Roadha Mihaaru

ދުނިޔޭގައި ވެސް ވިދާ، ދިވެހި އާޓިސްޓް ޝިމްހާގް

05 ޖޫން 2024

ކުޑައިރުން ފެށިގެން ކުރެހުމަށް ލޯބި ހުންނަ ސ. ފޭދޫ، އަލީ ޝިމްހާގް، 31 އެއީ މިހާރު އާ މޫނެއް ނޫނެވެ. ޑިޖިޓަލް އާޓްގެ ދާއިރާއިން ރާއްޖެ އާއި ބޭރުގައި ވެސް މަޝްހޫރު ޝިމްހާގަކީ އާދަޔާހިލާފު މޮޅު ކުރެހުންތެރިއެކެވެ. އޭނާގެ ކުރެހުން ހޮލީވުޑާ ހަމައަށް ވެސް ފޯރައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޑައިރުން ފެށިގެން ކުރެހުމަށް ލޯބި ހުންނަ ސ. ފޭދޫ، އަލީ ޝިމްހާގް، 31 އެއީ މިހާރު އާ މޫނެއް ނޫނެވެ. ޑިޖިޓަލް އާޓްގެ ދާއިރާއިން ރާއްޖެ އާއި ބޭރުގައި ވެސް މަޝްހޫރު ޝިމްހާގަކީ އާދަޔާހިލާފު މޮޅު ކުރެހުންތެރިއެކެވެ. އޭނާގެ ކުރެހުން ހޮލީވުޑާ ހަމައަށް ވެސް ފޯރައިފި އެވެ.

ބަޔޯމެޑިކަލް އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ނިންމައި ވަޒީފާ އަދާކުރަމުން އަންނަ ޝިމްހާގެ އެންމެ މަޝްހޫރު ޕްރޮޖެކްޓަކީ 2014ގައި އޭނާ ކުރެހި "ކޮސްމިކް ލަޔަން" ނުވަތަ ސިންގާއެއްގެ ޑިޖިޓަލް ކުރެހުމެކެވެ. އެ ކުރެހުމަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބުނީ އެމެރިކާގެ މިއުޒީޝަނެއް ކަމަށްވާ އެރޮން ކާޓާ އެ ކުރެހުން ވަގަށް ނަގައިގެން އޭނާގެ އަމިއްލަ ވިޔަފާރިއަށް ބޭނުންކުރިކަން ފަޅާއެރުމުންނެވެ. އެ މައްސަލާގައި އާރޮންއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ދައުވާކޮށް ޝިމްހާގު ކާމިޔާބު ވެސް ކުރި އެވެ.

ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް

ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގް

ކުރެހުމުގެ ދުނިޔެއަށް ވަދެވުނު ގޮތް

ޑިޖިޓަލް އާޓްގެ ދުނިޔެއަށް 2012 ގައި ޝިމްހާގް ވަދެ، އޭނާގެ މަސައްކަތް ބައިނަލްއަގުވާމީ ދުނިޔެ އަށް ވަނީ ފެތުރިފަ އެވެ.

"ޑިޖިޓަލް އާޓްގެ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 12ވަރަކަށް އަހަރު ވެދާނެ. މަޑުމަޑުން ބިލްޑްއަޕް ކުރަމުން އައިސް، އޭރު ފުރަތަމަ ކުރަހަން ފެށިއިރު އެއްވެސް ވަރަކަށް ޕްރޮފެޝަންއަކަށް ކުރާކަށް ނޫން ވިސްނީކީ. ކުރަހަމުން އައީ ހަމަ އޯޑިއެންސެއް އެއް ކުރަމުން. އޯޑިއެންސް ގިނަވަމުން ދިޔަ ވަރަކަށް، ރެންޑަމްކޮށް އަންނާނެ އީމެއިލްތައް. ވޯކް ކޮށްލަން ބޭނުމޭ އެކި ޕްރޮޖެކްޓް ތަކުގައި،" މިހާތަނަށް ގިނަ ކުރެހުންތައް އެކި މީހުންނަށް ނިންމައިދީފައިވާ ޝިމްހާގު ބުންޏެވެ.

އޭގެ ތެރޭގައި ޖަޕާނުގެ އެންމެ ބޮޑު ސޯޝަލްމީޑިއާ ޕްލެޓްފޯމު، ޕިކްސިވްއާ އާއި ރާއްޖޭގައި ލޭރިއެން ސްޓޯޑިއޯ ހިމެނެ އެވެ.

