެ ބާރު ވަރުގަދަކުރުމަށް ހުޅުވި ތަނެއް ކަމަށް ބައެއް ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ޑެޑްލައިންގައި ބުނީ ހާލިދު އިބްނު ވާލިދުގެ ހަޔާތްޕުޅަށް ހަދާ އެ ފިލްމަކީ ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީގެ އެއްބާރުލުމާ އެކު އުފައްދާ ފިލްމެއް ކަމަށެވެ. އަދި އެ ފިލްމަށް ފައިސާ ހަރަދުކޮށް، ޕްރޮޑިއުސް ކުރަނީ ސައުދީގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ އެ ގައުމުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ "ސެލާ" އިން ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

"އަންބްރޯކެން ސްވޯޑް"ގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅުގައި ފަށާނެ ކަމަށާއި އެ ފިލްމުގެ ކްރޫގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ޑެޑްލައިން އިން ބުންޏެވެ.

ނަމަވެސް، އެ ފިލްމުގެ ކާސްޓު އަދި އިއުލާން ނުކުރެ އެވެ.

މުޅި ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަދި އެންމެ ކުޅަދާނަ ހަނގުރާމައިގެ ކޮމާންޑަރު ޚާލިދު އިބްނު ވަލީދު މަޝްހޫރުވެ ވަޑައިގެންފައި ވަނީ އެކަލޭގެފާނުގެ ތޫނުފިލިކަމާއި ލީޑާޝިޕާއި ހަނގުރާމަ ކުރުމުގައި ގެންގުޅުއްވި މޮޅެތި އުކުޅުތަަކާއި އަދި ލިބިވަޑައިގެންފައިވާ ހަނގުރާމައިގެ މޮޅެތި ހުނަރުތަކުގެ ސަބަބުންނެވެ.

ގުރައިޝުންގެ ދަރިކޮޅެއް ކަމުގައިވާ މަހްޒޫމީ ދަރިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ޚާލިދު އިބްނު ވަލީދު އިސްލާމްވެވަޑައިގަތީ ހިޖުރައިން ހަތްވަނަ އަހަރު ހައިބަރު ހަނގުރާމައަށް ފަހުގަ އެވެ. ނަމަވެސް، ބައެއް ރިވާޔަތްތަކުގައިވާ ގޮތުގައި ހައިބަރު ހަނގުރާމައިގެ ކުރިން އެކަލޭގެފާނަށް އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ލިބިވަޑައިގެންނެވި އެވެ.