Roadha Mihaaru
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ހަތް ދައުވާއެއް މި މަހު ކުރަނީ

17 ޖުލައި 2024

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން އެ ކުންފުނިން މި މަސް ތެރޭގައި ހަތް ދައުވާއެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން އެ ކުންފުނިން މި މަސް ތެރޭގައި ހަތް ދައުވާއެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެންޓި ކޮރަޕްޝަންގެ ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނިގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ 115 މައްސަލައެއްގެ ތަހުގީގު ނިންމައި 640 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން ވަނީ އަންގައިފަ އެވެ.

އެކަމަކު، އެ އިން އެއްވެސް މައްސަލައެއްގައި މިހާތަނަށް ދައުވާކޮށްފައި ނުވާ ކަމަށާއި އެކަން ނުވެ އޮތީ އެ ދައުވާ ސިވިލް ކޯޓަށް ހުށަހަޅާނީ އެމްއެމްޕީއާރުސީ އިން ތޯ ނުވަތަ ބަންޑާރަ ނައިބުގެ އޮފީހުން ކަމާ މެދު އެއްބަސްވުމަކަށް ނާދެވޭތީ ކަމަށް އޭސީސީން އިއްޔެ ބުންޏެވެ.

ނަމަވެސް ބަންޑާރަ ނައިބު އުޝާމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ދައުވާތައް އުފުލަން ޖެހޭނީ އެމްއެމްޕީއާރުސީ އިން މިހާރު ލަފާދީފައި ވާނެ ކަަމަށެވެ. މި މަހުގެ ތެރޭގައި ހަތް ދައުވާއެއް އެމްއެމްޕީއާރުސީ އިން ސިވިލް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ދައުވާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މީގެ ކުރިން މި ދައުވާތައް ނުކޮށް އޮތީ އުޝާމް ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ އޮފީހާއި އެމްއެމްޕީއާރުސީ އަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. އުޝާމް ވިދާޅުވީ އެމްއެމްޕީއާރުސީ އިން އެ ދައުވާތައް ކޮށްދޭން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވީ ނަމަވެސް، އެ އޮފީހުން އަންގާފައިވަނީ އެ ދައުވާތައް އުފުލުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ.

އުޝާމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހެދި އެސެޓް ރިކަވަރީ ކޮމިޝަނުން 30 މައްސަލައެއް ނިންމައި، ސިވިލް ކޯޓުގައި ދައުވާ އުފުލި އެވެ. ނަމަވެސް، އެ ދައުވާތަކުގެ ތެރެއިން ދެ މައްސަލައެއް ފިޔަވައި އެހެން ހުރިހާ މައްސަލައެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަނބުރާ ގެނެސް، އެ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން އަލުން ބަލަން ނިންމި އެވެ.

އަނބުރާ ނުގެނެސް ކޯޓުގައި އޮތް ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ވަނީ ދައުލަތަށް ކާމިޔާބުވެފަ އެވެ. އަނެއް މައްސަލަ މިހާރު އޮތީ ހައި ކޯޓު މަރުހަލާގަ އެވެ.

މިދިޔަ ސަރުކާރުން އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަން އުވާލައި އަނެއްކާވެސް އެ މައްސަލަތައް އޭސީސީއާ ހަވާލުކުރި އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން 166 މައްސަލައެއް އޭސީސީން ތަހުގީގު ކުރަން ހަވާލުކޮށްފައިވާއިރު، އެއީ ގާތްގަނޑަކަށް 948 މިލިއަން ރުފިޔާ ހިމެނޭ މައްސަލަތަކެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވަނީ އެ ކޮމިޝަނުން ހޯދަން އަންގާ ފައިސާ ހޯދަން ދައުވާނުކޮށް، ދައުލަތުގެ އިދާރާތަކުން އަޅާނުލާ ތިބޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިއްޔެ ސަލާމް ވިދާޅުވި ގޮތުގައި، އޭސީސީން ހޯދަން އަންގާ ފައިސާ ދައުލަތުގެ އިދާރާތަކުން ނުހޯދައި ތިބޭ މައްސަލަ ވަރަށް ބޮޑެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އޭސީސީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ރައްޔިތުންނަށް ފެންނަ ގޮތަށް ހާމަ ކުރާނެ ކަމަށް ވެސް ސަލާމް ވިދާޅުވި އެވެ.