ޑިޖިޓަލް އާޓިސްޓް، އަލީ ޝިމްހާގްގެ ކުރެހުމެއް

ޑިޖިޓަލް އާޓިސްޓް، އަލީ ޝިމްހާގްގެ ކުރެހުމެއް

ހޮލީވުޑްގެ ފިލްމެއްގައި ޝިމްހާގްގެ ޕޯސްޓަރެއް

ޝިމްހާގަށް މިއީ ވެސް ވަރަށް ބޮޑު ކާމިޔާބެކެވެ. ހޮލީވުޑް ފިލްމެއްގައި އޭނާގެ ކުރެހުމެއް ބޭނުންކޮށްފި އެވެ. ސިނަމާތަކުގައި ދައްކަމުން އަންނަ ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ކިންގްޑަމް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" އަށް ޝިމްހާގް ތައްޔާރުކޮށްފައިވާ ޕޯސްޓަރު އާންމުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ.

އޭނާ މިހާރު އަންނަނީ، އެމެރިކާގެ ކްރިއޭޓިވް އެޖެންސީއެއް ކަމަށްވާ "ޕޯސްޓާ ޕޯސް" ގައި ވެސް މަސައްކަތް ކުރަމުންނެވެ. އެ އެޖެންސީ އަކީ ޓުވެންޓިއަތު ސެންޗުރީ އާއި ޔުނިވާސަލް އާއި ލެޖެންޑަރީ އަދި ލަޔަންސް ގޭޓް ކަހަލަ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯތަކަށް ޕޯސްޓަރުތައް ތައްޔާރުކޮށްދޭ ބައެކެވެ.

"ރައްޓެއްސަކު މަސައްކަތްކުރޭ މި ކްރިއޭޓިވް އެޖެންސީއާ އެއްކޮށް. އެ ކުއްޖާ ވޯކް ކުރާތަން ފެނިގެން މި އަހާލީ ކިހިނެއްހޭ އިންނަނީ އެ މީހުންނަށް އެޕްރޯޗް ކުރަން. ވެބްސައިޓެއް ހަދާފައި ހަމަ ފޮނުވާލީދެން، މިއީ ޕޯޓްފޯލިއޯއޭ އެ މީހުންނާ އެއްކޮށް ވޯކް ކޮށްލަން ޝައުގުވެރިކަން އެބަ ހުއްޓޭކިޔާފައި. ދެން އެ މީހުން ރީޗްއައުޓްކޮށްފައި ޒޫމް ކޯލް މީޓިންއެއްގައި، އެ މީހުންނަށް ކިޔައިދިނީ. އެ މީހުންނާ އެއްކޮށް މަސައްކަތް ކުރަން އެއްބަސްވެ، ސޮއިކުރީ،" އޭނާ ކިޔައިދިނެވެ.

"އެ މީހުންނާ އެއްކޮށް އެންމެ ފުރަތަމަ މަސައްކަތްކުރި ޔުނިވާސަލްގެ 'ރެންފީލްޑް' ފިލްމުގެ ޕޯސްޓަރާއި ބެތެސްޑާ ސްޓޫޑިއޯސްގެ "ސްޓާފީލްޑް" ގޭމް އަދި "ދަ ލާސްޓް އޮފް އަސް" ގޭމްގެ 10 ވަނަ އަހަރީ ދުވަހަށް ޕްލޭސްޓޭޝަން އާއި ނޯޓީ ޑޮގްއާ އެކު ޕޯސްޓަރުގެ މަސައްކަތް ކުރެވުނު. އޭގެ ފަހުން މި ވޯކް ކުރީ ޓުވެންޓިއަތު ސެންޗަރީ ސްޓޫޑިއޯއާ އެއްކޮށް."

ޝިމްހާގް ބުނި ގޮތުގައި ފިލްމުތަކަށް ޕޯސްޓަރު ޑިޒައިންކުރާނެ އާޓިސްޓަކު ކަނޑައަޅަނީ ސްޓޫޑިއޯތަކުން އެމީހުންނަށް ކަމުދާ އާޓިސްޓުންގެ ޕޯޓްފޯލިއޯ އަށް ބެލުމަށް ފަހުގަ އެވެ. އަދި އެއަށް ފަހު އާޓިސްޓުންނަށް ފުރުސަތުދީ، ނޮން ޑިސްކްލޯސާ އެގްރީމަންޓްގައި ސޮއިކުރުމަށް ފަހު މަސައްކަތް ފަށަ އެވެ.

ރާއްޖޭގައި އާޓިސްޓުން ބަލައިނުގަންނާތީ ޝިމްހާގުގެ ކަންބޮޑުވުން

ރާއްޖޭގެ އާޓްސްގެ ދާއިރާއަކީ އަޅާ ނުލެވި އޮތް ދާއިރާއެއް ކަމަށް އަބަދު ވެސް އެންމެން ވެސް ވާހަކަ ދައްކަ އެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް މާ ބޮޑު މަސަކަތެއް ކުރާ ތަނެއް ނުފެނެ އެވެ. ޝިމްހާގް ވެސް ފާހަގަކުރީ އާޓިސްޓުން ކުރާ މަސައްކަތް ރާއްޖޭގައި ބަލައި ނުގަންނަ ކަމެވެ.

