Roadha Mihaaru
އެއާޕޯޓްގެ ސީ ޕްލޭން ޓާމިނަލް އަޅަން ހިއްކަން ފަށަނީ

ވެލާނާ އެއާޕޯޓުގައި ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުން ވެސް ބީޔޫސީޖީ އަށް

22 ފެބުރުއަރީ 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް، އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންދާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލް އަޅާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް، އާ ރަންވޭގެ މަޝްރޫއު ކުރިއަށް ގެންދާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްފި އެވެ.

އާ ރަންވޭގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ އެއާޕޯޓް ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއު ކަމަށެވެ. އެގޮތުން، އެ ޓާމިނަލް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ފުރަހުން އޮންނަ ސަރަހަދަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަންވޭ ހިއްކުމުގެ މަސައްކަތް ނިމުމާ އެކު އެ މަސައްކަތް ވެސް ފަށާނެ. އާ ރަންވޭ ހަދާ ނިމޭއިރު އެ ޓާމިނަލްގެ މަސައްކަތް ވެސް ހުންނާނީ ނިމިފައި،" އާދިލް ވިދާޅުވި އެވެ.

މިހާރު ސީ ޕްލޭން ޓާމިނަލް ހުރި ސަރަހައްދު ނަގަނީ، އާ ރަންވޭގެ ބައެއް އެ ހިސާބަށް އަރާތީ އެވެ.

އާދިލް ވިދާޅުވި ގޮތުގައި އާ ސީޕްލޭން ޓާމިނަލްގެ ކޮންސެޕްޓް އާއި ޑިޒައިންގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އާ ރަންވޭ އަޅަން ހިއްކާފައިވާ ސަރަހައްދު: ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ނިމިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ރަންވޭ އަޅަން ހިއްކާފައިވާ ސަރަހައްދު: ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ނިމިފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަޝްރޫއުގެ ދަށުން 31،754 އަކަމީޓަރު (340،000 އަކަފޫޓު)ގެ ސަރަހައްދެއް ހިއްކަން ޖެހެ އެވެ.

އާ ރަންވޭ އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭނުންކުރެވޭނެ ކަމަށް އާދިލް ވިދާޅުވި އެވެ. އޭގެ ކުރިން ސީޕްލޭން ޓާމިނަލާއި އެ ތަނާ ގުޅުން ހުރި ހުރިހާ އިމާރާތެއް، އަލަށް ހިއްކާ ސަރަހަައްދަށް ބަދަލުކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮޕަރޭޓްކުރާ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ އިތުރުން، ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ސީޕްލޭންތައް ވެސް އޮޕަރޭޓްކުރަނީ އައިއެންއައިއޭއިންނެވެ. ޓީއެމްއޭގައި 45 ސީޕްލޭން އޮންނައިރު، މޯލްޑިވިއަނުން ނުވަ ސީޕްލޭން ގެންގުޅެ އެވެ.

އާ ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ބީޔޫސީޖީން ވަނީ ސަބް ކޮންޓްރެކްޓެއްގެ ދަށުން ޔޫއޭއީގެ ގަލްފް ކޮބްލާއާ ހަވާލުކޮށްފަ އެވެ. އެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މިދިޔަ ޖުލައި 25 ގަ އެވެ.

އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ380 ވެސް ޖެއްސޭ ވަރުގެ ރަންވޭއެކެވެ. އޭގެ އިތުރުން މި މަޝްރޫއުގައި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމެއް ހެދުން ވެސް ހިމެނެ އެވެ.