Roadha Mihaaru
ރަސްމީ ފާލަން ފެންނާނީ 1950ގެ ސްޓައިލަށް

ރަސްމީ ފާލަން ދެން ފެންނާނީ 1950ގެ ސްޓައިލަށް

13 މެއި 2024

މާލޭގެ ރަސްމީ ފާލަމަށް އަނެއްކާ ވެސް ބޮޑު ބަދަލެއް ގެންނާތީ ގިނަ ބައެއްގެ ސަމާލުކަން މި ދުވަސްވަރު ވަނީ އެކަމަށް ހުއްޓިފަ އެވެ. އެކިއެކި ވެރިކަންތަކުގައި އެ ފާލަމަށް އައިސްފައިވާ ބަދަލުތަކާ ވިދިގެން ކަމަށް ވެސް ވެދާނެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ ރަސްމީ ފާލަމަށް އަނެއްކާ ވެސް ބޮޑު ބަދަލެއް ގެންނާތީ ގިނަ ބައެއްގެ ސަމާލުކަން މި ދުވަސްވަރު ވަނީ އެކަމަށް ހުއްޓިފަ އެވެ. އެކިއެކި ވެރިކަންތަކުގައި އެ ފާލަމަށް އައިސްފައިވާ ބަދަލުތަކާ ވިދިގެން ކަމަށް ވެސް ވެދާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ފާލަމުގެ ޑިޒައިން އެއްކޮށް ބަދަލުކޮށް، އެތަން ހުޅުވައި އިއްޒުއްދީން ފާލަމުގެ ނަން ދިނެވެ. އޭގެ ކުރިން އެތަނުގައި ހުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ހެދި ލަކުޑި ފާލަމެކެވެ. އަދި އޭގެ ވެސް ކުރިން ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ދައުރުގައި ހެދި ފާލަން ނުވަތަ އޭރު ކިޔާ އުޅުނު ގޮތުން ނަމަ ބޮޑު ފާލަމެވެ. -- ކޮންމެ ވެރިކަމެއްގައި ތަފާތު ޑިޒައިނެކެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތް.-- ފޮޓޯ ނެގީ ޑރ. ހަސަން ހަމީދުގެ ބްލޮގުން.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތް.-- ފޮޓޯ ނެގީ ޑރ. ހަސަން ހަމީދުގެ ބްލޮގުން.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް މި ފާލަމަށް ބަދަލުތަކެއް ގެންނަން ނިންމައި މަސައްކަތް ވަނީ ފަށައިފަ އެވެ. އެމަނިކުފާނުގެ މިނިސްޓަރު ކަމުގައި، 2015 ވަނަ އަހަރު ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުވި އިއްޒުއްދީން ފާލަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން ބަދަލުތަކެއް ގެންނަން ޖެހުނީ އެވެ.

މިފަހަރު މި ފާލަމަށް ގެންނަ ބަދަލުގެ ފަރުމާ އަށް ބަލާއިރު، ފާލަމުގެ މަތީގައި މިހާރު ރިޔަލެއް ގޮތަށް ހުރި ހުދު ކުލައިގެ ސަތަރިތައް ނަގައި ލަކުޑި ފުރާޅެއް ލާނެ އެވެ. އަދި އެ ލަކުޑި ފުރާޅު ފަރުމާކޮށްފައި ވަނީ އަމީންގެ ދައުރުގައި މި ފާލަމުގެ ފުރާޅު ހުރި ގޮތަށެވެ.

ގައުމީ ޔުނިވާސިޓީ ޗާންސެލާ އަދި ކްރިޓިކަލް ތިންކިން އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. ހަސަން ހަމީދު ވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައި ވެސް މި ވާހަކަ ލިޔުއްވައިފަ އެވެ. އަދި އޭނާ ވަނީ އެ ފާލަން ކުރިން ހުރި ގޮތުގެ އަމިއްލަ ކުރެހުމެއް ވެސް އެ ޕޯސްޓުގައި ހިމަނުއްވައިފަ އެވެ.

