Roadha Mihaaru
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި

މާލޭގެ މިސްކިތެއްގެ ދޮރުގައި އަލިފާން ރޯކުރަން މަސައްކަތްކޮށްފި

23 ޖޫން 2024

މުހައްމަދު ޖަމީލް ދީދީ މިސްކިތް ނުވަތަ އާންމު ނަމުން ނަމަ ފައި ފުހޭ މިސްކިތުގެ ދޮރުގެ ތަޅުގައި އަލިފާން ރޯކުރަން ބަޔަކު މަސައްކަތް ކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މުހައްމަދު ޖަމީލް ދީދީ މިސްކިތް ނުވަތަ އާންމު ނަމުން ނަމަ ފައި ފުހޭ މިސްކިތުގެ ދޮރުގެ ތަޅުގައި އަލިފާން ރޯކުރަން ބަޔަކު މަސައްކަތް ކޮށްފި އެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން އަނެއްކާވެސް އާންމު ވެފައިވާ ދުވަސްވަރެއްގައި، ސިޓީ ކައުންސިލުން މިރޭ ވަނީ މާފަންނު އަލިވާގޭގެ މަގަށް ވަންނައިރު ކަހަލަ ގޮތަކަށް ހުންނަ ޖަމީލް ދީދީ މިސްކިތުގެ ތަޅުގައި ބަޔަކު ރޯކޮށް، އެ މިސްކިތުގެ ތެރެއަށް ވަންނަ މަސައްކަތް ކޮށްފައިވާ ކަން ފެންނަ ފޮޓޯތަކެއް އާންމު ކޮށްފަ އެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުން ތަޅުގައި ރޯކުރަން އުޅުމުން ޕްލާސްޓިކް ތަޅު އަނދައި ވަނީ ކަޅު ވެފަ އެވެ.

ފޮޓޯތައް އާންމުކޮށް ސިޓީ ކައުންސިލުން ބުނީ، މިސްކިތްތަކުން ވައްކަންކޮށް، ތަކެއްޗަށް ގެއްލުންދީ، މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އަމިއްލަ ފަރާތަކުން އަލުން އިމާރާތްކޮށް މޭ 2019 ގައި ހުޅުވި ޖަމީލް ދީދީ މިސްކިތުގައި ސީސީޓީވީ ކެމެރާތައް ވެސް ހުރެ އެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެގެން، އެ ތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލަ މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި މި މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރެއް ހޯދައި ވަނީ ހަވާލުކޮށްފަ އެވެ.