Roadha Mihaaru

ވަޖީހު: އާމްދަނީ ހޯދޭނެ އެތައް ގޮތެއްގެ ހިސާބު ޖައްސަވައި، ނަތީޖާ ދެއްކުމާ ދިމާލަށް!

15 ފެބުރުއަރީ 2024

އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަށް ހާއްސަ އޮފީހަށް ވަން އިރު އޭނާ ހުންނެވީ، ވަރަށް ބިޒީކޮށް ފޯނެއްގަ އެވެ. ފޯނުން ވާހަކަ ދައްކަވަމުން ވާތް ފަރާތުގައި ހުރި ބޮޑު ސްރީނަށް އިރުއިރުކޮޅާ ބައްލަވައިލައްވަ އެވެ. އޭނާ އެ ބައްލަވަނީ އެމްޕީއެލުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރުމަށް ގެންގުޅޭ ވެހިކަލްތަކާ ގުޅޭ ލައިވް އަޕްޑޭޓުތަކެވެ. މުދާ ކްލިއާ ކުރުމުގެ އަވަސް އަދި ލަސްވާ ވަރު އެ ސްކްރީން މެދުވެރިކޮށް އެެމްޕީއެލްގެ އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ގެންދެވީ ވަގުތުން ބައްލަވަމުންނެވެ. ކޮންމެ ގަޑިއިރަކު ކްލިއާ ކުރާ ކޮންޓެއިނާގެ އަދަދުތައް ވެސް ސާފުވެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަށް ހާއްސަ އޮފީހަށް ވަން އިރު އޭނާ ހުންނެވީ، ވަރަށް ބިޒީކޮށް ފޯނެއްގަ އެވެ. ފޯނުން ވާހަކަ ދައްކަވަމުން ވާތް ފަރާތުގައި ހުރި ބޮޑު ސްރީނަށް އިރުއިރުކޮޅާ ބައްލަވައިލައްވަ އެވެ. އޭނާ އެ ބައްލަވަނީ އެމްޕީއެލުން މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރުމަށް ގެންގުޅޭ ވެހިކަލްތަކާ ގުޅޭ ލައިވް އަޕްޑޭޓުތަކެވެ. މުދާ ކްލިއާ ކުރުމުގެ އަވަސް އަދި ލަސްވާ ވަރު އެ ސްކްރީން މެދުވެރިކޮށް އެެމްޕީއެލްގެ އާ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ގެންދެވީ ވަގުތުން ބައްލަވަމުންނެވެ. ކޮންމެ ގަޑިއިރަކު ކްލިއާ ކުރާ ކޮންޓެއިނާގެ އަދަދުތައް ވެސް ސާފުވެ އެވެ.

މިއީ އެމްޕީއެލް ހިންގުމާ ވަޖީހު ހަވާލުވެވަޑައިގެން ގެންނެވި ފުރަތަމަ އެއް ބަދަލެވެ.

"މި ސްކްރީން އެކަންޏެއް ނޫން. ކޮންޓެއިނާތައް ކްލިއާ ކުރާ ވަރު، ލަސްތޯ އަވަސްތޯ އަޅުގަނޑު ކޮންމެ ތާކު ހުއްޓަސް މިހާރު ބެލޭނެ. ފޯނުން ވަގުތު އެ މައުލޫމާތު ލައިވްކޮށް ފެންނާނެ. މިކަން ވަގުތުން ނުބަލައި ކިހިނެއްތޯ މަސައްކަތް އަވަސް ކުރުވާނީ،" މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެމްޕީއެލްގެ އެކި މަގާމުތައް ފުރުއްވި ވަޖީހު ވިދާޅުވި އެވެ.

