Roadha Mihaaru
މަގާމުތަކަށް ބަދަލުތައް ގެނައީ ހިންގުން ހަރުދަނާކުރުމަށް

މަގާމުތަކަށް ރައީސް ބަދަލުތައް ގެންނަވަނީ ހިންގުން ހަރުދަނާކުރަން: ހީނާ

23 މެއި 2024

މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތައް ގެންނަވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތައް ގެންނަވަނީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މަތީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މިފަހުން އަމިއްލަ އަށް ވަކިވެވަޑައިގަތުމާއި ސަރުކާރުން ވެސް ބައެއް ބޭފުޅުން ވަކިކުރުމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ހީނާ ވިދާޅުވީ ސަރުކާރުން ހިންގެވުމުގައި ރައީސަށް ފަސޭހަފުޅުވާ ގޮތަށް ނުވަތަ ކަންކަން ބައްޓަންކުރެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކުންފުނިތަކާއި މިނިސްޓްރީތަކަށް މީހުން އައްޔަންކުރެއްވުމާއި ބަދަލުކުރެއްވުގެ މަސައްކަތް އަބަދުވެސް ކުރައްވާ ކަމަށެވެ. މިފަހުން އައި ބަދަލުތަކަކީ ވެސް އެގޮތުގެ މަތިން ރައީސް ގެންނެވި ބަދަލުތަކެއް ކަމަށް ހީނާ ވިދާޅުވި އެވެ.

"... އެގޮތުގެ މަތިން ސަރުކާރުގެ ހިންގެވުމުގައި އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނީ. އެއީ އިނގޭތޯ އެ ސުވާލުގެ ޖަވާބަކީ،" ހީނާ ވިދާޅުވި އެވެ.

ނޫސްވެރިން މި ސުވާލު އަމާޒުކުރީ އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކުރުމާއި އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހު އިސްތިއުފާ ދެއްވާފައި އޮއްވަ އެވެ. އޭގެ އިތުރުން، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އިއްޔެ އައްޔަންކޮށްފަ އެވެ. އަދި އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު ޒުހޫރު ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.