Roadha Mihaaru
ފަޒީސް ހިޖާމާ ހުއްޓާލަން އަނެއްކާވެސް އަންގައިފި

ފަޒީލާގެ ހިޖާމާ ހިދުމަތް ހުއްޓާލަން އަނެއްކާވެސް އަންގައިފި

11 ސެޕްޓެމްބަރ 2024

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ރަޖިސްޓްރީ ނުކޮށް ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާތީ އެތަނުގެ ހިދުމަތް ހުއްޓާލަން އެ ތަނުގެ ވެރިޔާ ފަޒީލާ އުސްމާނަށް އަނެއްކާވެސް އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ރަޖިސްޓްރީ ނުކޮށް ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާތީ އެތަނުގެ ހިދުމަތް ހުއްޓާލަން އެ ތަނުގެ ވެރިޔާ ފަޒީލާ އުސްމާނަށް އަނެއްކާވެސް އަންގައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ "ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން" ފަޒީސް ހިޖާމާ ތެރަޕީގެ ހިދުމަތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ހިދުމަތް ހުއްޓާލަން އެންގީ އެކަމާ ގުޅިގެން މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާތަކަށް ބަލައި އޭނާއާ ބައްދަލުކޮށް، ރަޖިސްޓްރީކޮށްގެން ހިދުމަތް ދިނުމަށް އެންގުމަށް ފަހު އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ފަޒީލާގެ ހިޖާމާ ޖެހުމުގެ ހިދުމަތް ޕްރޮމޯޓްކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ ވެސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުނުވާތީ އެ ރިޕޯޓުތައް ނެގުމަށް ވެސް އޭނާއަށް އަންގާފައިވެ އެވެ.

"ބަލި މީހުންގެ މެޑިކަލް ރެކޯޑްތައް އާއްމުކުރެވޭނީ އެފަދަ ހާލަތެއްގައި ބަލި މިހާގެ ހުއްދައާ އެކުގައެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ރަޖިސްޓްރީނުކޮށް އަދި އޮޕަރޭޓިން ލައިސަންސް ނުނަގައި ހިދުމަތްދޭ ނަމަ، ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން އެކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަން ވެސް ފަޒީލާއަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ފަޒީލާއަށް އަންގާފައި ވަނީ ސިއްހީ ފަރުވާ ފޯރުކޮށްދޭން ބޭނުން ނަމަ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެކަމަށް އެދި ހުށަހެޅުމަށެވެ. އެ ހިދުމަތް ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސަންސް ހޯދުމަށް ފަހު ނޫނީ ހިޖާމާ ޖެހުމުގެ ހިދުމަތް ނުދިނުމަށް 2019 ގައި ވެސް އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެެވެ.

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ދެމުންދާތީ އެކަން ނުކުރުމަށް ތަކުރާރުކޮށް ފަޒީލާއަށް އެންގި ނަމަވެސް ހުއްޓާނުލައި އެ ހިދުމަތް އޭނާ ދިޔައީ ދެމުންނެވެ. އެކަމަކު ހިޖާމާ ސެންޓަރު ހުޅުވައި، ފޭސްބުކް ޕޭޖުގައި ވެސް އެކަން އިސްތިހާރުކޮށް، ފާޅުގައި އެކަން ދަނީ ކުރަމުންނެވެ. އެތަނުގެ މައްސަލަ 2022 ގައި ވެސް ބޮޑުވި އެވެ. ހަކުރުބައްޔަކީ ހިޖާމާއިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމާއި ބާރުގަދަ ބޭސްތަކުގެ ބަދަލުގައި ހިޖާމާ ޖެހުމަށް ބާރު އަޅައި ފޭސްބުކްގައި އިޝްތިހާރުތައް ކުރުމުން ޑައިބެޓިކްސް ސޮސައިޓީ ފަދަ ތަންތަނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭރު ފަޒީލާގެ އަތުގައި އެކަމާ ގުޅޭ ސެޓްފިކެޓެއް ވެސް ނެތެވެ. އެކަމަކު ފަހުން އޭނާ ވަނީ އެކަމާ ގުޅޭ ކޯހެއް ބޭރު ގައުމަކުން ފުރިހަމަކޮށްފައި ކަމަށް އޭނާ ބުނެ އެވެ.

ފަޒީލާ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އެ ކޮންމެ ސެޝަނަކަށް 1،000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާ ބުނާ ނިސްބަތުން ބަލާއިރު ލިބޭނެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.