Roadha Mihaaru
ލަމްހާ ދޫކޮށްލުމާ ދައުލަތުން ދެކޮޅުހަދައި އިސްތިއުނާފަށް

ލަމްހާ ދޫކޮށްލުމާ ދައުލަތުން ދެކޮޅުހަދައި އިސްތިއުނާފަށް

28 ނޮވެމްބަރ 2023

އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުން ގޯސް ކަމަށް ދެކޭތީ ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުން ގޯސް ކަމަށް ދެކޭތީ ދައުލަތުން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު، ތިން މަސް ދުވަހަަށެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާ ދޫކޮށްލަން އޭނާގެ ފަރާތުން އެދުމުން ދައުލަތުން ކޯޓުގައި ވެސް ދެކޮޅުހެދި އެވެ. އެއީ އޭނާ ބަންދުގައި ބަހައްޓަން ނިންމި، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ސަބަބު އަދިވެސް ހަމަ އެގޮތުގައި އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.

ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދަން ޝަރުތުކޮށްފަ އެވެ.

ލަމްހާ ދޫކޮށްލުމުގެ އަމުރު ބާތިލްކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ ހުށަހެޅުން ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ލަމްހާގެ މައްޗަށް ދައުލަތުން ތުހުމަތުކުރާ ގޮތުގައި މޭރީ މަރާލުމުގައި މޭރީގެ ފިރިމީހާ މާވިން އަށް ލަމްހާ އެހީތެރިވެފައިވެ އެވެ. އަދި މޭރީ މަރާލި ވަގުތު ލަމްހާ އެ ގެޔަށް ދިޔަ ކަމަށާއި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދައްކަން ސީންއެއް ހެދި ކަމަށް ވެސް ތުހުމަތުކުރެ އެވެ. މޭރީގެ މަރަށް ފަހު ހެދި ޓެސްޓުތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު ލެއިން ފެނިފައި ވާއިރު އޭގެ އިންޖެކްޝަންތަކެއް ލަމްހާގެ ގެއިން ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ މި ތުހުމަތުތަކާ ގުޅޭ ތިން ދައުވާއެއް ލަމްހާއަށް ކުރެ އެވެ.

މާވިން އަށް މި މައްސަލާގައި، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައި ވާއިރު އޭނާ ވެސް ބަންދުން ދޫކޮށްދޭން އެދުނެވެ. އެކަމަކު ކޯޓުން ނިންމީ ބަންދު ދެމެހެއްޓުމަށެވެ.