އެ ބަދަލު ގެންނަނީ ދުވާލަކު 200 އެއްހާ ކޮންޓެއިނަރު ކްލިއާ ކުރާ އެ ކުންފުނީގެ މުޅި އޮޕަރޭޝަންގެ ލައިވް އަޕްޑޭޓް ބަލައި ޖެހޭ މައްސަލަތައް ދަނެގަނެ ޑިލޭވާ ސަބަބުތައް ވެސް ފަސޭހައިން ހޯދުމަށެވެ. މުދާ ކްލިއާ ކުރުމުގެ އެއްވެސް ކަމެއްގެ އަޕްޑޭޓެއް އޭނާ އަށް "ފޮރުވާފައި" އޮވެގެން ވާނެ ކަމަކަށް ވަޖީހު ގަބޫލު ނުކުރައްވަ އެވެ.

ވަޖީހު "މިހާރު" ގެ ނޫސްވެރިންނަށް އެމްޕީއެލްގެ އޮޕަރޭޝަން މަސައްކަތްތައް ކިޔާދެއްވަނީ. އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކުންފުނީގެ އާމްދަނީ ބޮޑު ކުރުމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވަޖީހު "މިހާރު" ގެ ނޫސްވެރިންނަށް އެމްޕީއެލްގެ އޮޕަރޭޝަން މަސައްކަތްތައް ކިޔާދެއްވަނީ. އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކުންފުނީގެ އާމްދަނީ ބޮޑު ކުރުމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މި ސަރުކާރުގައި އެމްޕީއެލްގެ އެންމެ އިސްވެރިޔާގެ މަގާމާ ވަޖީހު ހަވާލުވެވަޑައިގެންނެވިއިރު، އޭނާ އަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ މުވައްޒަފުންގެ އަދަދު ގިނަ ކަމާ އެކު މުސާރަ އާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީގެ 60 ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް ހޭދަކުރަން ޖެހެނީ މުވައްޒަފުންގެ މުސާރަ އަށާއި އިނާޔަތްތަކަށެވެ.

"އާންމުކޮށް ކޯޕަރޭޓް ގަވަނަންސްގައި ބުނަނީ ކުންފުންޏެއް އެންމެ ރަނގަޅަށް ހެލްތީކޮށް ހިންގަން ބޭނުން ނަމަ ޕޭރޯލަށް ހަރަދު ކުރަން ޖެހޭނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީ 30-40 ޕަސެންޓާ ދެމެދުގެ އަދަދެއް. އެކަމަކު އަޅުގަނޑުމެން [ވެރިކަމާ] ހަވާލުވިއިރު ވެސް އެބަ ހަރަދު ކުރެވޭ 60 ޕަސެންޓަށް ވުރެ މަތީ ޕަސެންޓެއް [އެމްޕީއެލްގެ މުވައްޒަފުންގެ މުސާރަ އަށް]،" ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލްގައި މިހާރު ވެސް 3،000 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ތިބިއިރު އެއްވެސް ދިވެއްސަކު އެ ކުންފުނިން ވަކިކުރާކަށް މި ސަރުކާރުން ބޭނުމެއް ނުވެ އެވެ. އަނެއްކޮޅުން އިތުރު ބަޔަކަށް ވަޒީފާ ވެސް ދޭން ޖެހެ އެވެ. އެހެންވެ، ޕްރޮމޯޝަންތަކާ އެކު، މުވައްޒަފުންގެ މުސާރަ އަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު "މިހާރު" އާ ވާހަކަ ދައްކަވަނީ. އެކުންފުނީގެ އަމާޒަކީ 2026 އަށް ވާ އިރަށް ޕޯޓު ބަދަލުކޮށް ނިންމާލުން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެމްޕީއެލްގެ ސީއީއޯ ވަޖީހު "މިހާރު" އާ ވާހަކަ ދައްކަވަނީ. އެކުންފުނީގެ އަމާޒަކީ 2026 އަށް ވާ އިރަށް ޕޯޓު ބަދަލުކޮށް ނިންމާލުން -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެ ހުރިހާ ކަމަކާ އެކު، އެމްޕީއެލަށް ކުރިމަތިވާނެ ބޮޑު ބުރައިން އެ ކުންފުނި ސަލާމަތް ކޮށްދިނުމަށްޓަކައި ވަޖީހުގެ ހުރިހާ ފޯކަސް ހުރީ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދުމަށެވެ. ރެއާއި ދުވާލު އޭނާގެ މަސައްކަތަކީ އެ މަގު ކޮށުމެވެ. ވަޖީހަށް ފެނިވަޑައިގަތީ އެމްޕީއެލް މިހާތަނަށް ކުރިއަށް ގެންދިޔައީ "ކޮންޓެއިނަރުކޮޅު އޮޕަރޭޓް ކޮށްގެން" ލިބޭ ފައިސާއިން ކަމެވެ.

