Roadha Mihaaru
ކުވައިތުގެ އިމާރާތެއްގައި ރޯވެ 49 މަރު

ކުވައިތުގައި ބިދޭސީން އުޅޭ އިމާރާތެއްގައި ރޯވެ 49 މަރު

13 ޖޫން 2024

ކުވައިތުގައި ބިދޭސީ މަސައްކަތްތެރިންގެ 200 ވަރަކަށް މީހުން އުޅޭ އިމާރާތެއްގައި އިއްޔެ އަލިފާން ރޯވެ 49 މީހަކު މަރުވެއްޖެ އެވެ.

ކުވައިތުގައި ބިދޭސީ މަސައްކަތްތެރިންގެ 200 ވަރަކަށް މީހުން އުޅޭ އިމާރާތެއްގައި އިއްޔެ އަލިފާން ރޯވެ 49 މީހަކު މަރުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުވައިތުގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ ހަ ބުރީގެ އިމާރާތުގައި އިއްޔެ ފަތިހު ރޯވެ އެތައް ބަޔަކު މަރުވެފައި ވާއިރު އެތައް ބަޔަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ބޮޑަށް ބެލެވެނީ އަލިފާން އެންމެ ފުރަތަމަ ރޯވީ އިމާރާތުގެ އެންމެ ތިރީގައި ކަމަށެވެ.

މި ހާދިސާގައި މަރުވި އަދަދު ކަމަށް އިންޓީރިއާ މިިސްޓްރީން އެންމެ ފުރަތަމަ ބުނި އަދަދަކީ 35 އެވެ. އެކަމަކު އެނދި އިމާރާތުގެ ތެރެއަށް ފޮރެންސިކް ޓީމުތައް ވަދެ އިތުރަށް ބެލުމަށް ފަހު މި އަދަދު 49 އަށް އަރާފައިވާ ކަމަށް ފަހުން ބުންޏެވެ.

ކުވައިތުގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުެ ފާރުތަކަށް ދުން އަރައި ކަޅުވެފައި. -- ފޮޓޯ: އޭއެފްޕީ

ކުވައިތުގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުެ ފާރުތަކަށް ދުން އަރައި ކަޅުވެފައި. -- ފޮޓޯ: އޭއެފްޕީ

އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ ކުވައިތުގައި ބިދޭސީ މަސައްކަތްތެރިން ގިނަ އަދަދަކަށް އުޅޭ މަންގަފް ސަރަހައްދުގައި ހުންނަ ތަނެކެވެ. ރޯވި އިމާރާތުގެ ވެރި ފަރާތުން އިންޓީރިއާ މިނިސްޓްރީއަށް ދިން މައުލޫމާތުގައިވާ ގޮތުން އެއީ 196 މީހަކު އުޅޭ އިމާރާތެކެވެ.

ތެލުގެ މުއްސަނދިކަން ބޮޑު ކުވައިތުގައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ ވަރަށް ބޮޑެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ މީހުން ގިނަ އެވެ. އެކަމަކު މި ހާދިސާގައި މަރުވި މީހުން ނިސްބަތްވާ ގައުމުތައް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

މިއީ މި ފަހުން ކުވައިތުގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާ އެއް ހާދިސާ އެވެ.

ކުވައިތުގައި 2009 ވަނަ އަހަރު ވަނީ ފިރިމީހާ ދެ އަންބަށް އެހެން މީހަކާ އިނދެ ކައިވެނީގެ ހަފްލާ ބޭއްވި ޓެންޓެއްގައި ދޮށީ އަނބި ގަސްތުގައި ރޯކޮށްލުމުގެ ސަބަބުން 57 މީހަކު މަރުވެފަ އެވެ. އޭނާ އެކަން ކުރީ ކައިވެނި ހަފްލާ ކުރިއަށް ދަނިކޮށް ޓެންޓަށް ޕެޓްރޯލް ޖަހައި ރޯކޮށްލައިގެންނެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރުވި އެ ހާދިސާއަށް ފަހު އެ އަންހެން މީހާގެ މައްޗަށް ޝަރީއަތް ހިންގައި 2017 ވަނަ އަހަރު ވަނީ ދަންޖައްސައި މަރާލައިފަ އެވެ.