Roadha Mihaaru
ޔޫޒަބަލް ރިޒާވްގައި 114 މިލިއަން ޑޮލަރު

ޔޫޒަބަލް ރިޒާވްގެ އަދަދު 114 މިލިއަން ޑޮލަރަށް އަރައިފި

03 ޖޫން 2024

މިދިޔަ އޭޕްރީލް މަހު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 114 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އޭޕްރީލް މަހު ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 114 މިލިއަން ޑޮލަރަށް އަރައިފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ ހަތަރު މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ ޖެނުއަރީ މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 110 މިލިއަން ޑޮލަރެވެ. ހަތަރު މިލިއަން ޑޮލަރު އިތުުރުވި ނަމަވެސް މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު 37 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޔޫޒަބަލް ރިޒާވުގައި ހުރީ 151 މިލިއަން ޑޮލަރެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އޭޕްރީލް މަހުގެ ރިޒާވް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށް ވުރެ 65 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. ޑިސެމްބަރު މަހު މަހު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ޔޫޒަބަލް ރިޒާވްގައި އެވްރެޖުކޮށް ހުރީ 115 މިލިއަން ޑޮލަރެވެ.

އޭޕްރީލް މަހު ރަސްމީ ރިޒާވް ހުރީ 622 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ވުރެ 135 މިލިއަން ޑޮލަރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ރަސްމީ ރިޒާވު ހުރީ 757 މިލިއަން ޑޮލަރުގަ އެވެ.

މިދިޔަ އަހަރަށް ވުރެ ރިޒާވް ދަށްވި ނަމަވެސް ރަސްމީ ރިޒާވް ވަނީ މި އަހަރު ޖެނުއަރީ މަހަށް ވުރެ 71 މިލިއަން ޑޮލަރު އިތުރުވެފަ އެވެ.

ޖުމްލަ ރިޒާވް އިތުރުވި އެންމެ ބޮޑު ސަބަބަކީ ކޮމާޝަލް ބޭންކްތަކުން އެމްއެމްއޭގައި ބަހައްޓާ ފައިސާ އިތުރުވުމެވެ. އެ މުއްދަތުގައި ކޮމާޝަލް ބޭންކްތަކުން ބެހެއްޓި ފައިސާ ވަނީ 67 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. އެ ފައިސާ އިތުރުވި ނަމަވެސް އެއީ ސަރުކާރުގެ ބޭނުންތަކަށް އިމްޕޯޓަށާއި ދަރަނި ދެއްކުމަށް ބޭނުން ކުރެވޭނެ ފައިސާއެއް ނޫނެވެ. އެހެންވެ، ރަސްމީ ރިޒާވުގެ އަދަދު ބޮޑުވިޔަސް، އެކަމުން ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ފައިދާއެއް ނުކުރާނެ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވް ހުރީ 590 މިލިއަން ޑޮލަރުގަ އެވެ.

ރިޒާވް އިތުރު ކުރުމަށްޓަކައި ކުރާ އެއް ކަމަކީ އާމްދަނީ އިން ވަކި އަދަދެއް ރައްކާކުރުމެވެ. ރިޒާވް އިތުރު ކުރުމަށްޓަކައި ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ދޭތެރެ ދޭތެރެއިން ބޭނުންކުރެ އެވެ.