"ލިބެން ހުރި އެހެން ރިސޯސްތަކުގެ ބޭނުންކޮށްގެން އާމްދަނީ ހޯދުމެއް [މިހާތަނަކަށް] ނެތް. އެހެންވީމާ އަޅުގަނޑު ބެލީ ވީހާ އަވަހަކަށް އިތުރު މަސައްކަތެއް ކޮށްގެން ކުންފުންޏަށް ލާރި ހޯދަން،" ވަޖީހު ވިދާޅުވި އެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް އަދި ނުވެ އެވެ. އޭނާ ވަނީ އެމްޕީއެލްގެ އާމްދަނީ އިތުރު ކުރެވޭނެ އެތައް ކަމެއް ކަރުދާހަށް ނަންގަވައިފަ އެވެ. ހިސާބު ޖައްސަވައިފަ އެވެ. އަބަދުވެސް ހިސާބަށް ބައްލަވައިގެން މަސައްކަތް ކުރައްވާ ބޭފުޅަކަށް ވާތީ ކުންފުންޏަށް ފައިދާވާ ގޮތަށް ނޫނީ ހިސާބު ޖައްސަވަން އޭނާ ބޭނުމެއް ނުވެ އެވެ.

އޭގެ ތެރޭގައި މި ސަރަހައްދުގައި ނެތް ވަރުގެ ބޮޑު ޑޮކްޔާޑެއް ތިލަފުށީގައި ހެދުމާއި ބަންކަރިންގެ ހިދުމަތް ދިނުމާއި ބޯޓު ޔާޑަކާއި ރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ އިންޖިނިއަރިން ވޯކްޝޮޕް އެމްޕީއެލުން ހިންގުން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން މި އަހަރުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތެވެ. އައްޑޫ ޕޯޓުގައި ބަންކަރިންގެ ހިދުމަތް އަންނަ މަހު ފަށަން މިހާރު ތައްޔާރުވެއްޖެ އެވެ.

ވިޔަފާރި ބަނދަރު 2026 ވަނަ އަހަރު ތިލަފުއްޓަށް ބަދަލު ކުރަނީ

މާލޭ ކޮމާޝަލް ހާބަރު ތޮއްޖެހި، އެ ތަނުގައި ހިދުމަތް ދޭން އުނދަގޫވެ، އެންމެ ފުރިހަމަ އަށް ހިދުމަތްތައް ނުދެވި އޮންނަ މައްސަލައަށް ހައްލެއް ހޯދުމަށް މިދިޔަ 10 އަހަރު ތެރޭގައި ވެސް މަސައްކަތްތަކެއް ކުރި އެވެ. ޕޯޓު ބަދަލު ކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވީ ގުޅިފަޅަށް ކަމަށް ވިޔަސް، މި ސަރުކާރުން މިހާރު ވަނީ މައި ޕޯޓު ތިލަފުއްޓަށް ބަދަލު ކުރަން ނިންމައިފަ އެވެ.

