Roadha Mihaaru
މާލެ ސިޓީގެ މިސްކިތްތައް ދެން ސާފުކުރާނީ ދިވެހިން

މާލެ ސަރަހައްދުގެ މިސްކިތްތައް ދެން ސާފުކުރާނީ ދިވެހިން

26 މެއި 2024

މާލޭ ސަރަހައްދުގައި ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރާނީ ދިވެހިން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭ ސަރަހައްދުގައި ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުރިހާ މިސްކިތްތަކެއް ސާފުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރާނީ ދިވެހިން ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކައުންސިލުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ މިއަދުން ފެށިގެން ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ ބިދޭސީންގެ ބަދަލުގައި މުޅިން ވެސް ދިވެހިން ކަމަށެވެ.

އެންމެ ފުރަތަމަ އެކަމަށް އިއުލާނު ކުރުމުން އެކަށީގެންވާ ތަރުހީބެއް ނުލިބެ އެވެ. ފުރަތަމަ ފަހަރު އެކަމަށް 114 ދިވެހިން ހޯދަން އިއުލާން ކުރުމުން ކުރިމަތިލީ އެންމެ 14 މީހުންނެވެ. އެކަމަކު ދެވަނަ ފަހަރަށް އިއުލާނު ކުރުމުން ހޯދަން އިއުލާނުކުރި 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށެވެ.

މާލޭގެ މިސްކިތްތައް ކުރިން ސާފު ކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމި އެވެ. އަދި މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މީގެ ކުރިން ގިނައީ ބިދޭސީންނެވެ.