Roadha Mihaaru

ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި

މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން ބާވެ ހަލާކުވެފައިވާތީ އެތަން އަލުން ހަދައި ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.

ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

27 ފެބުރުއަރީ 2025

މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން ބާވެ ހަލާކުވެފައިވާތީ އެތަން އަލުން ހަދައި ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.

ފާލަން އަލުން ހުޅުވައިދެއްވީ މިރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމީ ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.

ފާލަން ފަރުމާކުރުމުގައި ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އާ ފާލަން ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ބަލައިގެންނެެވެ.

އަދި އެންމެ ފަހުން ރަސްކަންކުރެއްވި މުހައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއް ވެސް ފަރުމާގައި ހިމަނާފައިވެ އެވެ.

އިއްޒުއްދީން ފާލަން ތަަރައްގީކޮށް އަލުން ހުޅުވައިދެއްވަނީ

އިއްޒުއްދީން ފާލަން ތަަރައްގީކޮށް އަލުން ހުޅުވައިދެއްވަނީ

މިރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، އިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދަށް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސަރަހައްދު ތަރައްގީ ކުރަން ގެންގުޅުއްވާ ބައެއް ވިސްނުންތައް އެ މަނިކުފާނު ހާމަކުރެއްވި އެވެ.

އެގޮތުން ސަލްޓަން ޕާކު ތަރައްގީ ކުރުމާއި ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އިއުލާން ކުރެއްވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ވެސް ރަސްމީ ފާލަން އަލުން ހެދި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ފާލަމުގެ ޑިޒައިން ހެދީ ރިޔަލެއްގެ ގޮތަށެވެ. ފާލަމުގެ ޑިޒައިން އެއްކޮށް ބަދަލުކޮށް، އެތަން ހުޅުވައި އިއްޒުއްދީން ފާލަމުގެ ނަން ދިނެވެ.

އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް އޭގެ ފަހުން މަރާމާތު ނުކޮށް ގިނަ ދުވަސް ވުމުން ފާލަމުގެ ދަގަނޑުތަކުގައި ދަބަރުޖަހައި އެ ތަން ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. އެހެންވެ މި ސަރުކާރުން އެތަން މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރު މޭ މަހު އެވެ.

ފާލަން މަރާމާތުކުރަން 11.7 މިލިއަން ރުފިޔާ ހަރަދު ވާއިރު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވި ގޮތުގައި، ބަދަލު ގެނެސް މަރާމާތު ކޮށްފައި ވަނީ ފާލަމުގެ މަތީބައި އެކަންޏެވެ.