Roadha Mihaaru
ސިޑްސް ކޮންފަރެންސަށް ރައީސް ފުރާވަޑައިގަންނަވަނީ

ހަތަރުވަނަ ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެންޓިގޫއާ އަށް މާދަމާ ފުރާވަޑައިގަންނަވަނީ

23 މެއި 2024

އދ. ގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވަފުދެއް މާދަމާ ރޭ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް (ސިޑްސް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވަފުދެއް މާދަމާ ރޭ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ކޮންމެ 10 އަހަރަކުން ބާއްވާ އެ ކޮންފަރެންސް އަކީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 30 ނިޔަލަށް، ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓިގޫއާ އެންޑް ބާބޫޑާގައި ކުރިއަށް ގެންދާ ހަތަރު ދުވަހުގެ އިވެންޓެކެވެ. ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ވެސް ބައިވެރިވެވަޑައިގަންނަވާ އެ ކޮންފަރެންސް ބާއްވަނީ އެންޓިގޫއާގެ ވެރިރަށް ސެއިންޓް ޖޯންސްގަ އެވެ.

ރައީސްގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ރައީސް އޮފީހުން ހާއްސަ ޕްރެސް ކޮންފަރެންސެއް ބޭއްވި އެވެ. އެ ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް އާއި ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ކޮންފަރެންސްގައި ރައީސް ތަގުރީރު ކުރައްވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ރާއްޖޭން މޫސުމީ ބަދަލުތަކާ ގުޅިގެން ތަހަންމަލުކުރަމުންދާ ކަންކަމާއި އެކަންކަމުން އަރައިގަތުމަށްޓަކައި ކޮށްދޭން އެދޭ ކަންކަމަށް އަލިއަޅުވާލައްވައި އެމަނިކުފާނު ޖުމްލަ ހަތް ސްޓޭޓްމަންޓެއް ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސް.-- ފޮޓޯ: ރައީސް އޮފީސް

އެ ކޮންފަރެންސްގައި ރާއްޖެއިން އިންތިޒާމުކުރާ ތިން ހަވާސާ ބައްދަލުވުން ވެސް ބާއްވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފަރާތުން އެ ކޮންފަރެންސް އަށް ވަޑައިގަންނަވާ އިސްވަފުދުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހިމެނެ އެވެ.

ސިޑްސް އަކީ ކޮބާ؟

ސިޑްސް އަކީ ތަރައްގީގެ ރޮނގުގައި ކުރިއަށް ދިއުމަށް އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެށީގެ ގޮތުން އެކި ކަހަލަ ހުރަސްތައް ކުރިމަތިވެފައިވާ ނާޒުކު ގައުމުތަކުގެ މައްޗަށް އެކުލެވޭ އދ. ގެ ހާއްސަ ހަރަކާތެކެވެ. ސިޑްސް އުފެއްދީ 1992 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި އދ. ގެ ތިމާވެއްޓާއި ތަރައްގީގެ ކޮންފަރެންސްގަ އެވެ. އޭގެ ފަހުން 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ދިހަ އަހަރަކުން ސިޑްސް ކޮންފަރެންސްގެ ނަމުގައި، ހުރިހާ ގައުމެއް އެއް މޭޒަކަށް ގެނައުމަށްޓަކައި ގުޅިގެން މި ހާއްސަ ހަރަކާތް ބާއްވަ އެވެ. މިއީ ސިޑްސް ކޮންފަރެންސް ބާއްވާ ހަތަރު ވަނަ ފަހަރެވެ.

އެ ކޮންފަރެންސްގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" ނުވަތަ ކުރިމަގުގައި ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ހާސިލުކުރުމަށްޓަކައި މަގުކޮށައިދިނުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރުމެވެ.

ރާއްޖެއާ އެކު ސިޑްސްގައި 37 ގައުމު ހިމެނެ އެވެ.

އެ ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ސިޑްސްގެ ގައުމުތަކުގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ހުރި ގާބިލުކަމާއި 2030 ވަނަ އަހަރަށް ދާއިރު މި ގައުމުތަކުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ވަޒަންކުރުމެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މި ގައުމުތަކުން ހާސިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ވެސް ކަނޑައަޅާނެ އެވެ. އަދި ގައުމުތަކަށް ބޭނުންވާ މާލީ އަދި ވަސީލަތްތަކުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކުރެވޭނެ އެވެ.