އެކަމަށް ގާތްގަނޑަކަށް 100 ހެކްޓަރުގެ ބިން ހިއްކަން ޖެހެ އެވެ. އޭގެ ތެރެއިން ކުރީގެ ސަރުކާރުން އޮތީ، އެމްޕީއެލްގެ ބޭނުމަށް 20 ހެކްޓަރު ހިއްކައިފަ އެވެ. އެހެންވެ، އެ 20 ހެކްޓަރު ބަނދަރުގެ ހިދުމަތްތަކަށް ކަނޑައަޅައި އިތުރު 80 ހެކްޓަރު ބިން ހިއްކުމަށް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. އެ މަސައްކަތް ކުރަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. އެ ތަނުގެ ޑިޒައިނުގެ މަސައްކަތްތައް މިހާރު އަންނަނީ ފައިނަލް ކުރަމުންނެވެ. ޕްރޮޖެކްޓްގެ އަގު މާޗް މަސް ނިމެންވާ އިރަށް ފައިނަލްކޮށް، މަސައްކަތް ފެށޭ ވަރު ކަމަށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވި ގޮތުގައި، އެމްޕީއެލުން މިހާރު އެންމެ އިސްކަންދެނީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތަށެވެ. އެ މަސައްކަތް 2026 ގައި އެއްކޮށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ރާއްޖެ އަށް ގެންނަ މުދަލުގެ އަގު ބޮޑުވާ އެއް ސަބަބަކީ ޕޯޓުގެ އޮޕަރޭޝަންގެ ކޮސްޓް ބޮޑުވުން. އެހެންވެ، މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލުވުމުން ވިޔަފާރިވެރިންނަށް ވެސް ވަރަށް ބޮޑު ކޮސްޓެއް ކުޑަވާން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ނަތީޖާއަކީ އެންމެ ބޮޑެތި ބޯޓުގެ ތިން ބޯޓަށް އެއްފަހަރާ ހިދުމަތް ދިނުމުގެ ގާބިލްކަން ލިބުމެވެ. މިވަގުތު ވިޔަފާރި ބަނދަރަށް ގާތް ކުރެވެނީ ފަހަރަކު ބޯޓަކަށެވެ.

ވަޖީހު "މިހާރު" އާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އާ ޕޯޓުގައި އެއް ފަހަރާ ބޮޑު ކާގޯ ބޯޓުތަކުގެ ތެރެއިން ތިން ބޯޓަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވަޖީހު "މިހާރު" އާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އާ ޕޯޓުގައި އެއް ފަހަރާ ބޮޑު ކާގޯ ބޯޓުތަކުގެ ތެރެއިން ތިން ބޯޓަށް އެއް ފަހަރާ ހިދުމަތް ދެވޭނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"އެ ތަނުގައި ޕޯޓެއްގެ ހުންނަން ޖެހޭ ހުރިހާ ވަސީލަތްތަކެއް ހުންނާނެ. ބޮންޑެޑް ވެއާހައުސް އަށް ހާއްސަ އޭރިއާއެއް އޮންނާނެ. އެއާ އެއްކޮށް، ފްރީ ޒޯން އޭރިއާއެއް ވެސް އެ ސަރަހައްދުގައި އޮންނާނެ. އެއީ ރީ-އެކްސްޕޯޓު ކުރުން ފަދަ ކަންކަމަށް،" އޭނާ ވިދާޅުވި އެވެ.

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މިހާރުގެ ވިޔަފާރި ބަނދަރުގެ ބިން ބަދަލުވާނީ ކްރޫޒު ޓާމިނަލަކަށެވެ. އެ ޓާމިނަލް ހިންގާނީ އޭރުން އެމްޕީއެލުންނެވެ. އެ ކަމަށް ބޭނުންވާ ހުއްދަތައް ވެސް ސަރުކާރުން ވަނީ ލިބިފަ އެވެ.

އެމްޕީއެލްގެ އާ ސީއީއޯ ވަޖީހު "މިހާރު" ގެ ނޫސްވެރިންނާ އެކު: މިހާރު ވެސް އެމްޕީއެލަށް އާމްދަނީ ހޯދޭނެ އެތައް ގޮތެއް ވަނީ އޭނާގެ ފޮތަށް ގެންނަވާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމްޕީއެލްގެ އާ ސީއީއޯ ވަޖީހު "މިހާރު" ގެ ނޫސްވެރިންނާ އެކު: މިހާރު ވެސް އެމްޕީއެލަށް އާމްދަނީ ހޯދޭނެ އެތައް ގޮތެއް ވަނީ އޭނާގެ ފޮތަށް ގެންނަވާފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާމްދަނީ އިތުރު ކުރަން ބައިނަލްއަގްވާމީ ފެންވަރުގެ ޑޮކްޔާޑެއް

