Roadha Mihaaru
ބޮޑު އީދު: އިސްލާމްދީނުގެ އިމުން ބޭރު ނުވާން އެދިއްޖެ

އިސްލާމްދީނުގެ އިމުގެ ތެރޭގައި އީދު ފާހަގަކުރަން ސަރުކާރުން އަންގައިފި

14 ޖޫން 2024

އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު ދުވަހުގެ ކުޅިވަރުތައް އިސްލާމްދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުގެ ތެރޭގައި ހިފަހައްޓަން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިރޭ އަންގައިފި އެވެ.

އަންނަ އާދިއްތަ ދުވަހު ފާހަގަކުރާ މި އަހަރުގެ ބޮޑު އީދު ދުވަހުގެ ކުޅިވަރުތައް އިސްލާމްދީނާއި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުގެ ތެރޭގައި ހިފަހައްޓަން ލޯކަލް ގަވަމެންޓް މިނިސްޓްރީން މިރޭ އަންގައިފި އެވެ.

އަޟްހާ އީދާ ގުޅުވައިގެން ރާއްޖޭގައި ވަރަށް ގިނަ ކުޅިވަރު ހަރަކާތްތައް ފަށަން ތައްޔާރުވަމުން އަންނައިރު، ސަރުކާރުން ނެރުނު ސާކިއުލާއެއްގައި ގާނޫނުއަސާސީގެ 10 ވަނަ މާއްދާ (ހ) އާ ހަވާލާދީ ބުނީ، ދިވެހިން ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ.

އެ މާއްދާއާ ހަވާލާދީ، ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނީ، އީދުގެ ހުރިހާ ހަރަކާތްތައް ބާއްވަން ވާނީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާ ގޮތަށް ކަމަށެވެ.

ދެން ހަވާލާދިނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ އެވެ. އެ ގާނޫނުގެ އެއްވަނަ މާއްދާއާ ހަވާލާދީ، އެ މިނިސްޓްރީން ބުނީ، ދިވެހި ރައްޔިތުންނަކީ އިސްލާމްދީނުގެ އަހުލުވެރިން ކަމަށް ވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަދި އެއް ގައުމިއްޔަތެއް ހިއްސާކުރާ ބަޔަކަށް ވުމާ އެކު، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

"އެހެންކަމުން އީދުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުމުގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ރިއާޔަތް ކުރެއްވުން،" ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ސޮއިކުރައްވައި ނެރުއްވި ސާކިއުލާގައި އެދިވަޑައިގެންފައި ވެ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި އަތޮޅު ކައުންސިލްތަކަށް ހާއްސަކޮށް ނެރުނު ސާކިއުލާގައި ވަނީ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ކ) އާއި (ޅ) ގައި ބުނާ ވާހަކަތައް ވެސް ހަނދާން ކޮށްދީފަ އެވެ.

އެ ދެ އަކުރުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށާއި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒު ކޮށްދޭ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އުޅުމަށެވެ.

ސަރުކާރުން އެދުނީ އެ މާއްދާއާ ވެސް ހިލާފު ނުވާ ގޮތަށް އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.