Roadha Mihaaru
ކިޑްނީ ބަދަލުކުރަން ބޭނުންވާ ގާނޫނު އާ މަޖިލީހަށް

ރާއްޖޭގައި ކިޑްނީ ބަދަލުކުރަން ބޭނުންވާ ގާނޫނު އާ މަޖިލީހުން ހެދޭނެ: މިނިސްޓަރު

16 މެއި 2024

ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށުމަށް ބޭނުންވާ ގާނޫނު އާ މަޖިލީހުން ހެދޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ފެށުމަށް ބޭނުންވާ ގާނޫނު އާ މަޖިލީހުން ހެދޭނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، "މިހާރު"ން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ގުނަވަން ބަދަލުކުރުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ގާނޫނަކުން ވަރަށް ބޮޑަށް ރެގިއުލޭޓްކޮށްގެން ކުރާ ކަމެއް ކަމަށެވެ.

އެ އުސޫލުން ރާއްޖޭގައި ވެސް އެ ހިދުމަތް ފެށުމަށް ބޭނުންވާ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއަށްފަހު، މި މަހުގެ 28 ގައި އާ މަޖިލިސް ހުވާކުރުމުން ބިލް ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ވުޖޫދަށް އަންނަ ހިސާބުން ނޫނީވިއްޔާ ނޫނީ ވުޖޫދަށް ނަޔަސް ހަރުދަނާ އުސޫލުތަކެއް ގާއިމްވެގެން ނޫނީ ކުރެވޭނެ ޒާތުގެ ކަންތަކެއް ނޫން އެ ހުންނަނީ. އެ ގާނޫނު ނުވަތަ އެކަމުގެ އުސޫލުތައް ނަޔަސް އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ މިހާރު ވެސް ދެވޭ ހިދުމަތެއް، އޭގެ ތެރޭގައި ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕްލާންޓް ކުރަން ބޭނުންވާ ފަންޑިންއާ އަދި އެހެނިހެން ވެސް ލުއިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޔަގީންކަން ދިނުން."

"ގާނޫނު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މި އަންނަ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންނަށް [ގާނޫނު] ވުޖޫދުކުރެވޭނެ ކަމަށް. ކުރެވޭ ހިސާބުން އިރާދަކުރެއްވިއްޔާ ރާއްޖޭގައި ވެސް ގާއިމްކުރެވިގެންދާނެ. ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެބަހުރި ޝައުގުވެރިކަން ފާޅުކުރައްވާފައި." އޭނާ ވިދާޅުވި އެވެ.

ކިޑްނީ ފެއިލްވެއްޖެނަމަ އެކަމަށް އޮތް ދާއިމީ ފަރުވާއަކީ ޓްރާންސްޕްލާންޓް ހެދުމެވެ. ނަމަވެސް، ރާއްޖޭގައި މި ވަގުތު އެ ހިދުމަތް ނުލިބޭތީ ރާއްޖޭން ބޭރަށް ގޮސް، ގިނަ ދުވަސް ވަންދެން މަޑުކުރަން ޖެހެ އެވެ. އެ ފަރުވާ ފެށުމަށް އައިޖީއެމްއެޗުން މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މި ފަހުން ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ވަނީ ކިޑްނީ އާއި ލިވަ ބަދަލުކުރުމުގެ ފަރުވާ ފެށުމަށް ސަރުކާރުގެ ހުއްދައަށް އެދިފަ އެވެ.