Roadha Mihaaru
ނަސްލީ ތަފާތުކުރުންތަކާ ހެދި ޖަރުމަނުގެ ޔޫރޯ ހަރާބު؟

ނަސްލީ ތަފާތުކުރުންތައް އެންމެ މަތީގައި، ޖަރުމަނުގެ ޔޫރޯ ހަރާބުވެދާނެ

03 ޖޫން 2024

ބާލިން (ޖޫން 3) - މި މަހު 14 ގައި ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކަވަރޭޖްގައި އެ ގައުމުގެ ޕަބްލިކް ބްރޮޑްކާސްޓާއިން ހުޅުވާލި ޕޯލެއްގައި ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭތީ ޓީމުގެ އެތެރޭގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެ އެވެ.

ބާލިން (ޖޫން 3) - މި މަހު 14 ގައި ޖަރުމަނުގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކަވަރޭޖްގައި އެ ގައުމުގެ ޕަބްލިކް ބްރޮޑްކާސްޓާއިން ހުޅުވާލި ޕޯލެއްގައި ނަސްލީ ތަފާތުކުރުމަށް ހިތްވަރު ލިބޭތީ ޓީމުގެ އެތެރޭގައި ބޮޑު ކަންބޮޑުވުމެއް އުފެދިއްޖެ އެވެ.

ޖަރުމަނުގެ ބްރޮޑްކާސްޓާ އޭއާރްޑީން މިދިޔަ ހުކުރު ދުވަހު ހުޅުވާލި ޕޯލްގައި ސުވާލުކޮށްފައި ވަނީ؛ އެ ގައުމުގެ ގައުމީ ޓީމުގައި ތިބެން އެންމެ ބޮޑަށް ބޭނުން ވަނީ ދޮން ނަސްލުގެ ކުޅުންެތެރިންތޯ ނުވަތަ ނޫންތޯ އެވެ.

ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަން އާއި އެ ޓީމުގެ މިޑްފީލްޑަރު ހޯޝުއާ ކިމިޗް ވަނީ އެކަމާ ދެކޮޅަށް ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކައިފަ އެވެ.

"މިއީ ހަމަ ކަނޑައެޅިގެން ނަސްލީ ތަފާތު ކުރުން. ޕަބްލިކް ބްރޮޑްކާސްޓާއިން މިކަހަލަ ސުވާލެއް ހުޅުވާލިއިރު އެ މީހުން ތިބި މޮޔަވެފަ ތަ،" ނާގެލްސްމަން ވާހަކަ ދެއްކި އެވެ.

ރެންޑަމްކޮށް ނެގުނު 1،304 ބައިވެރިންގެ ސާވޭއިން ދައްކާ ގޮތުގައި ދޮން ނަސްލުގެ އިތުރު ކުޅުންތެރިން ޖަރުމަނަށް ކުޅޭނަމަ 21 ޕަސެންޓް މީހުން އެކަމަށް އިސްކަން ދޭނެ އެވެ.

ނާގެލްސްމަން ބުނީ ޖަރުމަނު އިތުރަށް ހޭލުންތެރިން ވާން ވެއްޖެ ކަމަށެވެ.

"ޔޫރަޕްގައި އެބަތިބި ހަނގުރާމައިގެ ސަބަބުން، އިގްތިސާދީ ސަބަބުތަކާއި، ތިމާވެށީގެ ކާރިސާތަކުގެ ސަބަބުން ހިޖުރަކުރަން ޖެހުނު މީހުން، ހަމައެކަނި ވަކި ބަޔަކު މިތަނުގައި ބައިތިއްބަން ބޭނުން ވެގެން މިވަގުތު މިކުރަނީ ކީއްތޯ ސުވާލު ކުރަން އެބަޖެހޭ،" ނާގެލްސްމަން ބުންޏެވެ.

ކިމިޗް ބުނީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ފުޓްބޯޅަ ޓީމަކަށް ފުރިހަމަ މިސާލެއް ދެއްކޭނެ ކަމަށެވެ. ޖަރުމަނުގެ ޓީމު ތިބޭނީ އެ މިސާލު ދެއްުކުމުގައި ކަމަށް ބެޔާން މިޔުނިކްގެ މިޑްފީލްޑަރު ބުންޏެވެ.

ނާގެލްސްމަން ބުނީ އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެވޭނެ ފެންވަރު ހުރި ކޮންމެ ނަސްލެއްގެ ކުޅުންތެރިޔަކަށް ވިޔަސް ޖަރުމަނުގެ ޓީމަށް ކުޅެން ޝަރުތު ހަމަވާނަމަ އެ ކުޅުންތެރިޔަކަށް އޭނާ ޖާގަ ދޭނެ ކަމަށެވެ.

ޔޫރޯގެ ފުރަތަމަ މެޗުގައި ޖަރުމަނުން 14 ވަނަ ދުވަހުގެ ރޭ ނުކުންނީ ސްކޮޓްލެންޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.