Roadha Mihaaru
ދަރުމަވަންތައިގެ ޕޭމަންޓާއެކު ރިޒާވް ދަަށަށް!

ޑޮލަރު ރިޒާވް ދަށްވީ ވިއްކި އަދަދު އިތުރުވެ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޕޭމަންޓް ދައްކަން ޖެހުމުން: އެމްއެމްއޭ

19 ޑިސެމްބަރ 2017

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޑޮލަރު ރިޒާވް ދަށްވީ ޑޮލަރު ވިއްކި އަދަދު އިތުރުވުމާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ފައިސާ ދައްކަން ޖެހުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޑޮލަރު ރިޒާވް ދަށްވީ ޑޮލަރު ވިއްކި އަދަދު އިތުރުވުމާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ފައިސާ ދައްކަން ޖެހުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ތިންވަނަ ކުއާޓަރުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައި ވަނީ ގްރޮސް އިންޓަނޭޝަނަލް ރިޒާވް (ޖީއައިއާރު) އާއި ޔޫޒަބްލް ރިޒާވް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން އެ މުއްދަތުގައި ޖީއައިއާރު 14 ޕަސެންޓް ދަށްވިއިރު ޔޫޒަބްލް ރިޒާވް 23 ޕަސެންޓް ދަށްވެފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އިދާރާއިން އިން ބުނިގޮތުގައި ގްރޮސް އިންޓަނޭޝަނަލް ރިޒާވް ދަށްވެފައި ވަނީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރު މަދުވުމުންނެވެ. އަދި ޔޫޒަބްލް ރިޒާވް ދަށްވީ އެމްއެމްއޭ އިން ވިއްކި ޑޮލަރުގެ އަދަދު އިތުރުވުމާއި ސަރުކާރުގެ ލޯނުތަައް އަނބުރާ ދައްކަން ޖެހުމާއި ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ދައްކަން ޖެހުމާ ގުޅިގެން ކަމަށް ވެސް އެ ބުލެޓިންގައި ބުނެފައިވެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނަށް 25 ބުރީގެ އިމާރާތެއް އަޅަން ސަރުކާރުން ހަވާލުކުރީ 144 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ.

އެމްއެމްއޭ އިން ބުނެފައި ވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރު ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގެ ގޮތުގައި ހުރީ 519.4 މިލިއަން ޑޮލަރު ކަމަށެވެ. އަދި ޔޫޒަބްލް ރިޒާވްގެ ގޮތުގައި ހުރި މިންވަރު 191.9 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.