Roadha Mihaaru
ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަންގައި: ޒީނާ

މަގާމާ ހަވާލުވިއިރު ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާގައި: ޒީނާ

29 މެއި 2024

މިދިޔަ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތް އިރު ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތް އިރު ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ، އެ ކުންފުންޏަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުން ކަމަށެވެ. އެންމެ ބޮޑު ދަރަންޏެއްގެ ގޮތުގައި 122 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް އިރު އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 27 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ 25 މިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ދައްކަން ޖެހޭ 88 މިލިއަން ރުފިޔާ ވެސް އެކުންފުނީގެ ދަރަނީގެ ތެރޭގައި ހިމެނެ އެވެ.

ދަރަނީގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް ނުވަ މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމް ހިންގާ އިމާރާތް. -- ފޮޓޯ: މިހާރު

ޕީއެސްއެމް ހިންގާ އިމާރާތް. -- ފޮޓޯ: މިހާރު

ޒީނާ ވިދާޅުވީ، އެ ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ ހަރަދު 20 ޕަސެންޓަށް މިހާރު ވަނީ ކުޑަކޮށްފައި ކަމަށެވެ. އަދި ބައެއް ބްރޮޑްކާސްޓިން ފީ އާއި ލައިސެންސް ފީތައް ނުދައްކާތީ އަރަމުންދިޔަ ޖޫރިމަނާތައް ހުއްޓުވުމަށް ބައެއް ލައިންސެންސް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެވްރެޖުކޮށް މަހެއްގެ މައްޗަށް 1.5 މިލިއަން އާމްދަނީގެ ގޮތުގައި ލިބޭ. އެހެން ނަމަވެސް، މިއީ މަހެއްގެ މައްޗަށް، ކަރަންޓު ބިލަށް ވެސް އެކަށީގެންވާ އަދަދެއް ނޫން. ކަރަންޓު ބިލަށް އެކަނި ވެސް އެބަ އަރާ 1.9 މިލިއަން ވަރު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އެހާ ދަށު ދަރަޖައެއްގައި އޮތުމުން، ކަރަންޓާއި ފެނުގެ ހަރަދުތައް ކުރަން ވެސް ދަތިތަކާ ކުރިމަތިވާ ކަަމަށެވެ.

ޒީނާ ވިދާޅުވި ގޮތުގައި މިވަގުތު ކުރަނީ ހަމައެކަނި ކުރަން ޖެހޭ ހަރަދުތައް އެކަންޏެވެ. ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބްރޮޑްކާސްޓިން ކުންފުނި، ޕީއެސްއެމްގައި މިވަގުތު 384 މުވައްޒަފުން މަސައްކަތް ކުރެ އެވެ.