Roadha Mihaaru
އިއްޒުއްދީނު އިމާރާތުގައި ރެނދެއް، ރައްކާތެރިތޯ ބަލަނީ

އިއްޒުއްދީން ސްކޫލު އިމާރާތުގައި ރެނދެއް، ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހަދަނީ

06 ޖޫން 2024

އިއްޒުއްދީން ސްކޫލު އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހަދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިއްޒުއްދީން ސްކޫލު އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެސެސްމެންޓެއް ހަދަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ ރެނދު ލާފައި ވަނީ އެ ސްކޫލުގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގެ ބައެއްގަ އެވެ.

އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ސްކޫލްގެ މެނޭޖުމަންޓުން މިއަދު ހަވީރު އިއްޒުއްދީން ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރުމާ އެކު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ "މިހާރު" އިން ސުވާލު ކުރުމުން ވިދާޅުވީ އެ ސްކޫލުގެ ސްޓްރަކްޗަރުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ.

އެހެންވެ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ސާވޭއެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ދެން އަމަލު ކުރަން ޖެހޭ ގޮތެއް އެނގޭނީ އެސެސްމަންޓަށް ފަހު ރިޕޯޓު ލިބުމުން ކަމަށް ޑރ. އިސްމާއިލް ވިދާޅުވި އެވެ.

"ސްކޫލު މަރާމާތު ކުރެވޭތޯ، ނޫންތޯ އެނގޭނީ އެސެސްމެންޓަށް ފަހު،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް."

މީގެ ތިރީހަކަށް ކުރިން އޭރުގެ އެމްއީއެސް އަށް ހާއްސަކުރި އިމާރާތުގައި ރެނދެއް ލައި، އެކަން ސަމާލުކަމަށް އައުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްގެ މެނޭޖުމަންޓުން ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، "މިހާރު" އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް މިނިސްޓްރީގެ ޓީމުން ބުނި ކަމަށެވެ.

"ޕްރިންސިޕަލް ވިދާޅުވީ، އެ ރެނދު ހުރިކަން އޭނާ އަށް ފާހަގަވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށް. އޭގެ ފަހުން އެޑިއުކޭޝަން މިނިސްޓަރު ވެސް ވަޑައިގެން އެ ތަން ބެއްލެވި ކަމަށް ޕްރިންސިޕަލް ވިދާޅުވި،" އެ ބެލެނިވެރިޔާ ބުންޏެވެ.

އިއްޒުއްދީން ސްކޫލް: އެ އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ ރައްކާތެރިކަން މިހާރު އަންނަނީ ކަށަވަރު ކުރަމުން.

އިއްޒުއްދީން ސްކޫލް: އެ އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ ރައްކާތެރިކަން މިހާރު އަންނަނީ ކަށަވަރު ކުރަމުން.

ޕްރިންސިޕަލާ ހަވާލާދީ، ބެލެނިވެރިން ބުނީ ރެނދު ހުރި ކަން ފާހަގަ ވެގެން ދެ ޓީމެއް ގެންގޮސްގެން ބެލި ކަމަށާއި ކުދިންނަށް ކިޔަވައިދޭން ބޭނުންކުރަން އެ އިމާރާތް ރައްކާތެރި ނޫން ކަމަށް އެ ޓީމުތަކުން ބުނި ކަމަށެވެ.

އެކަމަކު، މިއަދުގެ ބައްދަލުވުމަށް ހާޒިރުވި ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އެފަދަ މައްސަލައެއް ފާހަގަވުމެވެ.

"ކުރިން ވެސް ރެނދެއް ލާފައި ހުރި ކަމަށް ބައެއް ބެލެނިވެރިން ބުނޭ. ފަހުން އެ ރެނދު ބޮޑުވީ ކަމަށް ވަނީ. މި އަށް ވުރެ ކުރިން މިކަން އެނގެން ވާނެ ކަމަށް އަޅުގަނޑުމެން ދެކެނީ. އިމާރާތުގެ ފެންވަރު ގޯސްކަން އެނގޭނީ ކުއްލިއަކަށް ނޫން،" ބެލެނިވެރިއަކު ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުގެ މެނޭޖުމަންޓުން ނިންމާފައި ވަނީ މި މައްސަލާގައި އިއްޒުއްދީނުގެ ބެލެނިވެރިންނާ އެކު ސިލްސިލާ ބައްދަލުވުންތައް ބާއްވާށެވެ. މިއަދު ބޭއްވީ އޭގެ ފުރަތަމަ ބައްދަލުވުމެވެ.

"އެޑިއުކޭޝަނުން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ، ސްކޫލުގެ ކިޔެވުން އެހެން ތަނަކަށް ބަދަލު ކުރާ ނަމަ ކުރާނީ މިހާރުގެ ވެސް މެނޭޖުމަންޓާ އެކު ކަމަށް. އޭރުން ވެސް ކިޔަވައިދޭނީ މިހާރެކޭ އެއްގޮތަށް އެއްދަންފަޅި އަށް ކަމަށް އޭނާ ވިދާޅުވި،"" ބެލެނިވެރިއަކު ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބެލެނިވެރިން ގާތު ބުނީ، އިމާރާތުގެ އެސެސްމަންޓް ރިޕޯޓު ލިބޭނީ ކުރިއަށް އޮތް ބޮޑު އީދަށް ފަހު ކަމަށެވެ.

އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. އެ ސްކޫލްގައި މި އަހަރު ގްރޭޑް 10 އަށް ކިިޔަައިދޭން ފަށާފައިވާއިރު ކުދިންގެ އަދަދު 600 އަށް ވުރެ މައްޗެވެ.