އެމްޕީއެލްއަކީ ބޮޑު އާމްދަނީއެއް ވަންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް 2022 ވަނަ އަހަރު ވެސް ވަނީ 800 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެކަމަކު، ބޮޑު އަދަދެއް މުވައްޒަފުންގެ މުސާރަ އަށް ހޭދަކުރަން ޖެހޭތީ ވަޖީހުގެ ވިސްނުމުގައި އާމްދަނީ އިތުރު ކުރެވޭނެ އެއް ކަމަކީ ބައިނަލްއަގްވާމީ ފެންވަރުގެ ޑޮކްޔާޑެއް ހެދުމެވެ.

ވަޖީހު ބައެއް ލިޔެކިޔުންތަކުގައި ސޮއި ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވަޖީހު ބައެއް ލިޔެކިޔުންތަކުގައި ސޮއި ކުރަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތާ އެއްވަރަށް އެ ކުންފުންޏަށް ތިލަފުށީގެ އެހެން ސަރަހައްދަކުން ލިބިފައިވާ ބިމުގައި އާމްދަނީ ވަންނާނެ ތިން ކަމެއް އެ ކުންފުނިން ކުރަން އަންނަނީ މިހާރު ވެސް ތައްޔާރުވަމުންނެވެ. އެއް ކަމަކީ އެތަނުގައި ފެންވަރު ރަނގަޅު ބައިނަލްއަގްވާމީ ސްޓޭންޑާޑަށް ފެތޭ ޑޮކްޔާޑެއް ހެދުމެވެ.

"މިތަނުގެ ވެސަލްތައް ހިދުމަތް ނުދެވިގެން އަވަށްޓެރި ސްރީ ލަންކާ އަށް ދާން ޖެހެނީ. އަޅުގަނޑުގެ ޓާގެޓަކީ ސްރީ ލަންކާގެ ބޯޓުތައް ހިދުމަތް ހޯދަން މި ޑޮކްޔާޑަށް އައުން،" ފުވައްމުލަކަށް އުފަން ވަޖީހު ވިދާޅުވި އެވެ.

ޑޮކްޔާޑަކީ، ބޯޓު ފަހަރަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ނުވަތަ މެއިންޓަނެންސަށް އެހެލާފައިވާ ބާއްވާ ސަރަހައްދެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަޖީހު ވާހަކަދައްކަވަނީ. އެކުންފުނިން އަންނަނީ ތިލަފުށީގައި ޑޮކްޔާޑެއް އެޅުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަޖީހު ވާހަކަދައްކަވަނީ. އެކުންފުނިން އަންނަނީ ތިލަފުށީގައި ޑޮކްޔާޑެއް އެޅުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޑޮކްޔާޑުގެ އިތުރުން ބޯޑު ޔާޑެއް ހެދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އިންޖިނިއަރިން ވޯކްޝޮޕެއް ވެސް ތިލަފުށީގައި ހަދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.

"މި އަަހަރުގެ ތެރޭގައި ބޯޑްޔާޑު ނިންމައިލާނަން. ދެން ޑޮކްޔާޑު މި އަހަރު އެއްކޮށް ނުނިމިދާނެ. އެކަމަކު މި ތިން ތަނުން ހިދުމަތް ދޭން ފެށީމާ އެ ތަން ވެގެން ދާނެ ކޭޝް ކައު އަކަށް. ހަމަ ލާރި ވިހާ ގެރިއަކަށް ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

ފެނަކަ އޮފީސް ހިންގާ އިމާރާތް ތަޅާލައި 25 ބުރިއަށް

އެމްޕީއެލަށް އާމްދަނީ އިތުރުކުރަން ވަޖީހުގެ ސިކުނޑީގައި ދެން އޮތީ އެ ކުންފުނިން މީގެ އެތައް އަހަރެއް ކުރިން އިމާރާތްކޮށް، އެހެން އޮފީސްތަކަށް ކުއްޔަށް ދޫކޮށްފައިވާ ޕޯޓް ބިލްޑިންގް ނުވަތަ ފެނަކަ އޮފީސް ހިންގާ އިމާރާތް ތަޅާލައި 25 ބުރިއަށް ހެދުމަށެވެ. އެ އިމާރާތުގެ ފުރަގަހުން ވެސް އެމްޕީއެލްގެ ބޮޑު ބިމެއް ހުސްކޮށް އޮންނާތީ 25 ބުރީގެ އިމާރާތް ހަދަނީ އެ ބިން ވެސް ހިމަނައިގެންނެވެ.

