Roadha Mihaaru
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ

އިސްލާމީ އަހުލާގައި ސަގާފަތާ ތައާރުޒު ނުވެ އީދު ފާހަގަކުރަން މިނިސްޓަރު ޝަހީމް އެދިވަޑައިގެންފި

17 ޖޫން 2024

އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޒު ނުވާ ގޮތައް އީދު ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޒު ނުވާ ގޮތައް އީދު ފާހަގަކުރުމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މި ފަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ތަފާތު އެކި ކުޅިވަރުތައް ބާއްވަމުން އަންނަ ދަނޑިވަޅުގައި ޝަހީމް "އެކްސް" ގައި ލިޔުއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، އީދަކީ އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރައްވާފައިވާ ނިއުމަތެކެވެ.

"އީދުގެ އުފާވެރިކަން ފާޅުކުރުން އޮންނަން ވާނީ ﷲ ރުހިވޮޑިގަންނަވާ އިމުގެ ތެރޭގައި. އިސްލާމީ އަހުލާގާއި ސަގާފަތާ ތައާރުޒު ނުވާ ގޮތަށް އީދުގެ އުފާވެރިކަން ފާޅުކުރުމަށް ލޮބުވެތި އަހުންނާއި އުހުތުންނަށް އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝަހީމް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝަހީމް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.

އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ބޮޑު އީދުގެ ތަހުނިޔާގެ މެސެޖުގައި އެ މަނިކުފާނު އެދިވަޑައިގަތީ، އިސްލާމީ އަހުލާގާއި ދިވެހިންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، 'ފުރެއްދެ' ސަގާފަތްތައް އީދުގެ އުފަލުގެ ތެރެއަށް މަސްހުނި ނުކުރުމަށެވެ.

"ކީރިތި ﷲގެ ހަޒުރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ އަމަލުތަކުގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ އެއްކަމަކީ މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލެއް ކުރުމެވެ. މެހުމާންދާރީ އަދާކުރުން، ސަދަގާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުއާއެއް ކޮށްދިނުން، ނުތަނަވަސް ކަމެއް ފިލުވައިދިނުން ފަދަ ﷲގެ ހަޒުރަތުގައި ދަރުމަ ހުރި އަމަލުތަކަށް އަވަސްވެގަތުމެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

އީދު ފާހަގަކުރަން ތައްޔާރު ވެފައި ވަނިކޮށް، ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ އިސްލާމީ އިމުގެ ތެރޭގައި ހަރަކާތްތައް ބާއްވަން އެދި ލޯކަލް ކައުންސިލްތަކަށް އަމާޒުކޮށް ސާކިއުލާއެއް ވެސް ނެރެފަ އެވެ.

ގާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނާ ހަވާލާދީ، އެ ސާކިއުލާގައި މައިގަނޑު ގޮތެއްގައި ބުނީ، އީދުގެ ހުރިހާ ހަރަކާތްތައް ބާއްވަން ވާނީ އިސްލާމްދީނުގެ އަސާސްތަކާ ހިލާފު ނުވާ ގޮތަށް ކަމަށެވެ.

ރައީސް މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޝަހީމް އަދި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އިތުރުން ބައެއް ދީނީ އިލްމުވެރިން ވެސް ގެންދަނީ އީދު ފާހަގަކުރުމުގައި އިސްލާމީ އަހުލާގާއި އުސޫލުތަކުން ބޭރު ނުވުމަށް އިލްތިމާސް ކުރަމުންނެވެ.