Roadha Mihaaru
ރައީސް، ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި

ރައީސް އާއި ޖައިޝަންކަރުގެ ބައްދަލުުވުން: "ރާއްޖެއާ އެކު ގާތްކޮށް މަސައްކަތްކުރާނެ"

10 ޖޫން 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ނިއު ދިއްލީގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް ދެން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިންވަނަ ދައުރަކަށް އިއްޔެ ހުވާކުރެއްވި ނަރެންދުރަ މޯދީ އެކުލަވާލި އާ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަމުގެ ހުވާ ޖައިޝަންކަރު ވެސް އިއްޔެ ވަނީ ކުރައްވައިފަ އެވެ. އޭނާ އަކީ މޯދީގެ މިދިޔަ ދައުރުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.

އެ މަގާމުގައި ހުންނަވާ ތިން ފަހަރެއްގެ މަތިން އޭނާ ރާއްޖެ އަށް ވެސް ވަޑައިގަތެވެ.

ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ އެކު، ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ދެ ގައުމުގެ ވަފުދާ އެކު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ދެ ގައުމުގެ ވަފުދާ އެކު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. މޯދީ ތިންވަނަ ދައުރަކަށް ހޮވުމާ ގުޅިގެން މޯދީ އާއި ރައީސް ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަންދެއްވީ އެ ގުޅުން ވަރުގަދަކުރުމަށާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ކަމުގެ މައްޗަށެވެ.