Roadha Mihaaru
ފަޒީގެ ހިޖާމާ ކްލިނިކަށް ފިޔަވަޅު އަޅަން އަންގައިފި

ފަޒީގެ ހިޖާމާ ކްލިނިކަށް ފިޔަވަޅު އަޅަން އަންގައިފި

04 ޖޫން 2024

ހުއްދަ ނުނަގައި މަސައްކަތް ކުރާތީ "ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރާ ދެކޮޅަށް ފިޔަވަޅު އަޅާން ހެލްތު މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުއްދަ ނުނަގައި މަސައްކަތް ކުރާތީ "ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރާ ދެކޮޅަށް ފިޔަވަޅު އަޅާން ހެލްތު މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓަށް އަންގައިފި އެވެ.

ސިއްހީ ބައެއް މައްސަލަތަކަށް ހިޖާމާ އިން ފަރުވާ ލިބޭ ކަމަށް އަދި އާއްމުންނާ މެދު މުއާމަލާތްކުރާ ގޮތުން، އެ ސެންޓަރުގެ ވެރިޔާ ފަޒީލާ އުސްމާނަށް އަބަދުވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އޭގެ ތެރެއިން ހަކުރު ބައްޔާ ގުޅޭގޮތުން 2022 ވަނަ އަހަރު ދެއްކި ވާހަކަތަކެއް ހޫނުވެ، ހިޖާމާ ޖަހާ ތަން މިނިސްޓްރީން ބަންދު ވެސް ކުރި އެވެ.

އޭނާ އޭރު "މިހާރު" އަށް ބުނީ ހުއްދަ ނަގައިގެން ހިޖާމާ ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ހެލްތު މިނިސްޓްރީން އަންގާފައިވާ ކަމަށާއި އެހެންވެ ދެން އެކަން ކުރާނީ ހުއްދަތައް ހަމަކޮށްގެން ކަމަށެވެ.

ނަމަވެސް، ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައުފާ ހުސެއިން "މިހާރު" އަށް މިއަދު ވިދާޅުވީ ފަޒީލާއަށް މިހާތަނަށް އެއްވެސް ހުއްދައެއް ދީފައި ނުވާ ކަމަށެވެ.

އެހެންވެ، ގަވާއިދާ ހިލާފަށް ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތީ އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ވެސް، ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މި ހަފުތާގައި އަންގާފައިވާ ކަމަށް ޝައުފާ ވިދާޅުވި އެވެ.

"ހެލްތު ޕްރޮފެޝަނަލްސްގެ ގާނޫނުގެ ދަށުން ލައިސެންސް ނެތި ހިދުމަތް ދޭތީ 75،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ. ދެން ހެލްތު ސާވިސް ގާނޫނުގެ ދަށުން ތަން ބަންދުކުރެވޭނެ،" ޝައުފާ ވިދާޅުވި އެވެ.

ފަޒީލާ ބުނީ ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އެ ކޮންމެ ސެޝަނަކަށް 1000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާއަށް ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.

ފަޒީލާ ވަނީ ހިޖާމާ ޖެހުމަށް އިނގިރޭސި ވިލާތުގެ ޔޫކޭގެ ހިޖާމާ ނޭޝަންސް އިން އޮންލައިންކޮށް ޑިޕްލޮމާ ސެޓްފިކެޓެއް ހޯދައިފަ އެވެ.