Roadha Mihaaru
މޫސުމުގެ ހުރަސްއެޅުނަސް، ބްރިޖު ތާރީހަށް ނިމޭނެ

މޫސުން ގޯސްކަމުން ތިލަމާލެ ބުރިޖުގެ މަސައްކަތް ލަސްވިޔަސް، ތާރީހަށް ނިމޭނެ

31 މެއި 2024

މުޅި މާލެ ސަރަހައްދު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ސަބަބުން މޫސުން ގޯސްވުމުގެ ސަބަބުން ކުޑަކޮށް ލަސްވެފައިވިޔަސް، ކުރިން ކަނޑައަޅާފައި މުއްދަތަށް މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

މުޅި މާލެ ސަރަހައްދު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ސަބަބުން މޫސުން ގޯސްވުމުގެ ސަބަބުން ކުޑަކޮށް ލަސްވެފައިވިޔަސް، ކުރިން ކަނޑައަޅާފައި މުއްދަތަށް މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މުޅި މަޝްރޫއުގެ 38.8 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން، މާލެއިން ވިލިމާލެއަށް ޑިސެމްބަރު 31، 2025 ގެ ކުރިން އަދި މާލެއިން ގުޅިފަޅަށް މާޗު 31، 2026 ގެ ކުރިން ބްރިޖުން ގުޅާލައި ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅުން ތިލަފުއްޓަށް ބްރިޖުން ގުޅާލައި ނިމޭނެ ކަމަށް ބަލަނީ ސެޕްޓެމްބަރު 30، 2026 ގެ ކުރިންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުއްތަލިބު އިއްޔެ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. މުއްތަލިބު އިއްޔެ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެކަމުގެ ތަފްސީލް ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތުއާމް "މިހާރު" އަށް މިއަދު ވިދާޅުވީ މަޝްރޫއު ލަސްވުމުގެ މައިގަނޑު ސަބަބަކީ މޫސުން ގޯސްވުމެވެ.

"ޝެޑިއުލްއާ އަޅާބަލާއިރު މަޝްރޫއުގެ ޕްރޮގްރެސް މިހާރު ހުރީ 0.3 ޕަސެންޓް ފަހަތުގައި. މަސައްކަތްތައް ޕްލޭން ކުރެވިފައިވާ މިންވަރަށް ކުރިއަށް ނުގެންދެވުނީ މޫސުން ގޯސްވުމުގެ ސަބަބުން،" ތުއާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ކުރާ ސައިޓަށް ގެންގޮސްފައިވާ އިތުރު ވަސީލަތްތައް ބޭނުންކޮށްގެން ޝެޑިއުލާ އެއް ހަމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

މިނިސްޓްރީން ބުނީ ތަނބުތަކުގެ ޕައިލިންގެ 66 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕައިލް ކެޕްގެ 46 ޕަސެންޓް މަސައްކަތާއި ޕިއާ ކޮލަމްންސްގެ 48 ޕަސެންޓް ހިމެނެ އެވެ.

"މަޝްރޫއުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ 31 ޕަސެންޓް ކާސްޓުކޮށް ވަނީ ނިމިފައި. މިހާތަނަށް ވިލިމާލޭގައި ވިހި ސެގްމެންޓް ވަނީ ލޯންޗު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް ފެށި މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

އެޑިޓަރުގެ ނޯޓު: ކުރިން ލިޔުނު ޚަބަރުގައި މައުލޫމާތުގެ ކުށްތަކެއް ހުރުމުން ރަނގަޅު ކޮށްފައި.