"ރާއްޖޭގައި އަދިވެސް އާޓްއަކީ، ޕްރޮފެޝަން އެންޑް ކެރިއާއެއްގެ ގޮތުގައި އެ ދާއިރާ އަކީ ވަރަށް ދަށް ލެވެލް އެއްގެ ކަމެއްގެ ގޮތުގައި މީހުން ދެކޭ ކަމެއް. މިސާލަކަށް މީހެއްގެ ކައިރީ އާޓިސްޓެކޭ ބުނެފިނަމަ އެއީ ރަނގަޅު ޕްރޮފެޝަނެއްގެ ގޮތުގައި ބަލައެއް ނުގަނޭ. އެހާ ރެސްޕެކްޓް ކުރާ ޕްރޮފެޝަނެއްގެ ގޮތުގައި ބަލައެއް ނުގަނޭ،"

"އެއީ ގިނަ ފަހަރަށް މީހުންނަށް ހީވަނީ މިއީ [އާޓްއަކީ] އެހާ ގިނައިން ލާރި ލިބޭ ކަމެއް ނޫން ކަމަށް. ދެން އަނެއް ކަމަކީ އެހެން ޕްރޮފެޝަންސްއާ ކޮމްޕެއާ ކުރާއިރު، މިސާލަކަށް ޑޮކްޓަރުން ނުވަތަ އިންޖިނިއަރުން މިއީ [އާޓް ދާއިރާގައި އުޅޭ މީހުންނަށް] އެހާ ރެސްޕެކްޓް ލިބޭ ޕްރޮފެޝަނެއް ނޫން މިއީ."

ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގްގެ ކުރެހުމެއް

ޑިޖިޓަލް އާޓިސްޓް އަލީ ޝިމްހާގްގެ ކުރެހުމެއް

ދުނިޔޭގައި އާޓް އިންޑަސްޓްރީ ބޮޑުވަމުން އަންނައިރު ޑިޖިޓަލް އާޓިސްޓުންނަކީ މިހާރު ވަރަށް މުހިންމު ބަޔަކަށް ވެފައިވާ ކަމަށާއި އެ ޓްރެންޑް ރާއްޖެއިން ވެސް ފެންނަކަން އޭނާ ފާހަގަ ކުރި އެވެ. ހާއްސަކޮށް ޑިޖިޓަލް އާޓިސްޓުން މިހާރު ރާއްޖޭގައި ވަރަށް ގިނަކަމަށް ޝިމްހާގު ބުންޏެވެ.

އަނެއްކަންބޮޑުވުމަކީ ބޭރުގެ ކްލައިންޓުންނަށް މަސައްކަތް ކޮށްދިނުމަށް ފަހު ފައިސާ ހޯދަން އުނދަގޫވާކަން ވެސް އޭނާ ފާހަގަ ކުރި އެވެ.

"ރާއްޖޭގައި ޑިޖިޓަލް އާޓިސްޓެއް ނުވަތަ، ނޯމަލް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ޗެލެންޖަކީ ޕޭމަންޓް. އެއީ އިންޓަނޭޝަނަލް ކްލައިންޓް ކިތަންމެ ވަރަކަށް ޕޭ ކުރަން ބޭނުން ނަމަވެސް ރާއްޖޭގައި އަދިވެސް ނެތް އެއްވެސް ކަހަލަ ޕްލެޓްފޯމެއް ޕޭމެންޓްތައް ހޯދާނެ ގޮތެއް، ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނަކަށް،" ޝިމްހާގް ބުންޏެވެ.

ޝިމްހާގު ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ބޭނުންވަނީ ޑިޖިޓަލް އާޓް ކިޔަވައިދޭނެ ޕްލެޓްފޯމެކެވެ.

"އަޅުގަނޑުގެ ނަޒަރުގައި އެންމެ ބޮޑު އެއް ކަމަކީ އެޑިޔުކޭޝަން. އެއީ އަދި ޑިޖިޓަލް އާޓް ކިޔަވައިދޭ ކްލާސްތަކެއް އަޅުގަނޑަށް އެނގިގެން ރާއްޖޭގެ އެއްވެސް ތާކު އަދި ކުރިއަކަށް ނުގެންދޭ. އެއީ އެއް ބެރިއާ، ދެވަނަ ކަމަކީ ތައުލީމް. ތިންވަނަ ކަމަކީ ޕްރޮފެޝަންއެއް ގޮތަށް ވަންނަ ނަމަ ފައިސާ ލިބުމަކީ ވަރަށް ބޭނުންތެރި ކަމެއް ކޮންމެ ކަމެއް ކުރަން ވެސް. ފައިސާ ނުލިބޭ ދާއިރާއެއް ނަމަ ޕްރޮފެޝަންއެއް ގޮތަށް މީހުން އެ ދާއިރާއަކަށް ވަންނަން މަދުވާނެ."