Roadha Mihaaru
ޑިޔޯން އަށް އަނިޔާވެ ޔޫރޯގައި ނުކުޅެވޭނެ

ޑިޔޯން އަށް އަނިޔާވެ ޔޫރޯގައި ނުކުޅެވޭނެ، ކޫމަން ކުށްވެރި ކުރީ ބާސާ

11 ޖޫން 2024

ފައިނޯޑް (ޖޫން 11) – ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޯން އަށް އަނިޔާވެ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފައިނޯޑް (ޖޫން 11) – ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑި ޔޯން އަށް އަނިޔާވެ ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީން ވެއްޖެ އެވެ.

ޑި ޔޯންގެ ފައިގެ ކުޑަހުޅަށް ވަނީ އަނިޔާ ވެފަ އެވެ. ބާސެލޯނާގެ މިޑްފީލްޑަރަށް މި އަނިޔާ އެންމެ ފުރަތަމަ ކުރިމަތިވީ، ސީޒަންގެ ފަހު އެލްކްލެސިކޯ މެޗުގަ އެވެ. ލަލީގާގެ އެންމެ ފަހު ހަ މެޗުގައި އޭނާ ނުކުޅެ އެވެ.

އެކަމަކު އޭނާ ޓީމަށް ނަގަން ކޯޗު ރޮނަލްޑް ކޫމަން ނިންމީ، ޔޫރޯ އަށް ފިޓް ވާނެ ކަމުގެ އުންމީދުގަ އެވެ. ޑި ޔޯން ބުނީ ޔޫރޯގައި ނުކުޅެވޭނެކަން އެނގުމުން އޭނާ ވަރަށް ދެރަވި ކަމަށެވެ.

"އަހަރެންގެ ކުޑަ ހުޅަށް އަދި އިތުރު މުއްދަތު ބޭނުން ވޭ،" ޑި ޔޯން ބުންޏެވެ.

"ނެދަލެންޑްސްގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން، މި މުބާރާތުގައި އަހަރެން ވެސް ވާނީ ޓީމުގެ ސަޕޯޓަރަކަށް."

އުމުރުން 27 އަހަރުގެ ޑި ޔޯން އަށް ޔޫރޯގައި ނުކުޅެވޭ މައްސަލާގައި، ކޫމަންގެ ހަމަލާތައް އަމާޒު ކުރީ ބާސާ އަށެވެ. އޭނާ ބުނީ ކުޅުންތެރިޔާ އަނިޔާގައި ހުންނަ އިރު ޓީމުން ރިސްކެއް ނަގައިގެން ނުވާނެ ކަމަށެވެ.

"ފްރެންކީ އާ މެދު އޮތް ރިސްކަކަށް އެމީހުން ނުބަލާ. މިހާރު އޭގެ ދެރަ މި ލިބުނީ އަހަރެމެންނަށް،" ކުރިން ބާސާ އަށް ވެސް ކޯޗު ކޮށްދިން ކޫމަން ބުންޏެވެ.

ހުކުރު ދުވަހުގެ ރޭ ފަށާ ޔޫރޯ ގައި ނެދަލެންޑްސް ހިމެނެނީ ފްރާންސާއި ޕޮލެންޑް އަދި އޮސްޓްރިއާ އާ އެކު ގުރޫޕް ޑީ ގަ އެވެ. ނެދަލެންޑްސްގެ ފުރަތަމަ މެޗުގައި އަންނާ އާދިއްތަ ދުވަހު ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން އެދުވަހު ހަވީރު ހައެއް ޖަހާއިރު އެވެ.