Roadha Mihaaru
ގައިޑްލައިން ނިމުމުން ޑްރޯންގައި ބޭސް އުފުލަން ފަށާނެ

ޑްރޯނުން ބޭސް ފޮނުވުމުގެ ގައިޑްލައިން ހަދަން ފަށައިފި، ފުރަތަމަ ފަށާނީ ތ. އަތޮޅުން

02 ޖޫން 2024

ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވުމަށް ގަވައިދު ހަދައި ނިމުމާ އެކު މި އަހަރުގެ ތެރޭގައި އެކަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވުމަށް ގަވައިދު ހަދައި ނިމުމާ އެކު މި އަހަރުގެ ތެރޭގައި އެކަން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ، މި ސަރުކާރުގެ ހަ މަސް ދުވަހުގެ ތެރޭގައި ޑްރޯންގައި ރަށްރަށަށް ބޭސް ފޮނުވަން ފަށަން ނިންމައި އެކަމުގެ މަޝްވަރާތައް އެމްއެންޑީއެފާއި ޕޮލިސް އަދި ސިވިލް އޭވިއޭޝަނާއެކު ކުރަމުން އަންނަ ކަމަށެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ހެލްތުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައުފާ ހުސެއިން ވިދާޅުވީ ބޭސް ފޮނުވުމާ ގުޅޭ ގައިޑްލައިން ހެދުމަށް އެސްޓީއޯއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަން ނިންމުމަށް ފަހު މި އަހަރުގެ ތެރޭގައި ޑްރޯނުން ބޭސް ފޮނުވަން ފަށާނެ ކަމަށާއި އެންމެ ފުރަތަމަ އަތޮޅަކަށް ތ. އަތޮޅު ހަމަޖައްސާފައިވާ ކަމަށް ޝައުފާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި 10ރ. ގެ ބޭހެއް ބައެއް ރަށްރަށަށް ފޯރުކޮށްދޭން ވެސް ދައުލަތުން މިހާރު ކުރަން ޖެހެނީ ބޮޑު ހަރަދެކެވެ.

"ނިޒާމު ބަދަލުކުރެވޭތޯ މި ބަލަނީ އަގު ހެޔޮކޮށް، ތަންކޮޅެއް ފަސޭހައިން ބޭސް ވަގުތުން ވެސް ފޮނުވޭނެ ނިޒާމެއް. ޑްރޯންގެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން. އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށޭ ވަރަށް އެ މަސައްކަތް ގެންދެވޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" މިދިޔަ ޑިސެމްބަރު މަހު ދިން އިންޓަވިއުގައި ހަލީލް ވިދާޅުވި އެވެ.

އެސްޓީއޯ މެދުވެރިވެގެން ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމާނު ފޮނުވުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނި ކަމެކެވެ. ގދ. އަތޮޅުގައި އެކަމުގެ ޓެސްޓު ދަތުރެއް މިދިޔަ އޮގަސްޓް މަހު ބޭއްވި އެވެ.

އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރު ވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެ އެވެ. ހާއްސަކޮށް، އެކަހެރި ހިސާބުތަކަށް ޑްރޯންގެ މުހިންމުކަން ބޮޑެވެ.