ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
23 ޖޫން 2025
ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.
އެކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް "މިހާރު" އަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި އޭނާ ވިދާޅުވީ، ބޭހާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ. ލަސްތަކެއް ނުވެ، އެ ކުންފުނި ވުޖޫދަށް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން މިހާރު ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް ގިނަ ބޭސްތަކުގެ ކޮންޓްރޯލް އޮންނަނީ އަމިއްލަ ފަރާތްތަކުގެ އަތްމަތީގަ އެވެ. އެހެންވެ، ބައެއް ފަހަރު ބޭސް ލިބުމުގައި ދަތިތައް ދިމާވެ އެވެ.
މި ފަހުން ވެސް އެ މައްސަލަ އިތުރަށް ގޯސްވީ، ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައި އޮންނަ އަގު ކުޑަކުރުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް މެދުވެރިވެގެން އާސަންދަ އިން ދޫކުރުން ހުއްޓާލުން ހިމެނެ އެވެ.
އެ ޝަކުވާތަކާ އެކު ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން އެސްޓީއޯއިން ފެށި އެވެ.
ބޭސް އެތެރެކުރުމާއި ތަންތަނަށް އެ ފޮނުވުމަށް ވަކި ކުންފުންޏެއް އުފެއްދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯ އިން ކުރާ ހުރިހާ މަސައްކަތެއް ދެން ބަދަލުވާނީ އާ ކުންފުންޏަށް ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
"ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ތަންފީޒުވެ، ތި ދެންނެވި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" ނާޒިމް ވިދާޅުވި އެވެ.
ބައެއް ބޭސްތައް ހޯދަން ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ ސަރުކާރުގެ ދަށުން ހިންގާ ކުންފުންޏަކާ އެކު ވެސް އެސްޓީއޯ އިން މިދިޔަ މޭ މަހު އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމުގެ ދަށުން ރާއްޖެ އަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް އެ އެއްބަސްވުމުގެ ދަށުން ފަހިވާނެ ކަމަށް އެސްޓީއޯ އިން އޭރު ބުންޏެވެ.
އަގު ހެޔޮކޮށް ރާއްޖެ އަށް ބޭސް ގެންނަން މަޝްވަރާކުރަނީ
އެސްޓީއޯއިން ގެންނަ ބޭސް 1،000 އަށް އިތުރުވެއްޖެ
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ގުރައިދޫ މަރުކަޒުގެ 5 މުވައްޒަފަކު ސްޕޮންސަ ކޮށްފި
"ބޭހުގެ މައްސަލަ ހައްލުނުވަނީ ގަވައިދު އޮތްގޮތުން"
އެސްޓީއޯ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރަނީ
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
ބޭސް ނުލިބުމުގެ މައްސަލަ އެބަ ހައްލުވޭ: މިނިސްޓަރު
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން