Roadha Mihaaru
މިސްކިތްތައް ސާފުކުރާ ވަޒީފާ އަށް ބޮޑު ޑިމާންޑެއް

މިސްކިތްތައް ސާފުކުރާ ވަޒީފާ އަށް މިފަހަރު އާދަޔާ ހިލާފު ބޮޑު ތަރުހީބެއް!

04 އެޕްރީލް 2024

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ދެ ވަނަ ފަހަރަށް އިއުލާން ކުރުމުން 200 އަށް ވުރެ ގިނަ މީހުން އެ ވަޒީފާ އަށް ކުރިމަތިލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މިސްކިތްތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުމުގެ މަސައްކަތަށް ދިވެހިން ހޯދަން ދެ ވަނަ ފަހަރަށް އިއުލާން ކުރުމުން 200 އަށް ވުރެ ގިނަ މީހުން އެ ވަޒީފާ އަށް ކުރިމަތިލާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މިސްކިތްތައް ސާފުކުރަން ދިވެހިން ހޯދަން އެންމެ ފުރަތަމަ އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ފަހަރު 114 ދިވެހިން ހޯދަން އިއުލާން ކުރުމުން އެޕްލިކޭޝަން ހުށަހެޅީ އެންމެ 14 މީހުންނެވެ.

އެހެންވެ، ކައުންސިލުން ނިންމީ އެ އިދާރާ އަށް ނަގާ ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށެވެ. އެގޮތަށް ބަދަލުކޮށް މިސްކިތްތަކުގެ މަސައްކަތްތައް ކުރަން ދިވެހިން ނެގުމަށް މިދިޔަ މަހު އަލުން އިއުލާން ކުރި އެވެ.

މާލޭގެ މިސްކިތްތައް ސާފުކުރުން ފަހުން ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ 110 މީހުންނެވެ.

އެ ކައުންސިލްގެ މީޑިއާ އޮފިޝަލް، އާމިނަތު ޝަތުފާ މިއަދު ވިދާޅުވީ، ފަހުން އިއުލާން ކުރުމުން ބޭނުންވާ އަދަށް ވުރެ އިތުރަށް ވަޒީފާ އަށް މީހުން ލާފައިވާ ކަމަށެވެ.

"މިސްކިތް ސާފުކުރަން އިއުލާން ކުރުމުން 230 ވަރަކަށް މީހުން އެޕްލައި ކުރި. މިހާރު ކުރިއަށް ގެންދަނީ އެ މީހުންގެ އިންޓަވިއުތައް ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ރާއްޖޭގެ މިސްކިތްތައް ދިވެހިންގެ އަތުން ސާފުކޮށް ބެލެހެއްޓުމަކީ ލިބޭ ފަހުރެއް އަދި އުފަލެއް ކަމުގައި ހެދުމަށް އެދިވަޑައިގެންފަ އެވެ.

މާލޭގެ މިސްކިތްތައް ކުރިން ސާފުކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. ނަމަވެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރާ ގޮތަށް ބަދަލުކުރަން ކައުންސިލުން ނިންމި އެވެ. މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި މިހާރު ގިނައީ ބިދޭސީންނެވެ.