Roadha Mihaaru
އިންޑިއާގެ އެހީގައި އިތުރު 4،000 ފްލެޓް އަޅަނީ

އިންޑިއާގެ ލޯނު އެހީގައި އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއުއެއް

14 އޯގަސްޓް 2024

އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެގްޒިމް ބޭންކުން ކުރިން ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ބޭނުން ކޮށްގެން އިތުރު 4،000 ފްލެޓް އެޅުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީ ބަޔާނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޝަފީގް ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ރާއްޖޭގެ އިޖުތިމާއީ ހުރިހާ މައްސަލަތަކެއް ވެސް ގުޅިފައި ވަނީ ބޯހިޔާވަހިކަމަށް ކަމަށް ވާތީ، ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައުސިންއަށް ޓޯޓަލް ސޮލިއުޝަން ހޯދުމަކީ މި ސަރުކާރުގެ އަމާޒެއް. އިޖުތިމާއީ ހުރިހާ މައްސަލަތަކުގެ ރޫޓު ކޯސްއަކީ ގެދޮރުގެ މައްސަލަތައް. އެއަށް ހައްލެއް ހޯދައިދިނުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން،" އޭނާ ވިދާޅުވި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އާއި މިނިސްޓްރީގެ އިސްވެރިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޔާސަތަށް ގެންނަ ބަދަލެއްގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ 50 ޕަސެންޓް ގެދޮރުވެރި ކަމަށް ހާއްސަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ޝަގީފް ވިދާޅުވި އެވެ.

"މިހާރު މި ބަލަނީ މިހާރު ކުރިއަށް ދާ އިންޑިއާގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް)ގެ ދަށުން، އެއީ ވަރަށް ރަނގަޅު ޓާމްއެއްގައި ލިބިފައި އޮތް ފެސިލިޓީއެއް. އޭގެ ދަށުން މިއަހަރުގެ ތެރޭގައި 4،000 ހައުސިން ޔުނިޓެއް ކުރިޔަށް ގެންދެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި 4،000 ފްލެޓް އެޅުމަށްޓަކައި އެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ބޭނުން ކުރާނީ ކިހާ އަދަދެއްގެ ފައިސާ ކަމާއި އެ މަޝްރޫއު ހިންގާނެ ވަކި ތަނެއް ވެސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އިންޑިއާ ސަރުކާރުން 2018 ވަނަ އަހަރު ވަނީ ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް ލޯނު ދީފަ އެވެ. އަދި އެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި 2022 ވަނަ އަހަރު ވަނީ އެ ކްރެޑިޓް ލައިންގެ ދަށުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހަމަޖައްސައި ދީފަ އެވެ.

މިނިސްޓަރު ޝަފީގް ކޮމިޓީގައި ވިދާޅުވި ގޮތުގައި އެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން ފްލެޓުތަކުގެ މަޝްރޫއު ހިންގުމަށްޓަކައި އިތުރު 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އިންޑިއާއިން ލިބޭނެ ކަމަށް އުންމީދު ކުރެވެ އެވެ.

ހުޅުމާލެ 2 ގައި އިންޑިއާގެ ދެ ކުންފުންޏަކުން މިހާރު އިމާރާތް ކުރަމުން އަންނަ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމާފައިވާ 4،000 ފްލެޓަކީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ގެ ލޯނު އެހީގައި ހަދަމުން އަންނަ ތަންތަނެވެ.