Roadha Mihaaru
"އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލު ނުދޭނެ"

އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލު ނުދޭނެ: މިނިސްޓަރު

23 ޖޫން 2024

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތުގައި ރެނދެއް ލުމުން، އެ ސްކޫލާ މެދު ބައެއް ބެލެނިވެރިން ސުވާލު އުފެއްދި ނަމަވެސް އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލު މިހާރު ހިންގާ ބިން އަދި އެހެން ސްކޫލެއް ވެސް އެ ތަނަށް ބަދަލެއް ނުކުރާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތުގައި ރެނދެއް ލުމުން، އެ ސްކޫލާ މެދު ބައެއް ބެލެނިވެރިން ސުވާލު އުފެއްދި ނަމަވެސް އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލު މިހާރު ހިންގާ ބިން އަދި އެހެން ސްކޫލެއް ވެސް އެ ތަނަށް ބަދަލެއް ނުކުރާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ދެއްވައިފި އެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން އޭރުގެ އެމްއީއެސް އަށް ހާއްސަކުރި އަދި މިހާރު އިއްޒުއްދީން ސްކޫލު ހިންގާ އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެސެސްމެންޓެއް ހަދަމުންނެވެ.

ސްކޫލުގެ ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ މިނިސްޓްރީން ވަނީ އެސެސްމަންޓުގެ ނަތީޖާ އަށް ބަލައި ކުދިން އެހެން ތަނަކަށް ބަދަލު ކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އެ ކަމާ މެދު ވަކި ގޮތެއް ނިންމާނީ އިންފްރާސްޓްރަކްޗަރު މިނިސްޓްރީގެ އެސެސްމަންޓް ރިޕޯޓު ލިބުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިއްޒުއްދީން ސްކޫލް މިހާރު ހިންގާ އިމާރާތާ ޖެހިގެން ހުންނަ ވިލާ ކޮލެޖަށް އެ ސްކޫލް އިމާރާތް ދޭން އުޅޭ ކަމަށް ބައެއް ބެލެނިވެރިންނާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން މިނިސްޓަރު އިސްމާއިލް އެކަން ދޮގުކުރެއްވި އެވެ.

އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާ ކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން،"--- މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލް ނުދޭނެ ކަމަށެވެ. އެހެން ސްކޫލެއް ވެސް އެ އިއްޒުއްދީން އިމާރާތަށް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާ ކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން،" އިސްމާއިލް ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވީ، އިއްޒުއްދީން ސްކޫލު ބަންދުކުރަން ނުވަތަ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެ ސްކޫލާ މެދު އަމަލުކުރަން ޖެހޭ ގޮތެއް ނިންމާނީ އެސެސްމެންޓް ހަދައި އޭގެ ނަތީޖާ އަށް ބެލުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރެނދު ހުރި ކަން ފާހަގަ ވެގެން ދެ ޓީމެއް ގެންގޮސްގެން ބެލި ކަމަށާއި ކުދިންނަށް ކިޔަވައިދޭން ބޭނުންކުރަން އެ އިމާރާތް ރައްކާތެރި ނޫން ކަމަށް އެ ޓީމުތަކުން ބުނި ކަމަށް، ޕްރިންސިޕަލާ ހަވާލާދީ ވާހަކަދެއްކި ބައެއް ބެލެނިވެރިން ބުނެފައި ވެ އެވެ.

އެ ރެނދުގެ މައްސަލަ ފާހަގަވުމާ އެކު، އިއްޒުއްދީން ސްކޫލްގެ ބައެއް ބެލެނިވެރިން ދަނީ އެކި ކަހަލަ ވާހަކަތައް ދައްކަމުންނެވެ. އޭގެ ތެރޭގައި އެ ތަން ވިލާ ކޮލެޖަށް ދިނުމާއި ސީއެޗްއެސްއީގެ އިމާރާތެއްގެ ގޮތުގައި ބޭނުންކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ހިމެނެ އެވެ. އެ ހުރިހާ ތުހުމަތުތައް ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދޮގު ކުރަމުންނެވެ.

ދެން ވާހަކަ ދެއްކީ އިއްޒުއްދީން ސްކޫލްގެ ކުދިން ކައިރީގައި ހުރި ދަރުވަމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އެވެ. އެކަމަކު، އެ ކަމާ މެދު ވެސް ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. އެ ސްކޫލްގައި މި އަހަރު ގްރޭޑް 10 އަށް ކިިޔަައިދޭން ފަށާފައިވާއިރު ކުދިންގެ އަދަދު 600 އަށް ވުރެ މައްޗެވެ.