އިއްޒުއްދީން ފާލަމަށް ގެންނަ ބަދަލު ފެންނަ ޑިޒައިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިއްޒުއްދީން ފާލަމަށް ގެންނަ ބަދަލު ފެންނަ ޑިޒައިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. ހަސަން ހަމީދު ވިދާޅުވީ ގިނަ ބައެއްގެ ހަނދާނުގައި މާލޭގައި ތިން ރަސްމީ ފާލަމެއް އަޅައިފި ކަމަށެވެ. އޭގެން ކޮންމެ ފާލަމެއް ވެސް އަޅަނީ ކުރިން ހުރި ރަސްމީ ފާލަން ރޫޅާލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީންގެ ދައުރުގައި އެޅި ރަސްމީ ފާލަމުގެ ފޮޓޯތައް ޑރ. ހަސަން ހަމީދު ހިއްސާކުރެއްވި އެވެ.

"މާލޭގެ ގަދީމީ ފާލަމަކީ، މުޅިން ލަކުޑިން ހަދާފައިވާ ފާލަމެކެވެ. މައުމޫން ދައުރު ފެށިގެން މާ ގިނަ އަހަރުތަކެއް ނުވަނީސް، މި ފާލަން ރޫޅާލައިފި އެވެ. މިކަން ހިނގަން ދިމާވި ގޮތަކީ، ފާލަމުގެ އިރު ދެކުނުން ކުރިން ހުރި މުހިންމު އޮފީސްތައް [ވަޒީރުލްއަޢުޡަމުގެ އޮފީހާއި މިފަދަ އެހެން ބައެއް އޮފީސްތައް] ރަންޖެހިކޮށްޓާއި ކުރީގެ ނާދީގެ އުތުރުން އޮތް ކޮށްޓަށް ނާސިރު ދައުރުގައި ބަދަލުކޮށް ވަރަށް ބޮޑު ގުދަނެއް މި ފާލަމުގެ އިރުން ހެދުމެވެ،" ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތް.-- ފޮޓޯ ނެގީ ޑރ. ހަސަން ހަމީދުގެ ބްލޮގުން.

ކުރީގެ ރައީސް އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތް.-- ފޮޓޯ ނެގީ ޑރ. ހަސަން ހަމީދުގެ ބްލޮގުން.

ޑރ. ހަސަން ހަމީދު ވިދާޅުވި ގޮތުގައި، އަމީންގެ ދައުރުގައި ހެދި ރަސްމީ ބޮޑު ފާލަން ރޫޅާލައި ޖަހާފައިވާ ބުޑުތައް ނެގި ދުވަހު އެތަނަށް އޭނާ ވަޑައިގެން އެ މަންޒަރު ބެއްލެވި އެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނީ ފާލަން ހަދާފައި ވަނީ ކޮންކްރީޓު ބުޑުތަކެއްގެ މަތީގައި ކަމެވެ. ބުޑުތައް ހުރީ ތިރީކޮޅު ފަލަކޮށް މަތި ހިމަކޮށް، މުޅިން ވަށްކޮށެވެ. ބުޑުތަކުގެ މަތީގައި ރަންވަންލޯ ބޯލްޓެއް [ނަޓުޖަހައިގެން ހަރުކުރެވޭ ގޮތަށް ހަދާފައިވާ އިސްކުރެއް] ވަޅުލާފައިވެ އެވެ. އެހެންކަމުން، ބުޑުތައް އެއްގަމުގައި ހަދައި، ފަޅުތެރޭގައި ޖަހާފައި ހުރުމާ ވައްތަރެވެ. ގިނަ ދަސްއަހަރުތަކެއް ވަންދެން ކޮންކްރީޓު ފަޅައިގެން ނުގޮސް ހުރީ، ލަފާކުރެވޭ ގޮތުން އޭގެ އެތެރޭގައި ރަންވަންލޯ ދެތިން ނަރު ވަޅުލާފައި ވާތީ އެވެ. މީގެ ބައެއް ބުޑުތައް އަދިވެސް ފަޅުތެރޭގައި ވުމަކީ ގާތް ކަމެކެވެ،" އޭނާ ވިދާޅުވި އެވެ.

"މުޅި ފާލަން ހަދާފައި ވަނީ ލަކުޑިންނެވެ. ތައްޓު ނޫން ތަންތަނުގައި ވަނީ ފެހިކުލަ އާއި ހުދުކުލައިގެ ދަވާދު ލާފަ އެވެ. ފާލަމުން އުޅަނދަށް އަރައިފޭބުމަށް ވަނީ ހަތަރު ހަރުފަތެވެ."

