Roadha Mihaaru

ސްޓެލްކޯ މުވައްޒަފު ނިޔާވި ހާދިސާގެ މައްސަލަ ބަލަން މަޖިލީހަށް

ހުޅުމާލޭ ބާ އިންޖީނުގޭގައި ސްޓެލްކޯގެ މުވައްޒަފަކު ކަރަންޓްގައި ޖެހި ނިޔާވި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުން ހޯދަން، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ސްޓެލްކޯ މުވައްޒަފު ނިޔާވި މައްސަލަ ބަލަން މަޖިލީހަށް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

17 ޑިސެމްބަރ 2025

ހުޅުމާލޭ ބާ އިންޖީނުގޭގައި ސްޓެލްކޯގެ މުވައްޒަފަކު ކަރަންޓްގައި ޖެހި ނިޔާވި ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންގެ މަޖިލީހުން ހޯދަން، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގެންނެވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) މެދުވެރިކޮށް އެ ހާދިސާގެ ކަންކަން ބެލުމާއި އަދި ސްޓެލްކޯގައި މަސައްކަތުގެ މާހައުލު އޮތް ގޮތާ ބެހޭ ގިނަ މައުލޫމާތުތަކެއް ހޯދުމަށެވެ.

މަޖިލީހުން ހޯދަން އެދުނު ބައެއް މައުލޫމާތު

- ނިޔާވި މީހާގެ އާއިލާއަށް ކޮމްޕެންސޭޝަން ދީފައިވާކަން ނުވަތަ ނޫންކަން

- އާއިލާއަށް ކުންފުނިން އެހީވާނެކަން ނުވަތަ ނޫންކަން

- ސްޓެލްކޯގައި މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ފުރިހަމަކޮށްފައިވާކަން ނުވަތަ ނޫންކަން.

- ރައްކާތެރިކަމަށް ހަދާފައިވާ އުސޫލުތައް

- ހާދިސާ ހިނގި ގޮތުގެ ތަހުގީގުގެ ތަފްސީލް

- އެފަދަ ހާދިސާއެއް ތަކުރާރުކުރަން އެޅި ފިޔަވަޅުގެ ތަފްސީލު

- ރިސްކް ރިޑަކްޝަން އަދި ރިސްކް އެސެސްމެންޓް އުސޫލު

- މުވައްޒަފުންނަށް ސިއްހީ ރައްކާތެރިކަން ދިނުމުގެ ނިޒާމު އޮތްގޮތް

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު 26 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު ތައިލެންޑުގައި ފަރުވާދެނިކޮށް ނިޔާވީ މިދިޔަ ހަފުތާގަ އެވެ.

އެ ހާދިސާގައި ނިޔާވި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ރޭ ވަނީ ރާއްޖޭގައި ވަޅުލައިފަ އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސުވިޗު ގިއާއަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން އަންނަނިކޮށް، ހިނގި އަލިފާނުގެ ހާދިސާގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހުނު އަޒްމީލް އިތުރު ފަރުވާ އަށް ތައިލެންޑަށް ގެންދިޔައީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގަ އެވެ.

އަޒްމީލްގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ބެލެހެއްޓީ ސްޓެލްކޯއިންނެވެ. އޭގެ ތެރޭގައި އިތުރު ފަރުވާ އަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންދިއުން ވެސް ހިމެނެ އެވެ. ސްޓެލްކޯއިން ކުރިން ބުނެފައިވަނީ އަޒްމީލްގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި، އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެ މުވައްޒަފުގެ އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސްޓެލްކޯ އިން ކުރިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން މިދިޔަ ނޮވެމްބަރު 26 ގައި ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.