Roadha Mihaaru
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި

ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން ހައި ކޯޓުގައި އެދެފި

09 ޖޫން 2024

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް ހުސައިން ސަލީމް އެ މައްސަލަ ހައި ކޯޓުން ނިމެންދެން ބަންދުކުރަން ދައުލަތުން މިއަދު އެދިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާލިބޭ މުހައްމަދު މަފާޒް ހުސައިން ސަލީމް އެ މައްސަލަ ހައި ކޯޓުން ނިމެންދެން ބަންދުކުރަން ދައުލަތުން މިއަދު އެދިއްޖެ އެވެ.

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުރިން އެހެން މައްސަލައެއްގައި ބަންދުކޮށްފައި ހުއްޓަސް، މަފާޒް މިހާރު ބަންދުން މިނިވަންވެފައިވާތީ ނަދީމްގެ މަރުގެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން އެދޭ ކަމަށެވެ. އެއީ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ދައުލަތުން ބުންޏެވެ.

ނަދީމްގެ ވަކީލުން ވިދާޅުވީ، ކުރީގެ މައްސަލާގައި އޭނާ ބަންދުން މިނިވަންވިތާ ތިން މަސް ދުވަސް ވެފައިވާ ކަމަށާއި އެ މުއްދަތުގައި ކުށުގެ ރެކޯޑެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ. ނަދީމްގެ މައްސަލާގައި ދަށު ކޯޓުގައި ޝަރީއަތް ހިނގިއިރު ވެސް އެތައް އަހަރެއް ވަންދެން މަފާޒް ބަންދުގައި ހުރި ކަމަށާއި އެހެންވެ، އަނެއްކާވެސް އިސްތިއުނާފް މަރުހަލާގައި ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ވަކީލުން ވިދާޅުވި އެވެ. އޭނާ ދޫކޮށްލާފައި ބެލެހެއްޓިޔަސް، އެހެން މައްސަލައެއް ފެންމަތިވެއްޖެނަމަ އޭނާ ހައްޔަރު ކުރުމުގެ ފުރުސަތު އޮންނާނެ ކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެހެންވެ، ވަކީލުން އެދުނީ ޝަރުތުތަކާ އެކު ނަމަވެސް މަފާޒް ބަންދުން ދޫކޮށްފައި ބެހެއްޓުމަށެވެ.

ނަމަވެސް ދައުލަތުން ބުނިގޮތުގައި ވޭތުވެދިޔަ ތިން މަހު މަފާޒްގެ ކުށުގެ ރެކޯޑެއް ނެތުމަކީ އޭނާ ދޫކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެ ބާވަތުގެ މައްސަލަތަކުގައި މަތީ ކޯޓުތަކުން ކުރިން ނިންމާފައި ހުރި ނިންމުންތަކަށް ބަލާއިރު ވެސް އެއީ ބަލަންޖެހޭ ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.

ފަސް އަހަރު ވަންދެން ބަންދުގައި ހުރުމަށްފަހު ކުށް ސާބިތު ނުވި މީހަކު ހައި ކޯޓުން އަލުން ބަންދު ކުރުމާ މެދު ދައުލަތުން ދެކޭ ގޮތެއް ސާފުކުރަން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ފަސް އަހަރު ވަންދެން ބަންދުގައި ހުރުމަކީ އިސްތިއުނާފް މަރުހަލާގައި އަލުން ބަންދު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި މަފާޒް ފަސް އަހަރު ވަންދެން ބަންދުގައި ހުރީ އެހެން ބައެއް މައްސަލަތަކާ ގުޅިގެން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މަފާޒް ބަންދު ކުރުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ އިސް ފަނޑިޔާރު ޝަހީދެވެ.

އެ މައްސަލާގައި މަފާޒް ފިޔަވައި ދެން ތިބި މީހުން ބަންދުކުރަން ވެސް ދައުލަތުން ކުރިން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އޭގެ ތެރެއިން ބަންދު ކުރެވޭނީ ނިފާޒް އެކަނި ކަމަށެވެ. އޭނާ މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.