"މި ރާއްޖޭގައި ހުރި އެއް ނަމްބަރު ބިލްޑިންގަށް އެ ތަން ވެގެން ދާނެ. ހުރިހާ ވަސީލަތެއް އެތާނގައި ހުންނާނެ. އެ މަސައްކަތަށް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ބަޔަކު ހޯދިފައި. ކޮންޓްރެކްޓަ ފައިނޭންސް އެއީ. އަޅުގަނޑުމެން އަދި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހުރީމާ ކުޑަކުޑަ ޑިލޭއެއް އަންނަނީ. އެހެން ނަމަވެސް މާޗު މަސް ނިމި އޭޕްރީލް މަހު ހިސާބުގައި ރަނގަޅު ޕާޓީއަކާ ހަވާލު ކުރެވޭނެ،" ވަޖީހު ވިދާޅުވި އެވެ.

އެމްޕީއެލުން ނިންމާފައި ވަނީ އެ އިމާރާތުގައި އޮފީސް ބައިތަކުގެ އިތުރުން ޖިމަކާއި ކުޅިވަރުތަކާ ގުޅޭ ކަންކަމާއި އެކޮމަޑޭޝަންތައް ވެސް ގާއިމުކުރާ ގޮތަށެވެ.

ހުޅުމާލޭގެ ބޮންޑެޑްވެއާ ހައުސް ފުޅާކުރަނީ

ހުޅުމާލޭގައި އެމްޕީއެލުން ހިންގާ ބޮންޑެޑްވެއާ ހައުސްގެ ޑިމާންޑު މިހާރު ވެސް ވަރަށް ބޮޑު ކަމަށް ވަޖީހު ވިދާޅުވި އެވެ. ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިވެރިން ތިބީ ހިދުމަތަށް އެދި ކިއޫގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ އެ ބޭފުޅުން ޕޭ ކުރާނީ ޔޫއެސްޑީ އިން. ޑޮލަރުން ޕޭ ކުރާނީ. އަޅުގަނޑުގެ ސުވާލަކީ ކީއްވެގެންތޯއޭ އެކަން ނުވާންވީ؟ އެހެންވީމާ އިތުރަށް ބޮންޑެޑްވެއާ ހައުސް ފުޅާވެގެންދާނެ. ފުޅާވެގެން ދިޔައީމާ ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ވެގެން ދާނެ،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ކަންކަން ނިމޭނެ ކަމަށެވެ.

ހުޅުމާލޭގައި އޮންނަ އެމްޕީއެލްގެ ބޮޑު ބިމުގައި އޮފީސް އިމާރާތެއް ހެދުމަށް ވެސް މިހާރު ވަނީ ނިންމައިފަ އެވެ. އެ ތަން ހަދަނީ ސާވިސް ބިލްޑިންގެއް ނުވަތަ ކުއްޔަށް ދޫކޮށްގެން އެމްޕީއެލަށް އާމްދަނީ ހޯދާށެވެ.

އައްޑޫ ޕޯޓުގައި ބަންކަރިންގެ ހިދުމަތް ފަށަނީ!

ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި ޕޯޓެއް ހިންގާއިރު ވަޖީހު ވިދާޅުވީ، އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ފެންވަރަށް އެ ތަން ތަރައްގީ ވެފައި ނެތް ކަމަށެވެ. ހިދުމަތްތައް މާ ފުޅާކޮށް އަދި ވަޒީފާ ވެސް އިތުރު ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ވަޖީހަށް ފެނިވަޑައިގަންނަވަނީ އައްޑޫ ޕޯޓުގައި މިހާރު ވެސް ބަންކަރިންގެ ހިދުމަތް ދެވިދާނެ ކަމަށެވެ. އައްޑޫ ޕޯޓަށް މިހާރު ވެސް ބޮޑު ތިން ބޯޓެއް ކޮންމެ މަހަކު އާންމުކޮށް ދާއިރު، ބަންކަރިންގެ ހިދުމަތް ނެތުމުގެ ދަތިކަން އިންތިހާ އަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. ޔޮޓްފަހަރުތަކަށް ވެސް ހަމަ އެ އުނދަގޫ އެބައޮތެވެ.