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުރުގައި ހެދި ރަސްމީ ފާލަން.-- މިހާރު ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުރުގައި ހެދި ރަސްމީ ފާލަން.-- މިހާރު ފޮޓޯ: ނިޝާން އަލީ | މިހާރު

ޑރ. ހަސަން ހަމީދު ވިދާޅުވީ އެ ހަރުފަތްތަކުގެ އުސްމިނުގައި ގާތްގަނޑަކަށް އަށް އިންޗި ހުރި ކަމަށެވެ. އަދި މާޗު 13، 1972 ގައި އިނގިރޭސި ރާނީ އެލިޒެބަތު މާލެއަށް ޒިޔާރަތްކުރައްވަން ވެގެން، އެ ހަރުފަތްތައް އުސްވެގެން، އިނގިރޭސި ޖަމާއަތެއްގެ އެދުމަށް ހަރުފަތްތައް ތިރި ކުރި ކަމަށެވެ. އަދި ހަރުފަތްތައް ތިރި ކުރީ ހަ އިންޗި އަށް ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ފާލަން ރީތިވުމުގެ އެއް ސަބަބަކީ، މުޑިތަކުގެ ދެމެދުގައި އާއި އަސްކަންޏާއި ކުކުޅުވަހިކޮޅުގެ ނަލަފިލާގައި އަޅާފައިވާ ކުރެހުންތައް ކަމަށް ޑރ. ހަސަން ހަމީދު ވިދާޅުވި އެވެ.

"ނަލަފިލާގައި ހަރުކޮށްފައިވާ ބަޔަކީ ޓިނުން ކަފައިގެން ހަދާފައިވާ ބައެކެވެ. މީގެ ބައްޓަންތަކުގެ އަސްލަކީ މުލިއާގޭގެ ނަލަފިލާގެ ކުރެހުންތައް ކަމަށް ލަފާކުރެވެ އެވެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރަސްމީ ފާލަން އެ ދުވަސްވަރުގެ ފައިސާގައި ކުރަހައިފައި.-- ފޮޓޯ ނެގީ ޑރ. ހަސަން ހަމީދުގެ ބްލޮގުން.

ކުރީގެ ރަސްމީ ފާލަން އެ ދުވަސްވަރުގެ ފައިސާގައި ކުރަހައިފައި.-- ފޮޓޯ ނެގީ ޑރ. ހަސަން ހަމީދުގެ ބްލޮގުން.

ކުރީގެ ރަސްމީ ފާލަން އެ ދުވަސްވަރުގެ ފައިސާގައި ވެސް ކުރަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ދެ ރުފިޔާގެ ކަރުދާސް ނޫޓުގަ އެވެ.

ޑރ. ހަސަން ހަމީދު ވިދާޅުވި ގޮތުގައި، މާލޭގެ ކުރިން ހުރި ރަސްމީ ފާލަމަށް ވުރެ ހުޅުލޭގައި ހަދާފައި ހުރި ރަސްމީ ފާލަން ވެސް މާ ރީއްޗެވެ. އެ ފާލަން އަދިވެސް އެބަހުއްޓެވެ. ހުޅުލޭ ފާލަން ހަދާފައިވާ އުސޫލުން ރަށްރަށުގައި ފާލަން ހަދަން ވަރަށް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޖާގަ ތަނަވަސްކޮށް، ލަފައިފުރުމަށް ފަސޭހަކޮށް ފަރުމާކޮށްފައިވާ ފާލަމަކަށް ވާތީ އެވެ.

އިއްޒުއްދީން ފާލަން މަރާމާތުކުރުމަށްޓަކައި، އެ ފާލަން އެންމެފަހުން ފަރުމާކުރި އެމްޓީސީސީން މިހާރު ވަނީ އެ ސަރަހައްދުގެ ވަށައިގެން ފިލާ ޖަހައި ބަންދުކޮށްފަ އެވެ. އަދި އެ ފާލަން މަރާމާތުކުރުމަށް 11.7 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. އެ ފާލަން ހުޅުވުމަށް ފަހު މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކޮށްފައިވެ އެވެ.

އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ކުރިން ވިދާޅުވި ގޮތުގައި، އިއްޒުއްދީން ފާލަމަށް ބޮޑު މަރާމާތެއް ބޭނުންވީ، ރަނގަޅަށް މެއިންޓެއިން ނުކުރުމުން ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ އެވެ. އެކަމަކު ބަދަލު ގެނެސް މަރާމާތު ކުރަނީ ފާލަމުގެ މަތީބައި އެކަންޏެވެ.