Roadha Mihaaru
އާއިލާއިން މީހަކަށް އަނިޔާކުރާ ކަމަށްބުނާ މައްސަލައެއް

އާއިލާ އިން މީހަކަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަނީ

14 މެއި 2024

އާއިލާ އިން އަންހެނަކަށް އަނިޔާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އާއިލާ އިން އަންހެނަކަށް އަނިޔާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެންމީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ވާހަކަ ސޯޝަލް މީޑިއާ އަށް އާންމު ކުރަން ޖެހުނީ އާއިލާ އިން އޭނާ އަށް ދެމުންދާ އަނިޔާތަކަށް ކެތްނުވެގެން ކަމަށެވެ.

އޭނާއަކީ މާބަނޑު މީހެއް ކަމަށާއި ގޭގެ މީހުންނާއި ބައްޕަ އާއި އުމުރުން 18 އަހަރު ނުވާ ކޮއްކޮގެ ފަރާތުން ވެސް އަނިޔާ ލިބޭ ކަމަށް އެ ޕޯސްޓުގައި ވެ އެވެ. އޭނާ ބުނިގޮތުގައި ބަނޑުގައި ތަޅައި ބޯ ވެސް ތަންތަނުގައި ޖައްސައި ތަޅައި އާއިލާގެ ބައެއް މީހުން އަނިޔާކޮށް ހަދަ އެވެ.

ފުލުހުންގެ އިދާރާ ވެސް ޓެގްކޮށް، އޭނާ ކޮށްފައިވާ ޕޯސްޓުގައި ވަނީ އަނިޔާގެ ޝިކާރަ އިން ސަލާމަތް ކޮށްދިނުމަށް އެދިފަ އެވެ.

އެ ޕޯސްޓާ އެކު ވަނީ އަތާއި ކަރު ދޮށަށް ލިބިފައިވާ އަނިޔާތަކެއްގެ ފޮޓޯ ވެސް އާންމު ކޮށްފަ އެވެ.

އެ ޕޯސްޓުގެ ސްކްރީންޝޮޓެއް އެކްސްގައި އާންމުކޮށް، އެ މައްސަލަ ބެލުމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ޓެގްކޮށް މީހަކު ކުރި ޕޯސްޓަކަށް ދެއްވި ޖަވާބުގައި ޝިފާން ވިދާޅުވީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.

އަނިޔާވި މީހާ ފޭސްބުކްގައި ކުރި ޕޯސްޓުގައިވާ ގޮތުން ފުލުހުން ގެއަށް ދިއުމުން، އާއިލާ އިން ވަނީ ދޮގު ހަދައިފަ އެވެ. އަދި އަނިޔާތަކާ ގުޅިގެން ރަނގަޅަށް ނުވެސް ހިނގޭ ކަމަށް އޭނާ ބުނެފައި ވެ އެވެ.