Roadha Mihaaru
ބަނދަރު ހެދުމަށް ތިން ކުންފުންޏަކާ މަޝްވަރާތައް

ތިލަފުށީގައި ކޮމާޝަލް ހާބަރު ހެދުމަށް ބޭރުގެ ތިން ފަރާތަކާ މަޝްވަރާ ކުރަނީ

23 ޖޫން 2024

ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލު ކުރުމުގެ މަސައްކަތް ހަވާލު ކުރާނެ ބަޔަކު އަދި ނުނިންމާ ކަމަށާއި އެކަމަކު އެ ކަމަށްޓަކައި ބޭރުގެ ތިން ކުންފުންޏަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިލަފުއްޓަށް ކޮމާޝަލް ހާބަރު ބަދަލު ކުރުމުގެ މަސައްކަތް ހަވާލު ކުރާނެ ބަޔަކު އަދި ނުނިންމާ ކަމަށާއި އެކަމަކު އެ ކަމަށްޓަކައި ބޭރުގެ ތިން ކުންފުންޏަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ، އެމްޕީއެލް އިން މިހާރު މަޝްވަރާތައް ކުރަނީ ޗައިނާގެ ޗައިނާ ހާބާ އިންޖިނިއަރިން ކުންފުންޏާއި ޔޫއޭއީގެ ދުބާއީ ޕޯޓު ވޯލްޑާއި ފިލިޕިންސްގެ އިންޓަނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ސާވިސަސް (އައިސީޓީއެސް) އާ އެކު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނިތަކާ ހަވާލު ކުރަނީ ބަނދަރު ހެދުމުގެ މަސައްކަތެވެ.

"ބަނދަރު ހިންގާނީ އެމްޕީއެލް އިން. ހިންގުމަށް އެއްވެސް ބަޔަކާ ހަވާލުކުރުމަށް މަޝްވަރާތަކެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، އަމާޒަކީ ބަނދަރު ހަދާނެ ކުންފުނި އަންނަ މަހު ކަނޑައަޅައި ސޮއި ކުރުން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާ ޕާޓީތަކުން އެ ބައެއް ބޭނުންވާ ޝަރުތުތައް ހުށަހަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނދަރު ހިންގާނީ އެމްޕީއެލް އިން. ހިންގުމަށް އެއްވެސް ބަޔަކާ ހަވާލުކުރުމަށް މަޝްވަރާތަކެއް ނުކުރޭ،"--- ވަޖީހު

މި ސަރުކާރުން ވަނީ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރަން ނިންމައިފަ އެވެ. އެ ކަމަށްޓަކައި ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އޮތީ އެމްޕީއެލްގެ ބޭނުމަށް 20 ހެކްޓަރު ހިއްކައިފަ އެވެ.

އެހެންވެ، އެ 20 ހެކްޓަރު ބަނދަރުގެ ހިދުމަތްތަކަށް ކަނޑައަޅައި އިތުރު 80 ހެކްޓަރުގެ ބިން ހިއްކުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ކުރަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. އެ ތަނުގެ ޑިޒައިނުގެ މަސައްކަތްތައް މިހާރު އަންނަނީ ފައިނަލް ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރަށް ބަނދަރުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކޮށް ހިދުމަތްތައް ދޭން ފެށުމެވެ.