Roadha Mihaaru
ލެސްޓާގެ ހުއްދައާއެކު ޗެލްސިން މަރެސްކާއާ ވާހަކަދައްކަނީ

ލެސްޓާގެ ހުއްދަ ހޯދައިގެން ޗެލްސިން މަރެސްކާއާ ވާހަކަ ދައްކަން ފަށައިފި

28 މެއި 2024

ލަންޑަން (މެއި 27) - ލެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާއާ ވާހަކަ ދެއްކުމުގެ ހުއްދަ، އެ ކްލަބުން ޗެލްސީ އަށް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (މެއި 27) - ލެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާއާ ވާހަކަ ދެއްކުމުގެ ހުއްދަ، އެ ކްލަބުން ޗެލްސީ އަށް ދީފި އެވެ.

ޗެލްސީގެ ކޯޗުކަމުން މައުރީޝިއޯ ޕޮޗެޓީނޯ މިދިޔަ ހަފުތާގައި އިސްތިއުފާ ދިނުމުން، އެ ކްލަބުން ދަނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޗެލްސީގެ އެ މަސައްކަތުގައި އިޓަލީގެ މަރެސްކާ އަކީ އެ ކްލަބުން ވާހަކަ ދައްކާ ދެވަނަ ކޯޗެވެ.

މީގެ ހަފުތާއެއް ކުރިން އެ ޓީމުން ވަނީ އިޕްސްވިޗް ޓައުންގެ ކޯޗު ކީރަން މެކެނާއާ ވެސް ވާހަކަ ދައްކައިފަ އެވެ. އޭނާއާ އެކު ވެސް އަދި ވަކި އެއްބަސްވުމަކަށް ގޮސްފައެއް ނުވެ އެވެ.

ޗެލްސީން ދަނީ އެހެން ފުރުސަތުތައް ވެސް ބަލަމުންނެވެ. މަރެސްކާ އަކީ ވެސް ޗެލްސީގެ ލިސްޓްގައި އޮތް ނަމެކެވެ. އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ލެސްޓާ އަށް ހޯދައިދީ އަލުން ޕްރިމިއާ ލީގަށް އެ ކްލަބް ޕްރޮމޯޓްކޮށް ދިން ކޯޗު ވަނީ އެ ކްލަބާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

އޭނާ އާ ވާހަކަ ދެއްކުމުގެ ހުއްދަ ދިނުމަށް، ޗެލްސީން ލެސްޓާގެ ކިބައިން އިއްޔެ އެދުމުން އެ ކްލަބުން ވަނީ އެ ހުއްދަ ދީފަ އެވެ.

ދި އެތުލެޓިކް ނޫހުން ބުނީ މަރެސްކާ އާ އެކު ވާހަކަތައް ކާމިޔާބުވެއްޖެނަމަ، އޭނާ އާ އެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ޗެލްސީން ހަދާނެ ކަމަށެވެ. އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ލެސްޓާ އަށް ޓްރާންސްފާ ފީ ދައްކަން ޖެހޭނެ އެވެ.

މަރެސްކާ ކުރިން ވަނީ ޕެޕް ގާޑިއޯލާ އާ އެކު މެންޗެސްޓާ ސިޓީގެ ކޯޗިން ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ކުރިން ޕާމާ އަށް ވެސް ކޯޗުކޮށް ދިން މަރެޝްކާގެ މަސައްކަތާ މެދު ޗެލްސީގެ ޓެކްނިކަލް ޑައިރެކްޓަރުން ކަމަށްވާ ލޯރެންސް ސްޓްވާޓާއި ޕޯލް ވިންސްޓެންލީ ހިތްހަމަޖެހޭ ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ.

ޗެލްސީ އަށް ދެން ހަމަޖައސާ ކޯޗު ވެގެންދާނީ އެ ކްލަބްގެ މިލްކުވެރިކަން އެމެރިކާގެ ބިލިއަނަރު ޓޮޑް ބެއޮލީ ހޯދި ފަހުން މިދިޔަ ތިން އަހަރު ތެރޭ އެ ޓީމުގައި މަސައްކަތް ކުރާ ހަވަނަ ކޯޗަށެވެ.