Roadha Mihaaru
ބިމާ ބެހޭ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައިފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ލާޒިމްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި

16 މެއި 2024

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ރައީސް އެދިވަޑައިގެން، އެ މި ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ފަސް އަހަރުގެ ދައުރު ހަމަވި 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރީ މިދިޔަ މަހުގެ 29 ގަ އެވެ. ބިލް ފާސްކުރީ އެ މަޖިލިހުގައި އަޣުލަބިއްޔަތު ކޮންޓްރޯލްކުރި އެމްޑީޕީގެ މެމްބަރުންގެ ވޯޓުންނެވެ.

އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރިތާ އެތައް ދުވަހެއްވީ ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި އިސްލާހެކެވެ.

އެ އިސްލާހުގައި ބުނާ ގޮތުން ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެ އެވެ. އަދި މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ބިންވެރިޔާ ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރީ އޮގަސްޓު 13، 2023 ގަ އެވެ. އަދި މި ބިލު ހުށަހަޅާފައި ވަނީ އޭގެ ހަ މަސްދުވަސް ފަހުން މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަދި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދީފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރި އެވެ.

ހައުސިން މިނިސްޓްރީ އެންމެ ފަހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ.

ނަމަވެސް ހަވާލުނުކުރާ 303 މީހުން ތިބި ކަމަށާއި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާ މިދިޔަ މަހު މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ބިން ލިބުނު ފަހުން 12 މީހަކު މަރުވި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުން އަންނަނީ ރަޖިސްޓްރީއާ ހަވާލު ނުވާ ފަރާތްތަކަށް އަލުން އެ ފުރުސަތު އެކި ފަހަރު މަތިން ދެމުންނެވެ.