Roadha Mihaaru
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން

ނުވަ ލައްކަ ޓޫރިސްޓުން އަތުވެއްޖެ، ލައްކައަކަށް ވުރެ ގިނައީ ޗައިނާގެ ޓޫރިސްޓުން

08 ޖޫން 2024

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކަ އަށް އަރައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ނުވަ ލައްކަ އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ 11 ޕަސެންޓު ނިސްބަތް ވަނީ ޗައިނާއަށެވެ. އެ ގައުމުން މިހާތަނަށް ވަނީ ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާ އެވެ. އެއީ 90،000 އަށް ވުރެ ގިނަ ޓޫރިސްޓުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުން އައީ 86،000 ޓޫރިސްޓުންނެވެ.

ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި މަހުގެ މިހާތަނަށް އައި ޓޫރިސްޓުން މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ހަތް ޕަސެންޓު ދަށްވެފައިވެ އެވެ. މި މަހުގެ މިހާތަނަށް ރާއްޖެއަށް އައީ 14،000 ޓޫރިސްޓުންނެވެ.

މިދިޔަ މަހު ވެސް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މޭ މަހަށް ވުރެ އެއް ޕަސެންޓު ވަރު ދަށްވެފަ އެވެ.

މިދިޔަ ދެ މަހު ރާއްޖެ އަށް ދުވާލެއްގެ މައްޗަށް އަންނަނީ އެވްރެޖުކޮށް 3،700 ޓޫރިސްޓުންނެވެ. މިއީ އޭގެ ކުރީ ހަތަރު މަހުގެ ދުވާލެއްގެ އެވްރެޖަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ދަށް އަދަދެކެވެ. މިދިޔަ ހަތަރު މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،300 ޓޫރިސްޓުން އައިސްފައި ވެ އެވެ.

ޓޫރިސްޓުން އަންނަ އަދަދަށް ބަލާއިރު، ކުރީގައި ލަފާކުރެވުނީ މި މަސް ތެރޭގައި އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް، ޓޫރިސްޓުން އަންނަ އަދަދު އެހާ ބޮޑަށް ދަށްވުމުން މި އަހަރު ވެސް ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރާނީ އަންނަ މަހު ކަމަށް ލަފާ ކުރެ އެވެ. މިދިޔަ އަހަރު ވެސް އެއް މިލިއަން ޓޫރިސްޓުން ހަމަވީ ޖުލައި މަހަށެވެ.

ރާއްޖެ އަށް މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ އިރު، މި އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