Roadha Mihaaru
އިޒްރޭލުގެ އަމަލު ކުށްވެރިކުރަން ސިޑްސް އަށް ގޮވާލައިފި

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އަޑުއުފުލަން ސިޑްސްގެ ގައުމުތަކަށް ރައީސް ގޮވާލައްވައިފި

27 މެއި 2024

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

އިފްރާޒް އަލީ އެންޓީގާ އިން އިފްރާޒް އަލީ

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ގައުމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ސިޑްސްގައި ރާއްޖެއާ އެކު 37 ގައުމު ހިމެނެ އެވެ. މި ގައުމުތަކުގެ ޖުމްލަ އާބާދީ އަކީ 65 މިލިއަން މީހުންނެވެ. އެއީ ދުނިޔޭގެ އާބާދީގެ އެންމެ ޕަސެންޓެކެވެ. ނަމަވެސް މިއީ އިޖުތިމާއީ، އިގުތިސާދީ އަދި ތިމާވެށީގެ ގޮންޖެހުންތައް އެންމެ ބޮޑެތި ގައުމުތަކެވެ.

ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގާގައި މިއަދު ފެށި ހަތަރު ދުވަހު ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް ދެއްވި ތަގުރީރުގައި ވަނީ އިޒުރޭލުން ފަލަސްތީނުގައި މިހާރު ހިންގާ ގަތުލުއާމް ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

ސިޑްސް ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް

އެ ތަގުރީރު ފައްޓަވަމުން ރައީސް މުއިއްޒު ވަނީ އިޒްރޭލުން ހިންގާ ގަތުލުއާމް ވަގުތުން ހުއްޓާލަން ބައިނަލްއަގުވާމީ ކޯޓު އައިސީޖީން އަމުރު ނެރެފައި ވިޔަސް، އެ އަމުރު އިޒުރޭލުން ބޮލާލައި ޖަހާފައި ވާތީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

"މިއީ އިޒުރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންވީ ވަގުތު އަދި އެ ވެރިންގެ ލާއިންސާނީ އަމަލުތަކަށް ޖަވާބުދާރީ ކުރުވަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތުގެ އުދާސްތަކާއި ޝުއޫރުތަކާ އެކު [ދިވެހިން] ސާބިތުވެ މި ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކު."

ރައީސް މުއިއްޒު ވަނީ މީގެ ކުރިން އެހެން ބައްދަލުވުންތަކާއި މުނާސަބުތަކުގައި ވެސް އިޒުރޭލުގެ އަމަލުތައް ކުށްވެރިކޮށް އަޑުއުފުއްލަވައިފަ އެވެ.

މިއަދުގެ ތަގުރީރު ފައްޓަވަމުން ރައީސް ވަނީ ސިޑްސްގެ މެމްބަރު ގައުމެއް ކަމަށްވާ ޕަޕުއާ ނިއުގިނީގައި މިދިޔަ ހުކުރު ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން އެކަމާ ގުޅިގެން ވެސް ހިތާމަ ފާޅުކުރައްވައިފަ އެވެ.

"މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަން. އަދި އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް ވަގުތުގައި މި ހާދިސާ ހިނގި ސަރަހައްދުން ގިނަ ބަޔަކު ސަލާމަތުގެ އައްސޭރި އަށް، ވާސިލް ވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ޕަޕުއާ ނިއުގިނީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގި ސަރަހައްދުން މިހާތަނަށް 600 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ވެފަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 2،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

މިހާރު ކުރިއަށް ގެންދާ ސިޑްސް ކޮންފަރެންސްގައި ރައީސް މުއިއްޒު ޖުމްލަ ހަތް ސްޓޭޓްމަންޓެއް ދެއްވަން ވަނީ ހަމަޖައްސަވައިފަ އެވެ.