Roadha Mihaaru
ރައީސަށް އިންޑިއާ އިން ހޫނު މަރުހަބާއެއް

ރައީސަށް އިންޑިއާ އިން ހޫނު މަރުހަބާއެއް

09 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިއު ދިއްލީ އަށް ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިއު ދިއްލީ އަށް ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާ ސަރުކާރުން ރައީސް މުއިއްޒަށް ދައުވަތު ފޮނުވި އެވެ. އެ ދައުވަތު ގަބޫލުފުޅު ކުރައްވައި މޯދީ މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެވަޑައިގަތުމަށް ރައީސް އެ ގައުމަށް ފުރާވަޑައިގަތީ ރޭގަ އެވެ

އިންޑިއާ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒަށް މަރުހަބާ ކިޔުމަށް ދިއްލީގައި ހުންނަ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބޭރުގައި ވަނީ ބޮޑު ބެނާއެއް ހަރުކޮށްފަ އެވެ. އެ ބެނާގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ފޮޓޯފުޅެއް ޖަހައި "އިންޑިއާ އަށް މަރުހަބާ" ލިޔެފައި ވެ އެެވެ.

މުއިއްޒު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން މަރުހަބާ ކިޔުމަށް އެ ގައުމުގައި ޖެހި ޕޯސްޓު.--

މުއިއްޒު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން މަރުހަބާ ކިޔުމަށް އެ ގައުމުގައި ޖެހި ޕޯސްޓު.--

ރައީސް ދިއްލީ އަށް ވަޑައިގަތުމުން ވެސް މަރުހަބާ ދެންނެވުމަށްޓަކައި އެއާޕޯޓުގައި އެ މަނިކުފާނަށް ހާއްސަކޮށް މުނިފޫހިފިލުވުމުގެ ހަރަކާތެއް ހުށަހަޅައި ދިނެވެ.

އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސެކްރެޓަރީ ޕަވަން ކަޕޫރާއި އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝަހީބާއި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާމް ކުރައްވަނީ.--

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސަލާމް ކުރައްވަނީ.--

މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުއިއްޒުގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ. މޯދީ ތިން ވަނަ ދައުރަކަށް ހޮވުމާ ގުޅިގެން ބޮޑުވަޒީރު މޮދީ އާއި ރައީސް މުއިއްޒު ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަން ދެއްވީ އެ ގުޅުން ވަރުގަދަ ކުރުމާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ވެފައިވާ ކަމުގެ މައްޗަށެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. ފުރަތަަމަ ފުރަމާނަ ދަތުފުޅު ކުރެއްވީ ޗައިނާއަށެވެ.