އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށް ފަހު ކަމަށް އެސެސްމަންޓް ރިޕޯޓުން ދައްކައިފި އެވެ.
04 ޖުލައި 2024
އިއްޒުއްދީން ސްކޫލްގެ އިމާރާތަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އެ އިމާރާތް ދިގު މުއްދަތަކަށް ދެން ބޭނުން ކުރެވޭނީ ބޮޑު މަރާމާތަކަށް ފަހު ކަމަށް އެސެސްމަންޓް ރިޕޯޓުން ދައްކައިފި އެވެ.
އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ ތިން ވަނަ ފަންގިފިލާގެ ބައެއްގައި ރެނދު ލާފައި ހުރުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެތަން ރައްކާތެރިތޯ ބަލަން އިންސްފާރްސްޓްރަކްޗާ މިނިސްޓްރީގެ އިންޖިނިއަރުން މެދުވެރިކޮށް މިދިޔަ މަހު އެސެސްމަންޓެއް ހަދައިފަ އެވެ. އެއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލް ބަންދުކޮށް، އެ ދަރިވަރުން ދަރުމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އިއްޒުއްދީންގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ސްކޫލްގެ ޕީޓީއޭއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު "މިހާރު" އަށް ބުނީ އެއީ ވަރަށް ދުވަސްވެފައި ހުރި އިމާރާތަކަށް ވުމުން އެ ތަން ބޭނުންކުރަން ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭ ކަމަށެވެ. މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް މިނިސްޓްރީއާ ހަވާލާދީ އޭނާ ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ހުށަހެޅުމަކީ އެ ބެލެނިވެރިޔާ ބުނިގޮތުގައި އިއްޒުއްދީން ސްކޫލުގެ މެނޭޖްމަންޓާ އެކު، އެއް ދަންފަޅި އަށް ކިޔަވައިދޭ އެހެން ސްކޫލަކަށް އެ ދަރިވަރުން ބަދަލު ކުރުމެވެ.
"މި އޮޕްޝަންގެ ސަބަބުން އިއްޒުއްދީންގެ ދަރިވަރުންނަށް ރަނގަޅު ވަސީލަތްތަކާއި ފުރުސަތުތައް ލިބިގެން ދާއިރު، މިހާރު ކިޔަވައިދޭ މޮޑެލްއާ އެކު، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގައި ކިޔެވުން ކުރިއަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ،" މިނިސްޓަރު ބޭއްވި ބައްދަލުވުމަށް ދިޔަ ބެލެނިވެރިއަކު ބުންޏެވެ.
"ބެލެނިވެރިންނާއި ދަރިވަރުން ވެސް އެހެން ސްކޫލްތަކުން ލިބެން ހުރި ޖާގަތަކަށް ބަލައި، މާލެ ސަރަހައްދުގެ އެހެން ސްކޫލަކަށް ބަދަލުވުމުގެ ފުރުސަތު ލިބިގެންދާނެ."
މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އިއްޒުއްދީންގެ ޕީޓީއޭއިން ވަނީ އެ ކަންކަމާ މެދު މަޝްވަރާކުރަން ވަކި ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށްފަހު ޕީޓީއޭއިން ބޭއްވި ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ އިއްޒުއްދީން ސްކޫލުގެ ނަމާއި އައިޑެންޓިޓީ ހިފަހައްޓަން ނުލިބުނަސް، ބޮޑު ސްކޫލެއްގައި އިއްޒުއްދީންގެ ފެންވަރު އެހެން ހަރުފަތަކަށް ގެންދިއުމަކީ ދަރިވަރުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް އެއްބަސްވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އިއްޒުއްދީންގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ. އެހެންވެ، އެ މިނިސްޓްރީ މި މައްސަލާގައި އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.
އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. އެކަމަކު، އެ ތަން ވަރަށް ބޮޑަށް ބާވެ، ފާރުތަކުގައި ރެނދުލާފައި ވާތީ މަރާމާތު ނުކޮށް ދިގު މުއްދަތަކަށް ބޭނުން ނުކުރެވޭނެ ކަމަށް އެސެސްމަންޓުން ދައްކާ ކަމަށް އެނގިފައި ވެ އެވެ. އިމާރާތުގައި ރެނދުލުމުގެ ސަބަބުން އިއްޒުއްދީން ސްކޫލްގެ ލައިބްރަރީ ވެސް ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އެންމެ ފަހުން ވިދާޅުވެފައި ވަނީ އިއްޒުއްދީން ސްކޫލު މިހާރު ހިންގާ ބިން އަދި އެހެން ސްކޫލެއް ވެސް އެ ތަނަށް ބަދަލެއް ނުކުރާނެ ކަމަށެވެ.
"އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާ ކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން،" އިސްމާއިލް ވިދާޅުވި އެވެ.
ސްކޫލު އިމާރާތްތަކުގެ ފެންވަރު ދަށީތަ؟ނުބެލެހެއްޓެނީތަ؟
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
"އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލު ނުދޭނެ"
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ޓީޗަރުން އެކަހެރިވީ ލީޑިން ޓީޗަރުގެ ޒިންމާއިން
އިއްޒުއްދީންގެ ދަރިވަރުން ގެއަށްދާނީ ނަމާދުކޮށް ކައިގެން
އިއްޒުއްދީން ސްކޫލު، ރައީސް ހުޅުއްވައިދެއްވައިފި
ތައުލީމީ އާ އަހަރު، އާ އުއްމީދުތަކަކާ އެކު
އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށައިފި