Roadha Mihaaru
ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ ފަސޭހަކަމެއް ނޫން

ބޭންކުގެ ގޮތްޕެއް ބޭރުގައި ހުޅުވުމަކީ އެހާ ފަސޭހަ އިން ކުރެވޭނެ ކަމެއް ނޫން، އެކަމަކު ބީއެމްއެލް ތައްޔާރު: އެންޑްރޫ

14 މެއި 2018

ރާއްޖެ އިން ބޭރުގައި ބޭންކުގެ ގޮތްޕެއް ހުޅުވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ވަރަށް ގިނަ ތައްޔާރީތައް ވާން ޖެހޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ ރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އިން ބޭރުގައި ބޭންކުގެ ގޮތްޕެއް ހުޅުވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ވަރަށް ގިނަ ތައްޔާރީތައް ވާން ޖެހޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އެންޑްރޫ ހީލީ ރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ގޮތްޕެއް ހުޅުވާ ގައުމެއް އެ ބޭންކުން މިހާތަނަށް ހާމަނުކުރި ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ގޮފި ހުޅުވަން ނިންމާފައި ވަނީ ސްރީ ލަންކާގެ ކޮލަމްބޯގަ އެވެ. އެ ގޮފި ހުޅުވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ކަމަށް ވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ސީއީއޯ އެންޑްރޫ ރޭ ވިދާޅުވީ އެތަނުގެ ގޮތްޕެއް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އިން ބޭރުގައި ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލައިސަންސް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ ބްރާންޗެއް ހުޅުވުމަކީ އެހާ ފަސޭހަ ކަމެއް ނޫން. އެއީ ރީޓެއިލް ފިހާރައެއް ގޮތަށް ހުޅުވާފައި ކަސްޓަމަރުންނަށް މުދާ ވިއްކޭ ތަނެއް ނޫން. ބޭންކިން ހިދުމަތަކީ މުޅިން ތަފާތު ހިދުމަތެއް،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުން ބޭރުގައި ބޭންކްގެ ގޮތްޕެއް ހުޅުވާ ނަމަ ފުރިހަމަކުރަން ޖެހޭ އެތައް ކަމެއް ހުރެ އެވެ. އެގޮތުން އާ ފައިސާ ބޭނުން ކުރެވޭ ގޮތަށް އައިޓީ، އެކައުންޓިން ސިސްޓަމާއި އިސްލާމިކް ބޭންކިން އާއި ކޮންވެންޝަނަލް ބޭންކިން، ކާޑުގެ ހިދުމަތް އަދި ކްރެޑިޓް އިންފޮމޭޝަން ބިއުރޯ ފަދަ ކަންތައްތައް ފުރިހަމަ ވެފައި ހުންނަން ޖެހޭ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން މީގެ ކުރިން ކުރި ކަމެއް ނޫން. އަޅުގަނޑުމެން މިކަން ކުރަން މި ފަށަނީ މުޅިން އަލަށް. ކަސްޓަމަރުންނެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ވިދާޅުވީ، ބީއެމްއެލް އިން މިހާރު ވަނީ ރާއްޖެ އިން ބޭރުގައި ވެސް ހިދުމަތް ދެވޭ ފެންވަރަށް ކުރިއަރާފައި ކަމަށެވެ. އެގޮތުން މި ސަރަހައްދަށް ޚިދުމަތް ފުޅާކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ގޮތްޕެއް ރާއްޖެ އިން ބޭރުގައި ހުޅުވަން ނިންމާފައިވާ ކަން އިއުލާން ކުރުމަށް މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހު ހޮޓެލް ޖެންގައި ވާހަކަ ދައްކަވަމުން އެންޑްރޫ ވިދާޅުވީ، ރާއްޖެ އިން ބޭރަށް އެ ބޭންކުގެ ހިދުމަތް ފުޅާ ކުރުމަކީ ގިނަ ފައިދާތަކެއް ހޯދައި، ރާއްޖޭގައި އިންވެސްޓް ކުރަން އިތުރު އާމްދަނީ ވެސް ލިބޭނެ ކަމެއް ކަމަށެވެ.

ބީއެމްއެލްގެ ގޮތްޕެއް ރާއްޖެ އިން ބޭރުގައި ހުޅުވާއިރު، ގަވައިދުން ނުދައްކާ ލޯނުގެ ނިސްބަތް ވަނީ ހަތް ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި މާލީ ގޮތުން ވަރުގަދަކޮށް، ބައިނަލްއަގްވާމީ ރިސްކް ސްޓޭންޑްތަކަށް ދަނީ އަމަލުކުރަމުންނެވެ. އޭގެ އިތުރުން ބޭންކުގެ ހިންގުން ވަރުގަދަކޮށް ޓެކްނޮލޮޖީ އަށް ވެސް ދަނީ އިންވެސްޓް ކުރަމުންނެވެ.