Roadha Mihaaru
މަގުމަތިން ފޮށުނު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

މަގުމަތިން އަންހެނަކާ ފޮށުނު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

10 ޖޫން 2019

މާލޭ މަގުމަތިން މިދިޔަ ހޮނިހިރުދުވަހު އަންހެނަކަށް ފުރައްސާރަކޮށް، ފޮށި ހެދި ކަމުގެ ތުހުމަތުގައި މެދު އުމުރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭ މަގުމަތިން މިދިޔަ ހޮނިހިރުދުވަހު އަންހެނަކަށް ފުރައްސާރަކޮށް، ފޮށި ހެދި ކަމުގެ ތުހުމަތުގައި މެދު އުމުރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރީ 56 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ފަރާތުން އެހެން އަންހެނުންނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމުގެ ވާހަކަތައް އާއްމުވެފައިވާތީ އެ މައުލޫމާތުތައް ހިއްސާކޮށްދޭން ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުން އެދިފައި ވަނީ އެ ފިރިހެންމީހާގެ ފަރާތުން ފުރައްސާރައިގެ އަމަލެއް ކުރިމަތިވެފައި ވާ ނަމަ، 9790163 ނުވަތަ 3000600 އަށް ގުޅައި ހިއްސާކޮށްދިނުމަށެވެ.

މަގުމަތިން މީހަކާ ފޮށުމުގެ ތުހުމަތުގައި މެދު އުމުރުގެ މީހާ ހައްޔަރުކުރި އިރު އޭނާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އެއާއެކު، އޭނާ އަކީ އާއްމުކޮށް މަގުމަތިން މީހުންނާ ފޮށޭ މީހެއް ކަމުގެ ތުހުމަތު ވެސް ވަނީ އަޅުވައިފަ އެވެ.

އޭނާގެ ފަރާތުން ފުރައްސާރައާ ކުރިމަތިވި ކަމަށް ބުނެ ޓުވިޓާގައި ވީޑިއޯ އާއްމުކުރި އަންހެންމީހާ ބުނެފައިވާ ގޮތުގައި އޭޑީކޭއާ ހިސާބުން ހުތުރު ބަހުން މުއާމަލާތުކޮށް، ފޮށެމުން ޗާންދަނީ މަގުގައި ހުންނަ ސްކޫޕާ ސައިކަލްގައި އެ ފިރިހެންމީހާ ދުއްވި އެވެ. އެއީ އޭނާގެ ކާފަގެ އުމުރުގެ މީހެއް ކަމަށާއި ނުފޮށުމަށް އެދުމުން ވެސް ދެއްކީ ލަދުވެތި ވާހަކަތަކެއް ކަަމަށް އަންހެންމީހާގެ ޓުވީޓުގައި ވެ އެވެ. އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިރިހެންމީހާ ސައިކަލް މަތީގައި އިންނަނީ އެއް އަތުން ފޯނު ހިފަހައްޓައިގެންނެވެ.

މަގުމަތިން އޭނާއާ ފޮށެމުން ސައިކަލް ދުއްވި ތަން މަގުމަތިން ހިނގާފައި ދިޔަ މީހުންނާއި ދުއްވާފައި ދިޔަ މީހުންނަށް ފެނުނަސް އެހީތެރިކަމެއް ނުލިބުނު ކަމަށް ބުނެ އަންހެން މީހާ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.