Roadha Mihaaru
މާ ބޮޑު ބަދަލެއް ނެތި، ހަތް ބިލެއް ފާސްކޮށްފި

މާ ބޮޑު ބަދަލެއް ނުގެނެސް، ހަތް ބިލެއް މަޖިލީހުން ފާސްކޮށްފި

22 އޯގަސްޓް 2024

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަތް ބިލެއް، މާ ބޮޑު ބަދަލެއް ގެނައުމެއް ނެތި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަތް ބިލެއް، މާ ބޮޑު ބަދަލެއް ގެނައުމެއް ނެތި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގައި މިއަދު އެޖެންޑާ ކޮށްފައިވަނީ ސަރުކާރުގެ ފަރާތުން މިދިޔަ ދެ ހަފްތާގެ ތެރޭގައި ފޮނުވާފައިވާ ހަތް ބިލެއް ދިރާސާ ކުރުމަށް ފަހު ކޮމިޓީން ފޮނުވި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ. މިއަދު ޖަލްސާގައި މެންބަރުން ވަނީ ހަތް ބިލުގެ ކޮމިޓީ ރިޕޯޓަށް ވެސް ބަހުސްކޮށް ނިންމާލައިފަ އެވެ.

މަޖިލީހުން މި ބިލުތައް ފާސްކޮށްފައިވަނީ ކޮމިޓީން ފާސްކުރި ގޮތަށް، އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުތައް

- ފޮރިން އިންވެސްޓްމަންޓްގެ ބިލް

- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

- ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

- ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

- ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް

- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މި ބިލުތަކުގެ ތެރެއިން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. ބާކީ އޮތް ފަސް ބިލް ފާސްކޮށްފައިވަނީ އެމްޑީޕީ މެންބަރުންގެ ވޯޓާއެކު، ޖަލްސާގައި ތިއްބެވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މަޖިލީހުގެ މި ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 82 ޕަސެންޓް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މި ދައުރުގެ ފަހު ޖަލްސާ މިރޭ 9:00 އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މިރޭގެ ޖަލްސާ އެޖެންޑާ ކުރަން ނިންމާފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމެވެ.

މަޖިލީހުގެ ފަހު ޖަލްސާ މިރެއަށް އެޖެންޑާ ކުރިއިރު، މަޖިލިސް ޗުއްޓީއަށް ދިއުން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އޮތީ ފަސްކޮށްފަ އެވެ. ޗުއްޓީއަށް ފަހު މަޖިލިސް އަލުން ފަށާނީ އޮކްޓޫބަރު މަހު އެވެ.