"އެހެންވެ، އަޅުގަނޑު މި ނިންމީ އެ ތަނަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން މި މަހު ނަގައި މި އަންނަ މާޗު މަހުގެ 5 ގެ ކުރިން ހިދުމަތް ފަށަން،" ވަޖީހު ވިދާޅުވި އެވެ.

އެކަމަކު މި ތިން ތަނުން ހިދުމަތް ދޭން ފެށީމާ އެ ތަން ވެގެން ދާނެ ކޭޝް ކައު އަކަށް. ހަމަ ލާރި ވިހާ ގެރިއަކަށް ވެގެން ދާނެ،"--- ވަޖީހު

މިދިޔަ ހަފުތާގެ ބަންދުގައި އޭނާ ވަނީ އައްޑު އަށް ވަޑައިގެން އެ ކަމާ ގުޅޭ ކަންކަން ގާތުން ބައްލަވައިފަ އެވެ. ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ފެނާއި ތެޔޮ ފޯރުކޮށްދެވޭނެ ގޮތްތައް މިހާރު އަންނަނީ ފަހިކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާ އެކު، އައްޑޫގެ ޕޯޓު ކީ ވޯލުން ބަންކަރިންގެ ހިދުމަތް ދެވޭނެ. އޮފްޝޯ ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި ހުޅުދޫ، މީދޫގައި އަޅުގަނޑުމެން ގާއިމުކުރާނަން ވަކި ކަހަލަ ވަސީލަތްތަކެއް. އެ ބައި ފުޅާކޮށްލާނީ. އަޅުގަނޑުގެ ވިސްނުމަކީ މި ފަސް އަހަރުގެ ތެރޭގައި އެ ހިދުމަތް ވެސް ވަރަށް ފުޅާކޮށްލުން،" ވަޖީހު ވިދާޅުވި އެވެ.

100 މިލިއަން ރުފިޔާ 30 ޕަސެންޓަށް ބޮޑުކުރުމުގެ އަޒުމުގައި

ވަޖީހު ނިންމަވާފައިވާ ކަންކަން ހާސިލް ކުރެވިއްޖެ ނަމަ އޭނާ ވިދާޅުވީ، އެމްޕީއެލްގެ ފައިދާއަށް މިހާރު ލިބޭ 100 މިލިއަން ރުފިޔާ އިތުރު 30 ޕަސެންޓަށް ބޮޑު ކުރެވޭނެ ކަމަށެވެ. އެކަން ހާސިލުކުރުމަށްޓަކައި ފަހަތަށް ބެލުމެއް ނެތި އާމްދަނީ ވަންނާ ގޮތްތައް ހޯދުމުގެ މަސައްކަތް އޭނާ ކުރައްވަ އެވެ.

ކޮންމެ ދުވަހެއްގެ އޮޕަރޭޝަން އެހާ ގާތުން ބައްލަވަނީ ވެސް ކުންފުނީގެ ކަންކަން ނުހުއްޓި ކުރިއަށް ގެންދޭނެ ގޮތްތައް ފަހި ކުރުމުގެ ބޭނުމުގަ އެވެ. ކޮންމެ 24 ގަޑިއިރަކު، 48 އަށް ގަޑިއިރަށް ފުދޭވަރަށް އޭނާ މަސައްކަތް ކުރައްވާ ކަމަށް ވަޖީހު ވިދާޅުވި އެވެ. ބޭނުންވަނީ ބޮޑު ބަދަލެއް ކުރު މުއްދަތެއްގެ ތެރޭގައި ނެރުމެވެ.